ކޮވިޑް-19ގެ ސަބަބުން އިޓަލީގައި ތިބި ކެންސަރު ބަލި މީހުންނަށް ފަރުވާ ދިނުމުގައި ދަތިތަކެއް ހުރި ކަމަށް އެގައުމުން ބުނެފިއެވެ.

އިޓަލީގެ މެޑިކަލް އެސޯސިއޭޝަނުން ބުނެފައިވަނީ ކޮވިޑްގެ އެންމެ ފަހުގެ ރާޅާއި އެކީ ހޮސްޕިޓަލުގައި އެނދުމަތި ކުރާ މީހުންގެ އަދަދު ބޮޑު ތަނުން އިތުރުވެގެން ގޮސް ކެންސަރަށް ފަރުވާ ހޯދާ 11 މިލިއަން މީހުންނަށް އެފަރުވާ ދިނުމުގައި ދަތިތަކެއް ކުރިމަތިވާން ފަށާފައިވާ ކަމަށެވެ.

"ސާޖަރީތައް ކުރާ ދުވަސްތައް ފަސް ކުރުމުގެ ސަބަބުން ކެންސަރު އެހެން ސްޓޭޖަކަށް ހިނގައިދާނެ. އޭގެ މަނާއަކީ ފަރުވާ ލިބުމުގެ ފުރުސަތު ކުޑަކަން" އެއެސޯސިއޭޝަނުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވެއެވެ.

އެފެޑެރޭޝަނުން ބުނީ، އެގައުމުގެ ހޮސްޕިޓަލްތަކަށް ބޭނުންވާ އިންވެސްޓްމެންޓްތައް ނުލިބުމާއި އެކަށީގެންވާ މިންވަރަށް މުވައްޒަފުން ނުލިބުމުގެ މައްސަލަ މިހާރު ވެސް ކުރިމަތިވެފައިވާ ކަމަށެވެ. އެހެން ކަމުން މި ހާލަތުގައި 2020 ވަނަ އަހަރުގެ ކުރީ ކޮޅުގެ މަސްތަކުގައި އަމަލު ކުރި ގޮތަށް އަމަލު ކުރަން ޖެހިދާނެ ކަމަށް ވަނީ ބުނެފައެވެ.

މި ބަލިމަޑުކަމުގެ ސަބަބުން 2020 ވަނަ އަހަރު ކޮވިޑް-19 ނޫން ހޮސްޕިޓަލްތަކުގައި އެނދުމަތި ކުރާ މީހުންގެ ނިސްބަތް އޭގެ ކުރީ އަހަރާ އަޅާބަލާއިރު 1.3 މިލިއަން ދަށަށް ގޮސްފައިވާ ކަމަށް އެ ފެޑެރޭޝަނުން ބުންޏެވެ.

އިޓަލީން މިހާތަނަށް 7,554,344 މީހަކު ކޮވިޑް-19 އަށް ފައްސިވެފައިވާއިރު، އެބަލީގައި 139,265 މީހަކު ވަނީ އެގައުމުން މަރުވެފައެވެ.