ސްރީލަންކާގައި މަގުމަތީގައި ހިނގާ އެކްސިޑެންޓްތަކުން ޓެކްސް ނަގަން ހުށަހަޅައިފިއެވެ.

އެގައުމުގެ ފިނޭންސް މިނިސްޓަރު ބާސިލް ރާޖަޕަކްސަ ވިދާޅުވީ އާ ރެވެނިއު ޕްރޮޕޯސަލްތަކުގެ ދަށުން ވެހިކަލް އެކްސިޑެންޓްތަކުން ޓެކްސް ނެގުމަށް ހުށަހަޅާފައިވަނީ 2022 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓު ޑެފިސިޓް 8.8 ޕަސެންޓުގައި ހިފެހެއްޓުމަށް ކަމަށެވެ.

"އެކްސިޑެންޓުތަކާއި ދިމާވާ އުޅަނދުތަކުން ފީއެއް ނެގުމަށް ހުށަހަޅާފައިވާނީ. މި އިނީޝިއޭޓިވްގެ ތެރެއިން އިންޖީނުލީ އެއްގަމު އުޅަނދު އެކްސިޑެންޓްވުން މަދުކުރެވޭނެ ކަމަށް ލަފާކުރެވޭ" މަޖިލީހުގައި އޭނާ ވިދާޅުވެފައިވެއެވެ.

ނަމަވެސް، މަގުމަތީގެ އެކްސިޑެންޓްތަކުން ނަގަން ހުށަހަޅާފައިވާ ޓެކްސް އާއި ގުޅޭގޮތުން އިތުރު މައުލޫމާތު ހާމަކޮށްފައެއް ނުވެއެވެ.

ސްރީލަންކާގެ މަގުތަކަކީ ދުނިޔޭގައި އެންމެ ނުރައްކާތެރި މަގުތަކުގެ ތެރޭގައި ހިމެނޭ މަގުތަކެކެވެ. އެ ގަައުމުގައި އަހަރެއްގެ މައްޗަށް ހިނގާފައިވާ މަގުމަތީގެ އެކްސިޑެންޓްތަކަށް ބަލާއިރު، 3000 އަށްވުރެ ގިނަ މީހުން މަރުވެ، 25،000 އެއްހާ މީހުން ޒަޚަމްވެފައި ވެއެވެ.

މަޖިލީހުގައި ވާހަކަދައްކަވަމުން ފިނޭންސް މިނިސްޓަރު ވިދާޅުވީ ބޭރު ފައިސާގެ ރިޒާވް 2.3 ބިލިއަން ޑޮލަރަށް ވެއްޓި، ކާރިސާއެއް ދިމާވެފައިވާ ކަމަށެވެ. ބެސިލް ރާޖަޕަކްސަގެ ބޭބޭފުޅު، ގޮތަބަޔަ ރާޖަޕަކްސަ މީގެ ދެ އަހަރު ކުރިން ރައީސްކަމާ ހަވާލުވެވަޑައިގެންނެވި އިރު ބޭރު ފައިސާގެ ރިޒާވްގައި 7.5 ބިލިއަން ޑޮލަރު ހުއްޓެވެ.

"އަޅުގަނޑުމެން ގަބޫލުކުރަން އެބަޖެހޭ ތަކެތީގެ އަގުތައް އުފުލިފައިވަނީ މުދާ މަދުވުމުގެ ސަބަބުން ކަމަށް. ކަން މިހެން ދިމާވެފައިވަނީ މުދާ އިމްޕޯޓް ކުރުމުގައި އަޅާފައިވާ ހުރަސްތަކާއި، މްޕޯޓް މުދަލަށް މާ ބޮޑަށް ބަރޯސާވުމާއި، ރުޕީޒްގެ އަގު ވެއްޓުމުގެ ސަބަބުން." އިތުރަށް އޭނާ ވިދާޅުވިއެވެ.

މުދާ އެތެރެ ކުރުމުގައި ހުރި ހުރަސްތައް އަވަސް މުސްތަގްބަލެއްގައި ހައްލު ކުރާނެ ކަމަކަށް ނުބެލެވެއެވެ. މިދިޔަ އަހަރުގެ މާރޗް މަހުން ފެށިގެން އެގައުމަށް އުޅަނދާއި، އުޅަނދުތަކުގެ ސްޕެއަރ، ޓައިލްސް އަދި ބައެއް ޒަރޫރީ ކާބޯތަކެތި އެތެރެކުރުން ވަނީ މަނާކޮށްފައެވެ.

ކޮވިޑް-19ގެ ސަބަބުން މިދިޔަ އަހަރު ލަންކާގެ އިގްތިސާދު ވަނީ ރެކޯޑް މިންވަރަކަށް ދަށަށް ގޮސްފައިކަން ފާހަގަ ކޮށްލެވެއެވެ.