ތެލުގެ އަގު ކުއްލިއަކަށް ބޮޑު ކުރުމުން ކަޒަކިސްތާނުގައި ފެށި މުޒާހަރާތައް ހަމަނުޖެހުމަކަށް ބަދަލުވެ 225 މީހުން މަރުވެފައިވާ ކަމަށް އެ ގައުމުން ބުުނެފިއެވެ.

"ކުއްލި ނުރައްކަލުގެ ހާލަތުގައި 225 މީހެއްގެ ހަށިގަނޑު މޯޗަރީތަކަށް ވަނީ ގެންދެވިފައި، އޭގެ ތެރެއިން 19 މީހުންނަކީ ގާނޫނު ތަންފީޒު ކުރާ އޮފިސަރުންނާއި އަސްކަރިއްޔާގެ މީހުން،" ދައުލަތުގެ ޕްރޮސެކިއުޓަރުގެ މަންދޫބު ސެރިކް ޝަލަބަޔޭވް އިއްޔެ ބޭއްވި ބްރީފިންއެއްގައި ވިދާޅުވެފައިވެއެވެ.

ޝަލަބަޔޭވް ވިދާޅުވީ، މި ހަމަނުޖެހުންތަކުގައި މަރުވި މީހުންގެ ތެރޭގައި ދެން ހިމެނެނީ ހަތިޔާރު އެޅި ގުރޫޕުތަކުގެ މީހުން ކަމަށެވެ.

ކަޒަކިސްތާނުގެ ސަރުކާރުން މީގެ ކުރިން ބުނީ، މުޒާހަރާތަކުގެ ސަބަބުން މަރުވެފައިވާ ކަމަށް ރިޕޯޓު ކޮށްފައިވަނީ 50 އަށް ވުރެ މަދު އަދަދެއްގެ މީހުން ކަމަށެވެ. އަދި އޭގެތެރޭގައި، 26 ހަތިޔާރު އެޅި ކުށްވެރިންނާއި 18 ސެކިއުރިޓީ އޮފިސަރުން ހިމެނޭ ކަމަށް ބުނެ، އެގައުމުގެ ސަރުކާރުން ވަނީ އިސް އޮފިޝަލުން ވެސް މާރާމާރީ ހިންގި ކަމަށް އިއުތިރާފު ވެފައެވެ.

ހެލްތު މިނިސްޓްރީގެ ތަރުޖަމާނު އަސެލް އަރްޓަކްޝިނޯވާ ވިދާޅުވީ، 2600 އަށްވުރެ ގިނަ މީހުން ހޮސްޕިޓަލުތަކުން ފަރުވާ ހޯދާފައިވާ ކަމަށާއި، 67 މީހެއްގެ ހާލު ސީރިއަސް ކަމަށެވެ.

ކަޒަކިސްތާންގައި ހަމަނުޖެހުން ހިންގީ އެހެން ގައުމަކުން ތަމްރީން ވެގެން އައިސް ތިބި ނިރުބަވެރިން ކަމަށް ކަޒަކިސްތާންގެ ރައީސް ކަސިމް-ޖޯމާރޓް ޓޮކަޔޭވް ވަނީ ވިދާޅުވެފައެވެ. ނަމަވެސް ނިރުބަވެރިން ތަމްރީންވީ ކޮން ގައުމަކުން ކަމެއް އޭނާ ވިދާޅުވެފައެއް ނުވެއެވެ.

ކަޒަކިސްތާންގެ ސަރުކާރާއި ދެކޮޅަށް މުޒާހަރާ ކުރަން ފަށާފައިވަނީ ޖަނަވަރީ މަހުގެ ދެވަނަ ދުވަހުއެވެ. މި މުޒާހަރާތަކާއި ގުޅިގެން އެގައުމުން ހައްޔަރު ކުރި މީހުންގެ އަދަދު 12000 އަށް އަރާފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.