ދުނިޔޭގައި އެންމެ ބޮޑަށް ވައި ތަޣައްޔަރު ވެފައިވަނީ ޕާކިސްތާނުގެ ދެވަނައަށް އެންމެ ބޮޑު ރަށްކަމަށްވާ ލާހޫރުކަމަށް ވައިގެ ފެންވަރު ދިރާސާކުރާ ކުންފުންޏަކުން ބުނެފިއެވެ.
އެއަރވިޝުއަލް މޮނިޓަރިންގ ޕްލެޓްފޯމް އޮޕަރޭޓްކުރާ ސްވިޓްޒަރލެންޑްގެ ޓެކްނޮލޮޖީ ކުންފުނި އައި.ކިއު.އެއަރއިން ބުނާގޮތުގައި ބުދަ ދުވަހު ލާހޫރުގައި ވައިގެ ކޮލިޓީ ރޭންކިންގ ހުރީ 348 ގައެވެ. ވައިގެ ކޮލިޓީ ރޭންކިންގ 300 އަށް ވުރެ މަތިވެއްޖެނަމަ އެއީ ވައިގެ ތަޣައްޔަރުކަން އެންމެ ނުރައްކާތެރި މިންވަރުގެ ގޮތުގައި ބަލައެވެ.
11 މިލިޔަން މީހުންގެ އާބާދީއެއް އޮންނަ ލާހޫރުގައި ވައި ތަޣައްޔަރުވުމުގެ ސަބަބުން އެރަށުގައި ދިރިއުޅެމުންދާ މީހުންނަށް އަންނަނީ ސިއްހީ ގޮތުންވެސް މައްސަލަތައް ކުރިމަތިވަމުންނެވެ. އެގޮތުން، ކުޑަކުދިންނަށް ނޭވާލާން އުނދަގޫވަމުން އަންނަކަމަށް ބުނެ އެތައް ބަޔަކު ޝަކުވާ ކޮށްފައިވެއެވެ.
ވައި ތަޣައްޔަރުވާ މިންވަރު ޕާކިސްތާނުގައި މިފަހަކަށް އައިސް ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ. އޭގެ ސަބަބެއްކަމަށް ބެލެވެނީ ފިނި މޫސުމައި ދިމާކޮށް ވައި ތެއްވެފައިވަނިކޮށް ދަނޑުބިންތައް އެންދުމާއި، އަގުހެޔޮ އަދި ފެންވަރުދަށް ޑީސަލް ބޭނުންކުރުމެވެ.
ފާއިތުވެދިޔަ އަހަރުތަކުގައި ރައްޔިތުން ވަނީ އެމީހުންގެ އަމިއްލަ އެއަރ ޕިއުރިފަޔަރތައް ބިނާކޮށްފައެވެ. އަދި ލާހޫރުގައި ދިރިއުޅޭ ރައްޔިތުންވަނީ ވައި ތަޣައްޔަރުވުމުގެ މައްސަލަ ހައްލުކުރުމަށް މަސައްކަތްނުކުރާކަމަށް ބުނެ ޕާކިސްތާނުގެ ސަރުކާރާ ދެކޮޅަށް ދައުވާ ވެސް ކޮށްފައެވެ. ނަމަވެސް، އެގައުމުގެ ސަރަހައްދުތަކުގައި ވައި ތަޣައްޔަރުވަނީ އިންޑިޔާއިން ދޫކުރާ ވިހަ ގޭސްތަކުގެ ސަބަބުންކަމަށް ބުނެ މައްސަލަ ހައްލުކުރަން ފިޔަވަޅުއެޅުން ވަނީ ލަސްކޮށްފައެވެ.
މީޑިއާ ރިޕޯޓުތައް ބުނާގޮތުން ވައި ތަޣައްޔަރުވުމުގެ މައްސަލައަކީ އެ ސިޓީގެ މީހުން އިންތިހާއަށް ކަންބޮޑުވާ ކަމެކެވެ. އެގޮތުން، ކުޑަކުދިން ބޭރަށް ވެސް ނުނެރޭ ކަމަށް ބައެއް ފަރާތްތަކާއި ހަވާލާދީ ބައިނަލްއަޤްވާމީ މީޑިއާތަކުން ރިޕޯޓު ކޮށްފައިވެއެވެ.