ކަޒަކިސްތާންގެ ސަރުކާރާއި ދެކޮޅަށް އެގައުމުގެ ރައްޔިތުން ކުރަމުން އަންނަ މުޒާހަރާ ހޫނުވެ، މުޒާހަރާތައް ހުއްޓުވުމުގައި އެގައުމުގެ ސަލާމަތީ ބާރުތަކަށް ކާމިޔާބެއް ނުލިބުމުން ރަޝިއާ ސިފައިންގެ ލަޝްކަރެއް ކަޒަކިސްތާނަށް ހިނގައްޖެއެވެ.

ކަޒަކިސްތާންގެ ރައީސް ކަސީމް-ޖޯމާޓް ޓޮކަޔޭވް ވަނީ ކަޒަކިސްތާންގައި ދެހަފްތާ ދުވަހަށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، ރަޝިއާގެ އަސްކަރީ އެހީތެރިކަމަށް އެދިފައެވެ. ކަޒަކިސްތާނަކީ ކުރިން ސޯވިއެޓް ޔޫނިއަންގައި އޮތް ގައުމެކެވެ. ސޯވިއެޓް ޔޫނިއަން އިން ވަކިވެ ކަޒަކިސްތާނުން މިނިވަންކަން އިއުލާން ކުރީ 1991 ވަނަ އަހަރު އެވެ.

ރަޝިއާގެ ސިފައިން މިއަދު ކަޒަކިސްތާނަށް ގޮސްފައިވާ ކަމަށް ދެގައުމުގެ މީޑިއާތަކުން ކަށަވަރު ކޮށްދިން ނަމަވެސް ކަޒަކިސްތާނަށް ދިޔަ ރަޝިއާ ސިފައިންގެ އަދަދެއް އެއްވެސް ފަރާތަކުން ހާމަކޮށްފައެއް ނުވެއެވެ.

ކަޒަކިސްތާންގައި މުޒާހަރާ ކުރާ މީހުންގެ އަމަޒާކަށްވެ ސަލާމަތީ ބާރުތަކުގެ 18 މީހަކު ވަނީ މަރުވެފައެވެ. އަދި އެކި ވަރުގެ އަނިޔާތައް ސަލާމަތީ ބާރުތަކުގެ 750 އޮފިސަރަކަށް ލިބިފައިވެއެވެ. ހަމަނުޖެހުންތަކުގައި މަރުވި އާއްމުންގެ ސީދާ އަދަދެއް އަދި ކަށަވަރެއް ނުވެއެވެ. ނަމަވެސް ބައެއް މީޑިއާތަކުން ބުނާ ގޮތުގައި މުޒާހަރާގައި އަނިޔާ ވެގެން އައިސީޔޫގައި ފަރުވާ ދެމުންދާ މީހުންގެ އަދަދު ވެސް 60 އަށް އަރައެވެ.

ކަޒަކިސްތާންގައި ހިނގަމުންދާ ހަމަނުޖެހުންތައް ހުއްޓުވަން ރަޝިއާ ސިފައިން އެގައުމަށް ދިއުމުން ޔޫރަޕްގެ އިއްތިހާދުން ވަނީ އެކަން ކުށްވެރިކޮށްފައެވެ. އީޔޫ އިން ބުނާ ގޮތުގައި ކަޒަކިސްތާންގައި ކުރިމަތިވެން އުޅޭ މައްސަލަތައް ހައްލު ކުރާނީ އެގައުމުންނެވެ. އެކަމުގެ ތެރެއަށް ރަޝިއާ އިން ވަންނަން ނުޖެހޭނެ ކަމަށް އީޔޫ އިން ބުނެއެވެ.

ކަޒަކިސްތާންގެ މުޒާހަރާގެ ބައިވެރިންގެ އަތުގައި މިހާރު ހަތިޔާރު ވެސް ހުރި ކަމަށް ބެލެވެއެވެ. ރަޝިއާ ސިފައިންގެ އެންމެ ބޮޑު އަމާޒަކަށް ވާނީ ހަތިޔާރު ގެންގުޅޭ މީހުންގެ އަތުން ހަތިޔާރުތައް އަތުލުން ކަމަށް ބައެއް އޮފިޝަލުންނާއި ހަވާލާދީ މީޑިއާތަކުން ރިޕޯޓް ކުރެއެވެ.

ރަޝިއާގެ ބައެއް އޮފިޝަލުން އެގައުމުގެ މީޑިއާތަކަށް މައުލޫމާތު ދެމުން ބުނެފައި ވަނީ ކަޒަކިސްތާންގައި ރަޝިއާ ސިފައިން އަދާކުރާނީ ސުލްހަ ބަލަހައްޓާ ފައުޖެއްގެ ދައުރު ކަމަށެވެ.

މީގެ ހަފްތާއެއްހައި ދުވަސް ކުރިން ކަޒަކިސްތާންގެ އާއްމު ރައްޔިތުން އެގައުމުގެ ސަރުކާރާއި ދެކޮޅަށް މުޒާހަރާ ފެށީ ތެލުގެ އަގު ބޮޑުވެ، ބައެއް ހިދުމަތްތަކާއި ކާބޯތަކެތީގެ އަގުތައް އުފުލެން ފެށުމުންނެވެ.