ތިމާވެށީގެ މައްސަލަތައް ހައްލުކުރަން 290 މިލިއަން ޕައުންޑް (6.42 ބިލިއަން ރުފިޔާ) ދޭން އިނގިރޭސިވިލާތުން އެއްބަސްވެއްޖެއެވެ. އިނގިރޭސިވިލާތުން މިކަމަށް އެއްބަސްވެފައި ވަނީ އެގައުމުގެ ގްލަސްގޯގައި މިހާރު ކުރިއަށްދާ އދ.ގެ ތިމާވެށީގެ ބައްދަލުވުން ކޮޕް-26 ގައެވެ.

އިނގިރޭސިވިލާތުން ބުނާ ގޮތުގައި އެގައުމުން ފައިސާގެ އެހީ ދޭނީ އޭޝިއާ އާއި ޕެސިފިކްގެ ގައުމުތަކުގެ ތެރެއިން ތިމާވެށީގެ ނުރައްކާ އެންމެ ބޮޑު ގައުމުތަކަށެވެ. ނަމަވެސް އެހީތައް ވަކިވަކި ގައުމުތަކަށް ދޭނެ މިންވަރާއި އެހީތައް ދޭނެ ގައުމުތައް އަދި އިއުލާނެއް ނުކުރެއެވެ.

ކޮޕް-26 ސަމިޓް ނިމެން ކައިރިވެފައި ވާއިރު އަދިވެސް މިނިސްޓަރުންނާއި ޑިޕްލޮމެޓުން ދަނީ ތިމާވެށީގެ މައްސަލަތައް ހައްލު ކުރުމަށް އިތުރު އެހީތައް ހޯދުމުގެ މަޝްވަރާތައް ކުރަމުންނެވެ. އޮސްޓްރޭލިއާ، ކެނެޑާ، ޑެންމާކް، ޖަޕާން، ނިއުޒިލެންޑް، ނޯވޭ، ސްވިޒަލޭންޑް އަދި އެމެރިކާ އިން ވެސް އަދި އެހީގެ ގޮތުގައި ދޭނެ ފައިސާގެ އަދަދުތައް އިއުލާން ކުރާނެ ކަމަށް ބެލެވެއެވެ.

ކޮޕް-26 ގައި ގައުމުތަކުން ފައިސާގެ އެހީތައް ދޭނެ ކަމަށް އެއްބަސްވި ނަމަވެސް މީގެ ކުރިން ވެސް ސަމިޓްތަކުގައި އެއްބަސްވާ އެހީތައް ކުދި ގައުމުތަކަށް ނުލިބޭ ކަމުގެ ޝަކުވާތައް މިފަހަރުގެ ސަމިޓްގައި ވެސް ބައެއް ގައުމުތަކުން ވަނީ ކޮށްފައެވެ.

ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވެސް ވަނީ އެއްބަސްވެފައިވާ އެހީތައް ވެސް ގައުމުތަކުން ނުދޭކަން ފާހަގަ ކުރައްވާފައެވެ. ކޮޕް-26 ގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ޕެރިހުގައި 2015 ގައި ބޭއްވި ކޮޕް 21 ބައްދަލުވުމުގައި އަހަރަކު 100 ބިލިއަން ޑޮލަރު ދޭން ވައުދުވީ ނަމަވެސް، އެ ފައިސާގެ ތެރެއިން ގައުމުތަކަށް މިހާތަނަށް ލިބުނީ ކުޑަ މިންވަރެއް ކަމަށެވެ. މި ފައިސާ ލިބޭނެ ގޮތް ފަހިކުރުމުގެ ގޮތުން އަޅާނެ ފިޔަވަޅުތަކެއް ކަނޑައަޅަން ސަމިޓުގެ ބައިވެރިން ގާތު ރައީސް އެދިވަޑައިގެންނެވި އެވެ.

ކޮޕް-26 ސަމިޓް މިމަހުގެ 12 ވަނަ ދުވަހު ނިންމާލާނެއެވެ. ސަމިޓް ނިންމާލާއިރު އަދިވެސް ތިމާވެށީގެ މައްސަލަތައް ހައްލު ކުރުމަށް އެދެވޭ ރަނގަޅު ނިންމުންތަކެއް ނިންމިފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޖާމުނަގަރު

    ކަމެއް ނުކުރެވުނަސް ‘ އާދޭސްކޮށްގެންވެސް ފައިސާކޮޅެއް ކާލަން ގެނެވޭތޯކޮންމެސްބަލާ // އިސްތިއުފާ // އިސްތިއުފާ //

  2. Anonymous

    ތިޔައީ ބޭނުންވާކަމަކީ މިސަރުކާރު ލާރި ، ލާރި ބޭނުމީ.