ކޮވިޑް-19 އިން ރައްކާތެރިވުމަށް އިސްރާއީލުގައި ވެކްސިންގެ ހަތަރު ވަނަ ޑޯޒެއް ދިނުމަށް ތައްޔާރުވެއްޖެއެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި އެގައުމުގެ ހެލްތް މިނިސްޓްރީގެ ތަޖުރިބާކާރުންގެ ބޯޑަކުން ވަނީ ހަތަރު ވަނަ ޑޯޒު ދިނުމަށް ލަފާ ދީފައެވެ. ހެލްތް މިނިސްޓްރީގެ ބޯޑުން ދިން ލަފާއަށް ތާއިދު ކުރާ ކަމަށް އެގައުމުގެ ބޮޑު ވަޒީރު ވެސް ވަނީ ހާމަ ކޮށްފައެވެ.

"ވަރަށް އުފާވެރި ހަބަރެއް. މިކަމުގެ ސަބަބުން އަޅުގަނޑުމެންނަށް އޮމިކްރޮން ވޭރިއެންޓުން ރައްކާތެރި ވެވޭނެ" އެގައުމުގެ ބޮޑު ވަޒީރު ނަފްތަލި ބެނެޓް ބުނެފައިވެއެވެ.

އެގައުމުގައި ވެކްސިންގެ ހަތަރު ވަނަ ޑޯޒެއް ދިނުމަށް ލަފާ ދިން ނަމަވެސް އެންމެ ފުރަތަމަ ހަތަރު ވަނަ ޑޮޒު ދިނުމަށް ނިންމާފައިވަނީ ސިއްހީ ދާއިރާގައި މަސައްކަތް ކުރާ ކުރީ ސަފުގައި ހަރަކާތްތެރިވާ މީހުންނާއި އުމުރުން 60 އަހަރުން މަތީގެ މީހުންނަށެވެ.

އިސްރާއީލުގެ ވެކްސިންގެ ފަހުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި އެގައުމުގެ އާބާދީގެ 63.5 އިންސައްތަ މީހުން ވަނީ ވެކްސިން ފުރިހަމަ ކޮށްފައެވެ. އަދި އެގައުމުގައި ވެކްސިންގެ ހަތަރު ވަނަ ޑޯޒެއް ދީފިނަމަ ވެގެން ދާނީ މުޅި ދުނިޔެއިން ވެސް ވެކްސިންގެ ހަތަރު ވަނަ ޑޯޒު ދޭ ފުރަތަމަ ގައުމަށެވެ.

އިސްރާއީލުން މިހާތަނަށް 8,235 މީހަކު ކޮވިޑް ޖެހިގެން މަރުވެފައިވާއިރު، އޭގެ ތެރެއިން އެކަކީ އޮމިކްރޮން ޖެހިގެން މަރުވެފައިވާ މީހެކެވެ. އަދި އެގައުމުން މިހާތަނަށް ކޮވިޑަށް 1,358,386 މީހަކު ވެސް ވަނީ ފައްސިވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ާއާން

    ބޮޑެތި އެންމެނަށް ތިޖަހާ ހުސްކުރޭ. ބޭނުމެއްނެތް އަނިޔާވެރި ބަޔަކު. ނިކަމެތި ފަލަސްތީން ސުންނާފަތި ކޮށް ބޯފެންފޮދެއް ކާއެތިކޮޅެއް ނުދޭ އަނިޔާވެރި ބަޔެއް