ކޮވިޑް-19 އިން ދިފާއު ވުމަށް ވެކްސިން ފުރިހަމަ ކޮށްފައި ވަނިކޮށް ކޮވިޑް-19 އަށް ފައްސިވާ މީހުންގެ ކަރަންޓީން މުއްދަތު ކުރުކުރަން ނިންމާފައިވާ ކަމަށް ފްރާންސުން ބުނެފިއެވެ.

ފްރާންސްގައި ކޮވިޑަށް ފައްސިވާ މީހުން ދިހަ ދުވަސް ވަންދެން އެކަހެރި ކުރެއެވެ. ނަމަވެސް ފްރާންސް ސަރުކާރުން އިއްޔެ ބުނީ ކޮވިޑަށް ފައްސިވާ މީހުން ވެކްސިން ފުރިހަމަ ކޮށްފައި ވާނަމަ ކަރަންޓީން ކުރާނީ ހަތް ދުވަހަށް ކަމަށް މިހާރު ނިންމާފައިވާ ކަމަށެވެ.

ފްރާންސްގެ ހެލްތު މިނިސްޓަރު އޮލީވިއާ ވެރަން ވިދާޅުވީ ވެކްސިން ފުރިހަމަ ކޮށްފައިވާ މީހުން ދިހަ ދުވަހުގެ ބަދަލުގައި ހަތް ދުވަހު ކަރަންޓީން ކުރާ ގޮތައް ނިންމި އުސޫލަށް އަމަލު ކުރަން ފަށާނީ ހޯމަ ދުވަހުން ފެށިގެންނެވެ. އަލަށް އެކުލަވާލި އުސޫލު ބުނާ ގޮތުން ވެކްސިން ފުރިހަމަ ކޮށްފައިވާ މީހުން ކޮވިޑަށް ފައްސިވާތާ ފަސް ދުވަސް ފަހުން އަލުން ކޮވިޑަށް ޓެސްޓްކޮށް ނައްސި ނަތީޖާއެއް ލިބިއްޖެނަމަ އެހިސާބުން ކަރަންޓީނުން ދޫކޮށްލާނެވެ.

ފްރާންސުން މިފަދަ އުސޫލެއް އެކުލަވާލިއިރު ފްރާންސަކީ ޔޫރަޕްގެ ގައުމުތަކުގެ ތެރެއިން މިހާރު އެންމެ ހަލުވިކޮށް ކޮވިޑް ފެތުރެމުން އަންނަ އެއްގައުމެވެ.

ހެލްތު މިނިސްޓަރު އޮލީވިއާ ވިދާޅުވީ އޮމިކްރޮން ވޭރިއަންޓްގެ ސަބަބުން ފްރާންސަށް ކުރިމަތިވެފައިވާ ހާލަތުން އަރައިގަތުމަށް މަސައްކަތް ކުރަމުން ދަނީ އިގްތިސޯދީ ގެއްލުންތައް ވެސް ކުޑަ ކުރެވޭނެ ގޮތްތައް ބަލައިގެން ކަމަށެވެ.

ކޮވިޑަށް ފައްސިވާ މީހުންގެ ކަރަންޓީނަށް އެހެން ބައެއް ގައުމުތަކުން ވެސް އަންނަނީ ބަދަލުތައް ގެންނަމުންނެވެ. އެގޮތުން އެމެރިކާ އިން ވަނީ ކޮވިޑަށް ފައްސިވާ މީހުން ހަތް ދުވަހު ކަރަންޓީން ކުރުމުގެ ބަދަލުގައި ކަރަންޓީން މުއްދަތު ފަސް ދުވަހަށް މަދު ކުރަން ނިންމާފައެވެ. އެއީ ބައެއް އިންޑަސްޓްރީތަކުގައި މަސައްކަތް ކުރާ މުވައްޒަފުން މަދުވުމުގެ މައްސަލަ ކުރިމަތިވާތީ ގެނައި ބަދަލެކެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ކުރިއަށް އޮތްތަނުގައި އިތުރު ގިނަ ގައުމުތަކުން ވެސް ކަރަންޓީން މުއްދަތައް ބަދަލުތައް ގެންނާނެ ކަމަށް ބެލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު