ކޮވިޑް-19 އާއި ގުޅިގެން ބަންދު ކޮށްފައިއޮތް ފިލިޕިންސް ފަތުރުވެރިންނަށް ހުޅުވާލަން އެގައުމުގެ ޓޫރިޒަމް މިނިސްޓްރީން ނިންމައިފިއެވެ.

އެގައުމުގެ ޓޫރިޒަމް މިނިސްޓްރީން ބުނީ، "ގްރީން" ލިސްޓުގައި ހިމަނާފައިވާ ގައުމުތަކުގެ ފަތުރުވެރިންނަށް އެގައުމު ހުޅުވާލުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ. އެހެން ނަމަވެސް ހުޅުވާނީ ކޮން ތާރީހެއްގައި ކަމެއް ހާމަ ކޮށްފައެއް ނުވެއެވެ.

"ގްރީން ލިސްޓުގައި ހިމެނޭ ގައުމުތަކުގެ ފަތުރުވެރިންނަށް ނުވަތަ ގައުމުތަކުގެ މީހުންގެ ތެރެއިން އާބާދީގެ ބޮޑު ބަޔަކަށް ވެކްސިން ޖަހާފައިވާ ގައުމުތަކުގެ މީހުންނަށް ފިލިޕިންސް ހުޅުވާލުމުން ފަތުރުވެރިން އަންނަ އިންސައްތަ އިތުރުވެ އިގްތިސާދު އާއްމު ހާލަތަށް ދާނެ" ޓޫރިޒަމް ސެކްރެޓަރީ ބާނާ ރޮނުލޮ ޕުޔަތް ބުނެފައިވެއެވެ.

އޭނާ ބުނީ، އެ ނިންމުމާއި އެކީ ގައުމުގެ ޖީޑީޕީ ވެސް ހަމައަކަށް އެޅޭނެ ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ.

އެގައުމުގެ ބުނެފައިވަނީ ފަތުރުވެރިންގެ ތެރެއިން އެގައުމަށް އާދެވޭނީ އެގައުމުގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަނުން ގަބޫލު ކުރާ ވެކްސިން ފުރިހަމަ ކޮށްފައިވާ ފަރާތްތަކަށް ކަމަށެވެ.

ފިލިޕިންސްގެ ގްރީން ލިސްޓުގައި 44 ގައުމަކާއި ސަރަހައްދެއް ހިމެނޭއިރު، އޭގެ ތެރޭގައި އެމެރިކާ ނުހިމެނެއެވެ.

ފަތުރުވެރިންނަށް ފިލިޕިންސް ހުޅުވަން ނިންމާފައިވާއިރު، ދުނިޔޭގެ ބޮޑެތި ގައުމުތަކުން އަންނަނީ އާބާދީގެ ބޮޑު ބައެއް ވެކްސިން ފުރިހަމަ ކޮށްފައިވާ ގައުމުތަކުގެ ފަތުރުވެރިންނަށް އެގައުމުތަކަށް ދެވޭނެ ގޮތް ހަދަމުންނެވެ.

ފިލިޕިންސްއިން ކޮވިޑް ފެނުނ ފަހުން މިހާތަނަށް 2.8 މިލިއަން މީހުން މި ބައްޔަށް ފައްސިވެފައިވާއިރު، 46،422 މީހަކު ވަނީ މި ބަލި ޖެހިގެން މަރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޖުއްބާ

    ފިލިޕިންސްގަވެސް އޮންނަނީ ރާއްޖެކަހަލަ ރައްޔިތުން އޮބަހައްޓުވާފަ ބައިތިއްބާ ކަނޑުކޮއް ސަރުކާރެއް.