ތައިލެންޑަށް ނިސްބަތްވާ މީހެއްގެ ގައިން ކޮވިޑް-19ގެ އާ ވޭރިއެންޓެއް ކަމަށްވާ އޮމިކްރޮން ވޭރިއެންޓުގެ ފުރަތަމަ ވޭދަނަ ފެނުމާއި ގުޅިގެން ކޮވިޑްއިން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތައް ހަރުކަށިކުރަަން ނިންމައިފިއެވެ.

އެގައުމުގެ ސިއްހަތާ ބެހޭ ވުޒާރާއިން ބުނީ އޮމިކްރޮން ވޭރިއެންޓުގެ ފުރަތަމަ ވޭދަނަ ފެނުމާއި ގުޅިގެން، އެގައުމަށް ބޭރު ގައުމުތަކުން ޒިޔާރާތްކުރާ މީހުންނަށް ކަރަންޓީން ވާން މަޖުބޫރު ކުރުމާއި މެދު ގޮތެއް ނިންމާނެ ކަމަށެވެ.

ޕަބްލިކް ހެލްތު މިނިސްޓްރީން ބުނީ، ގައުމަށް އެތެރެވާ ފަތުރުވެރިން ކަރަންޓީނު ވުމުގައި ލުއި ދޭން ނިންމާފައިވަނީ ވެކްސިން ފުރިހަމަ ކޮށްފައިިވާ ދަތުރުވެރިންނަށް ކަމަށެވެ. އެގޮތުން ވެކްސިން ފުރިހަމަ ކޮށްފައިވާނަމަ، ކަރަންޓީނުވާން ނުޖެހޭނެ ކަމަށާއި، ކަރަންޓީނު ވުމަކާއި ނުލައި އެގައުމުގެ ސަރަހައްދުތަކަށް ދަތުރުކުރެވޭނެ އިންތިޒާމް ހަމަޖެހިގެންދާނެ "ސޭންޑްބޮކްސް" ޕްރޮގްރާމެއް ވެސް ހިމަނާފައިވާނެ ކަމަށެވެ.

އޮމިކްރޮން ވޭރިއެންޓް ފެތުރިދާނެތީ ކަންބޮޑުވާ ކަމަށާއި، ވީ އެންމެ އަވަހަކަށް މި ހުށަހެޅުން ކޮވިޑް-19 ޓާސްކްފޯސްއަށް ހުށަހަޅާނެ ކަމަށް މިނިސްޓަރ އަނޫތިން ޗަރުނަވިރަކުލް ވިދާޅުވިއެެވެ.

އޮމިކްރޮން ވޭރިއެންޓާއި ގުޅިގެން ދަތުރުފަތުރު ކުރުމުގެ ފިޔަވަޅުތައް އެގައުމުން ވަރުގަދަ ކުރަން ނިންމާފައިވަނީ، ތައިލެންޑުން ބޭރުގެ ފަތުރުވެރިންނަށް އަލުން ހުޅުވާލިތާ 18 މަސް ދުވަސް ފަހުންނެވެ.

ތައިލެންޑުން މިހާތަނަށް އޮމިކްރޮންގެ 63 ވޭދަނަ ފެނިފައިވެއެވެ. އޭގެތެރެއިން ތައިލެންޑުން ފެނިފައިވަނީ އެންމެ ވޭދަނައެކެވެ. ބާކީ ހުރި ވޭދަނަތަކަކީ އެގައުމަށް އެތެރެވީ ފަތުރުވެރިންގެ ގައިން ދެނެގަނެވިފައިވާ ވޭދަނައެވެ.

ހެލްތު މިނިސްޓްރީން ބުނީ، ތައިލޭންޑުން ފުރަތަމަ އޮމިކްރޮންއަށް ފައްސިވެފައިވަނީ އަންހެނެއް ކަމަށެވެ. އޭނާއަށް ވައިރަސް ޖެހިފައިވާކަން ދެނެގަނެވިފައިވަނީ ފިރިމީހާ ފައްސިވުމާއި ގުޅިގެން ޓެސްޓް ކުރުމުން ކަމަށް މިނިސްޓްރީއިން ބުނެފައިވެއެވެ. މި ދެމީހުންނަކީ ވެސް ކޮވިޑުން ރައްކާތެރިވުމަށް ވެކްސިން ޖަހާފައިވާ ދެމީހުން ކަމަށް މިނިސްޓްރީއިން ބުނެފައިވެއެވެ.