އެމެރިކާ ފިޔަވައި ކޮވިޑްގެ ހާލަތު މިހާރު އެންމެ ބޮޑަށް ގޯސްވެފައިވާ އިނގިރޭސިވިލާތުން މިއަދުވެސް ރެކޯޑް އަދަދެއްގެ މީހުން ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ. މިއަދު އިނގިރޭސިވިލާތުން 122186 މީހުން ކޮވިޑަށް ފައްސިވިއެވެ. މިއަދަކީ މިހާތަނަށް އިނގިރޭސިވިލާތުން އެންމެ ގިނަ މީހުން ކޮވިޑަށް ފައްސިވި ދުވަހެވެ.

އިއްޔެ އިނގިރޭސިވިލާތުން 119787 މީހުން ކޮވިޑަށް ފައްސިވިއެވެ. އިއްޔެ އަކީ ވެސް އިނގިރޭސިވިލާތުން ރެކޯޑް އަދަދެއްގެ މީހުން ކޮވިޑަށް ފައްސިވި ދުވަހެވެ.

އިނގިރޭސިވިލާތުން ކޮވިދަށް ފައްސިވި މީހުންގެ އަދަދު މިހާރު 11.8 މިލިއަނަށް އަރައެވެ. އޭގެތެރެއިން 147000 މީހުން ވަނީ ކޮވިޑް ޖެހިގެން މަރުވެފައެވެ.

އިނގިރޭސިވިލާތުގައި ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު އިތުރުވަމުން އަންނައިރު އެގައުމުން މިހާރު ވަނީ ވެކްސިން ދިނުމުގެ ޕްރޮގްރާމް އިތުރަށް ވަރުގަދަކޮށް ތިންވަނަ ޑޯޒް ވެސް ދޭން ފަށާފައެވެ. އަދި ހަތަރުވަނަ ޑޯޒެއް ދިނުމަށް ވެސް އަންނަނީ މިހާރު ތައްޔާރުވަމުންނެވެ.

އިނގިރޭސިވިލާތުން ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު އިތުރުވަމުން ދިޔަ ނަމަވެސް އާއަހަރުގެ ބަންދުގެ ކުރިން ކޮވިޑް ކޮންޓްރޯލް ކުރަން އެގައުމުން އިތުރު ފިޔަވަޅުތަކެއް އަޅާނެ ކަމަކަށް ނުބެލެވެއެވެ. ފިޔަވަޅުތައް ހަރުކަށި ނުކުރިނަމަވެސް އިނގިރޭސިވިލާތުގައި ކޮވިޑްގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެގެން ހިނގައިދާނެ ކަމުގެ އިންޒާރު އެގައުމުގެ ސަރުކާރުން އަންނަނީ ދެމުންނެވެ.

އިނގިރޭސިވިލާތުގެ ސަރުކާރުން ބުނާ ގޮތުގައި ކޮވިޑްގައި މީގެ ކުރިން ތަޖުރިބާކުރަން ޖެހުނު ދަތި ދުވަސްތަކަށް ވުރެވެސް ދަތި ދުވަސްތަކެއް ކުރިއަށް އޮތްތަނުގައި ތަޖުރިބާ ކުރަން ޖެހިދާނެއެވެ. އެކަމަށްޓަކައި ވެވެން އޮތް މިންވަރަކުން ހޮސްޕިޓަލްތައް ތައްޔާރު ކުުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ސަރުކާރުން ވަނީ ބުނެފައެވެ. ނަމަވެސް ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު އިތުރުވަމުންދާ ނިސްބަތައް ބަލާއިރު ހޮސްޕިޓަލްތައް ފުރި، އެތައް ބަޔަކަށް ފަރުވާ ނުދެވިދާނެ ފަދަ ހާލަތެއް ކުރިމަތިވެދާނެ ކަމުގެ ބިރުވެރިކަން ވެސް އެބައޮތެވެ.

ކިޔުންތެރިންގެ ހިޔާލު