ކޮވިޑް-19 އިން ދިފާއު ވުމަށް ފައިޒާ ވެކްސިން ފުރިހަމަ ކޮށްފައިވާ ފަރާތްތައް އޮމިކްރޮން ވޭރިއަންޓުން ދިފާއުކޮށްދޭ ނިސްބަތް ހުރ %40 ގައި ކަމަށް ދެކުނު އެފްރިކާގައި ކުރި ދިރާސާއަކުން ދައްކައިފިއެވެ. ނަމަވެސް މިދިރިސާ އަކީ އަދި ވަރަށް މަދު ބައެއް މައުލޫމާތު ކަމަށް ވާތީ އަދި އިތުރު ދިރާސާތައް ކުރަން ޖެހޭ ކަމަށް ސައިންސްވެރިން ބުނެއެވެ.

ދެކުނު އެފްރިކާގެ ސައިންސްވެރިން ވަނީ ފައިޒާ ވެކްސިން ފުރިހަމަ ކޮށްފައިވާ 12 މީހެއްގެ ލޭގެ ސުންކުތައް ނަގައިގެން ލެބޯޓްރީގައި ތަހްލީލްތަކެއް ކޮށްފައެވެ. އެތަހްލީލްތަކުން އެނގުނީ އޮމިކްރޮން ވޭރިއަންޓުން ރައްކާތެރިކޮށްދޭ ދިފާއީ ނިޒާމް މަތީ މިންވަރަކަށް އެމީހުންގެ ހަށިގަނޑުގައި ހުރިކަމެވެ.

މިދިރާސާ ކުރި ސައިންސްވެރިން ބުނާ ގޮތުގައި ކޮވިޑުން ދިފާއުވުމަށް ފައިޒާ ވެކްސިން ޖެހުމަށް ފަހު ބޫސްޓަރ ޝޮޓް ވެސް ފުރިހަމަ ކޮށްފައި ހުއްޓާ ކޮވިޑް ޖެހިއްޖެނަމަ ހަށިގަނޑުގެ ދިފާއީ ނިޒާމް ވަރަށް ބޮޑަށް ވަރުގަދަ ވާކަން ވެސް މިދިރިސާ އިން ވަނީ ހާމަވެފައެވެ.

ދިރާސާގައި ބައިވެރިވި އިސް ސައިންސްވެރިއެއް ކަމަށްވާ ޑރ.ސިގެލް ވިދާޅުވީ މިހާތަނަށް ލިބުނު މައުލޫމާތައް ބަލާއިރު ފައިޒާ ވެކްސިން އޮމިކްރޮން އިން ދިފާއުކޮށްދޭ މިންވަރަކީ ކުރިން ލަފާކުރި ވަރަށް ވުރެ ރަނގަޅު މިންވަރެއް ކަމަށެވެ. އެހެންކަމުން މިއީ ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ނަމަވެސް އޭނާ ވެސް ވިދާޅުވީ އޮމިކްރޮން އާއި ވެކްސިންގެ އިތުރު ދިރާސާތައް އަދި ކުރަން ޖެހޭ ކަމަށެވެ.

ފައިޒާ ވެކްސިން ފުރިހަމަ ކޮށްފައިވާ މީހުން އޮމިކްރޮން ވޭރިއަންޓުން ދިފާއު ކޮށްދޭ ނިސްބަތް ހުރީ %40 ގައި ކަމަށް ދިރާސާއަކުން ދައްކާފައި ވާއިރު ފުރަތަމަ ފައިޒާ ވެކްސިން އާއްމުކޮށް ޖަހަން ފެށުމުގެ ކުރިން ކުރިއަށް ގެންދިޔަ ދިރާސާއަކުން ދެއްކި ގޮތުގައި ފައިޒާ ވެކްސިން، ކޮވިޑުން ރައްކާތެރިކޮށްދޭ ނިސްބަތް ހުރީ %91 ގައެވެ. ނަމަވެސް ފަހުން އިސްރާއީލްގައި ކުރި ދިރާސާތަކަކުން ވަނީ އެނިސްބަތް %40 އަށް ދަށްވާ ކަމަށް ދައްކާފައެވެ.

ކިޔުންތެރިންގެ ހިޔާލު