ޑްރޯން ހަމަލާއެއްގައި އަލްގައިދާގެ އިސް ލީޑަރަކު މަރާލާފައިވާ ކަމަށް އެމެރިކާގެ ޕެންޓެގަންއިން ހާމަކޮށްފިއެވެ.

ޕެންޓެގަން އިން ބުނީ އަލް ގައިދާގެ ލީޑަރު މަރާލާފައި ވަނީ ދެކުނު ސީރިޔާގައި ހިންގި އޮޕަރޭޝަނުގެ ތެރެއިން ކަމަށެވެ. ސެންޓްރަލް ކޮމާންޑުގެ ތަރުޖަމާނު އާމީ މޭޖާ ޖޯން ރިކްސްބީ ބުނީ މަރާލާފައި ވަނީ ހަނގުރާމަވެރި އަލް ގައިދާގެ އިސް ލީޑަރެއް ކަމަށްވާ އަބްދުން ހާމިދް އަލް މަރަތު ކަމަށެވެ.

އެމްކިއު-9 ގެ އަސްކަރީ މަތިންދާބޯޓެއް ބޭނުންކޮށް ދިން މި ހަމަލާގައި އިތުރު މީހަކަށް ގެއްލުންލިބިފައިވާކަމުގެ މައުލޫމާތު ލިބިފައި ނުވާކަމަށް ޕެންޓެގަން އިން ހާމަކުރެއެވެ.

އަލް ގައިދާގެ އިސް ލީޑަރަކު މަރާލުމުން އެ ޖަމާއަތުން ދުނިޔޭގައި ހިންގާ ނިރުބަވެރި ޖަރީމާތައް މަދުވާނެ ކަމަށްވެސް ޕެންޓެގަން އިން ހާމަކުރެއެވެ.

ސެޕްޓެމްބަރު މަހުގެ ފަހުކޮޅުވެސް އެމެރިކާއިން ވަނީ އަލް ގައިދާގެ އިސް ލީޑަރަކު މަރާލާފައި އެވެ. އެފަހަރު އެމެރިކާއިން މަރާލާފައި ވަނީ އަލްގައިދާއިން ސީރިޔާގައި ހަރަކާތްތެރިވާ އެންމެ އިސް ލީޑަރެވެ. އޭނާ އަކީ އެ ޖަމާއަތުން ހިންގާ ހަމަލާތަކަށް ފަންޑުކޮށް ހަމަލާތައް ރޭވުމުގައި އިސްކޮށް ހުންނަ ފަރާތެވެ.

އ.ދ އިން ނެރެފައިވާ ރިޕޯޓެއްގައި ބުނެފައިވާގޮތުން އަލްގައިދާ ހަނގުރާމަވެރިންގެ ބައެއް މީހުން ތާލިބާނުންގެ ބާރުގެ ދަށުގައި އޮތް އަފްޣާނިސްތާންގެ އެކި ހިސާބުތަކުގައި ދިރިއުޅެއެވެ. އަދި އޭޝިޔާގެ އެކި ސަރަހައްދުތަކުގައިވެސް އަލްގައިދާގެ ހަނގުރާމަވެރިން އުޅޭ ކަމަށް ރިޕޯޓުގައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހެހެހެކެކެ

    އެމެރިކާއިން ބޭނުންވީމަ އެހެން ގައުމުތަކުގެ ރައްޔިތުން ގަޔަށް ބަޑިޖަހާ މެރޭ. އަލްގައިދާ އަށްވުރެ އެމެރިކާ މާ ނުރައްކާތެރިޓެރަރިސްޓް ދައުލަތަކަށް ނުވޭތަ