މިހާރު ދުނިޔޭގެ އެކި ކަންކޮޅުތަކުން ފެންނަމުންދާ ކޮވިޑް-19ގެ އާ ވައްތަރު ކަމަށްވާ "އޮމިކްރޮން" އިރާގުން ވެސް ފެނިއްޖެއެވެ.

އިރާގުގެ ހެލްތް މިނިސްޓްރީން އާއްމު ކޮށްފައިވާ ބަޔާނެއްގައި ބުނެފައިވަނީ އެގައުމުން އޮމިކްރޮން އަށް ފަސް މީހަކު މިހާތަނަށް ފައްސިވެފައިވާ ކަމަށާއި އެމީހުންނަކީ އުތުރު އިރާގުގެ އަވަށެއް ކަމަށްވާ ޑޮހުކް އިން ކޮވިޑަށް ފައްސިވެފައިވާ މީހުން ކަމަށެވެ.

މީގެ އިތުރުން ބަގްދާދުން ވެސް ބައެއް ފަރާތްތަކުން މި ވޭރިއެންޓަށް ފައްސިވެފައިވާ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

އިރާގުގެ އިތުރުން ދުނިޔޭގެ ގިނަ ގައުމަކުން މިހާތަނަށް މި ވޭރިއެންޓް ފެނިގެން ވަނީ ރިޕޯޓް ކޮށްފައެވެ.

އެހެން ވޭރިއެންޓްތަކާއި ހިލާފަށް އޮމިކްރޮން ޖެހޭ މީހުންގެ ހާލު ދެރަ ނުވި ނަމަވެސް ކަމުގެ މާހިރުން ބުނާ ގޮތުގައި މި ވޭރިއެންޓް އެހެން ވޭރިއެންޓްތަކަށްވުރެ ހަލުވި ކަމާއި އެކީ ފެތުރެއެވެ.

ދުނިޔޭގެ ގިނަ ގައުމުތަކުން އޮމިކްރޮން ފެނުމާއި ގުޅިގެން ބައެއް ގައުމުތަކުން ވަނީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެހެން ގައުމުތަކުގެ މީހުން އެގައުމުތަކަށް އެތެރެވުން މަނާ ކޮށްފައެވެ.