ތައިލެންޑްގެ ފަރުބަދައެއްގެ ހޮހޮޅައެއްގައި ތާށިވެފައިވާ 12 ކުދިންނާއި އެކުދިންގެ ކޯޗް ހޮހޮޅައިން ނެރެވޭތޯ ކަމާބެހޭ ފަރާތްތަކުން މިއަދު ކުއްލިގޮތަކަށް މަސައްކަތް ފަށައިފިއެވެ.
ކުރިން ރޭވިފައިއޮތް ގޮތާއި ހިލާފަށް މިއަދު ކުދިން ހޮހޮޅައިން ނެރުމުގެ މަސައްކަތް ފެށީ "އެނޫން އިތުރު އެއްވެސް ގޮތެއް ނެތިގެން" ކަމަށް ނަރޮންގްސާކް އޮސަޓަނަކޯންގެ އެކްޓިން ގަވަރުނަރު ތަމް ލުއަންގް ވިދާޅުވިއެވެ.
ކުދިންނާއި ކޯޗް ހޮހޮޅައިން ނެރުމަށްޓަކައި ޑައިވް ކުރުމުގެ ބައިނަލްއަޤުވާމީ 13 ތަޖުރިބާކާރަކާއި ތައިލެންޑް ސިފައިންގެ އެންމެ ވަރުގަދަ ފައުޖު ކަމަށްވާ "ސީލް" ގެ ފަސް ޑައިވަރަކު މިއަދު ހެނދުނު ވަނީ ހޮހޮޅައަށް ވަދެފައެވެ.
ގަވަރުނަރު ތަމް ވިދާޅުވީ ހޮހޮޅައިން ފެން ހިއްކަން ކުރި މަސައްކަތުގެ ސަބަބުން މިހާރު ވަރަށް ބޮޑަށް ފެން މަދުވެފައިވާ ކަމަށާއި ނަމަވެސް ކުރިއަށް އޮތް ދެތިން ދުވަހު ވާރޭ ވެހޭނެ ކަމަށް ލަފާކުރެވޭތީ މިހާރު ކުދިން ނުނެރެވިއްޖެނަމަ ވަގުތު ފާއިތުވެދާނެ ކަމަށެވެ.
ޑައިވަރުން މިހާރު ނިންމާފައި ވަނީ ކޮންމެ ކުއްޖަކާއި އެކު ތަޖުރިބާކާރު ދެޑައިވަރުން ތިބެގެން އެކުދިން ހޮހޮޅައިން ނެރޭށެވެ. މިއީ ވަރަށް ނުރައްކާތެރި ހާލަތެއް ކުރިމަތިވެދާނެ ކަމެއް ކަމުގެ އިންޒާރު ތަޖުރިބާކާރުން ދެއެވެ. ނަމަވެސް އިތުރަށް މަޑުކޮށްފިނަމަ ނުރައްކާތައް އިތުރުވެ އެއްވެސް ކުއްޖެއްގެ ފުރާނަ ސަލާމަތް ނުކުރެވިދާނެތީ ހާލަތުގެ ގޮތުން މިނޫން އެއްވެސް ގޮތެއް ނެތް ކަމަށް ތަޖުރިބާކާރުން ވިދާޅުވެއެވެ.
ލަފާކުރެވޭ ގޮތުގައި ތަޖުރިބާކާރުންނާއި އެކު ކުދިންނަށް ހޮހޮޅައިން ނިކުމެވޭނީ މިރޭ ރާއްޖޭ ގަޑިން 19:00 ހާއިރު އެވެ.
ކުދިން ނެރެވޭނެ އިރަކަށް ހޮހޮޅައިގެ ބޭރު މިހާރު ވަނީ ކުއްލި ހާލަތަކަށް ގެނެސްފައެވެ. އެސަރަހައްދުން ނޫސްވެރިން ދުރުކޮށް މުޅި ސަރަހައްދު ވަނީ ކުއްލި ހާލަތުގައި އެންމެ ފުރިހަމަ ސިއްހީ ފަރުވާ ފޯރުކޮށްދެވޭ ފެންވަރަށް ތައްޔާރުކޮށްފައެވެ.
ޑޮކްޓަރުންނާއި ނަރުހުންނާއި ސިއްހީ އެހީތެރިން އެސަރަހައްދުގައި ތައްޔާރީ ހާލަތުގައި އެބަތިއްބެވެ.
ފުޓްބޯޅަ ޓީމެއްގައި ހިމެނޭ 12 ކުދިންނާއި އެކުދިންގެ ކޯޗް ހޮހޮޅައިގައި ތާށިވެފައި ތިބޭތާ މިހާރު 15 ދުވަސް ވެއްޖެއެވެ.
އިރާދަ ކުރެއްވީޔާ އެކުދީން ސަލާމައްވާނެ މަގު މާތް އައްޅާހު ތަނަވަސް. ކުރައްވާށިއެވެ،އމީން.
މާތްﷲ ލިޔާނީ މިގޮތަށް.... އިރާދަކުރެއްވީއްޔާ ހުރިހާކުދީންނާއި ކޯޗް ސަލާމަތް ކުރެވޭނެ.. އާމީން
އާމިން
އިރާދަ ކުރެއްވީޔާ އެކުދީން ސަލާމައްވާނެ، އާމީން، އާމީން،
ޢާމީން
އާމީން
ޢާމީން
މާތްﷲގެ ހެޔޮރަޙުމަތާއެކު، އެކުދީން ހެޔޮހާލުގައި އެ ހޮހަޅައިން ނުކުމެ ދުނިޔޭގައި ރަނގަޅު ހަޔާތުގައި ދަރިފަސްކޮޅު އުފެދި ދުނިއާރާސްތްކޮށް އަދި އާޚިރަތް ބާއްޖަވެރިވާނެ މަގަށް އެކުދީންނަށް މަގުދައްކަވާށިއެވެ. އިންޝާ ﷲ.
މާތް ﷲ އިރާދަފުޅުން ހުރިހާ ކުދިންވެސް ހެޔޮހާލުގައި ހޮހޮޅައިން ނުކުމެވޭނެ. ޢެންމެން ދުއާ ކުރައްވާ.