އަފްޣާނިސްތާނަށް އައި ބާރުގަދަ ބިންހެލުމެއްގައި 26 މީހުން މަރުވެ، އިތުރު ބަޔަކު ގެއްލިއްޖެއެވެ.

އަފްޣާނިސްތާންގެ ހުޅަނގުގައި އޮންނަ ބަދުގިސް ޕްރޮވިންސަށް އައި ބިންހެލުމުގައި 700 އަށް ވުރެ ގިނަ ގެއަށް ގެއްލުން ލިބިފައިވާ ކަމަށް ޕްރޮވިންސްގެ ތަރުޖަމާން މުހައްމަދު ސަރުވާރީ "އަލްޖަޒީރާ" އަށް މައުލޫމާތު ދެމުން ވިދާޅުވިއެވެ. ތަރުޖަމާން ސަރުވާރީ ވިދާޅުވީ ބިންހެލުމުގެ ސަބަބުން ބަޔަކު މަރުވެފައި ވަނީ އެމީހުން ދިރިއުޅޭ ގޭގެ ފުރާޅު ވެއްޓުމުގެ ސަބަބުންނެވެ.

އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭ އިން ބުނާ ގޮތުގައި މިބިންހެލުމުގެ ބާރުމިން ރެކޯޑް ކުރެވިފައި ވަނީ 5.3 މެގްނެޓިއުޑްގައެވެ. އެބިންހެލުން އައިތާ ދެގަޑިއިރު ފަހުން އިތުރު ބިންހެލުމެއް ވެސް އައެވެ. އެބިންހެލުމުގެ ބާރުމިން ރެކޯޑް ކުރެވިފައި ވަނީ 4.9 މެގްނެޑިއުޑްގެ ބާރުމިނުގައެވެ.

"ބިންހެލުމުގެ ސަބަބުން މަރުވި 26 މީހުންގެ ތެރޭގައި ފަސް އަންހެނުންނާއި ހަތަރު ކުޑަކުދިން ވެސް ހިމެނޭ. ބިންހެލުމުގެ ސަބަބުން މަރުވި މީހުންގެ އަދަދު އަދިވެސް އިތުރު ވުމުގެ ފުރުސަތު ބޮޑު." ތަރުޖަމާން ސަރުވާރީ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ބިންހެލުން އައި ސަރަހައްދަށް ވަރަށް ބޮޑަށް ވިއްސާރަކޮށް ވާރޭ ވެސް ވެހެމުންދާ ކަމަށާއި ކުއްލި ހާލަތުގައި އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކަށް ވިއްސާރައިގެ ސަބަބުން ދަތިތައް ކުރިމަތިވެފައިވާ ކަމަށެވެ.

ބިންހެލުން އައި ސަރަހައްދަކީ ތުރުކަމިނިސްތާނާއި އަފްޣާނިސްތާން ގުޅޭ ސަރަހައްދުގައި އޮންނަ އެކަހެރި ސަރަހައްދެކެވެ. އެސަރަހައްދަށް ދަތުރު ކުރަން ހުންނަނީ ވެސް ރަނގަޅަށް ތަރައްގީ ނުކޮށް އޮންނަ ހާލަތު ގޯސް މަގުތަކެކެވެ. އެހެންކަމުން އެހީ ފޯރުކޮށްދޭ ފަރާތްތަކަށް އެސަރަހައްދަށް ދަތުރު ކުރުން ވެސް ވަނީ ދަތި ކަމަކަށް ވެފައެވެ.

އަފްޣާނިސްތާންގެ އެމެޖެންސީ އޮޕަރޭޝަން ސެންޓަރުގެ އިސްވެރިޔާ މުއްލާ ޖަނާހް ވެސް މީޑިއާ އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ބިންހެލުމުގެ ސަބަބުން މަރުވި މީހުންގެ އަދަދު އަދި ވަރަށް ބޮޑަށް އިތުރުވުން އެކަށީގެންވާ ކަމަށެވެ. އޭނާ ވިދާޅުވީ ބިންހެލުން އައި ސަރަހައްދުގެ މައުލޫމާތުތައް ވެސް އަދި ރަނގަޅަށް ސާފުވެފައި ނުވާ ކަމަށެވެ.

އަފްޣާނިސްތާނަށް ބާރުގަދަ ބިންހެލުމެއް އައިސް ބޮޑެތި ގެއްލުންތަކެއް ލިބިފައި ވާއިރު މިދިޔަ އަހަރުގެ އޮގަސްޓް މަހު ޠާލިބާނުން އެގައުމުގެ ވެރިކަމަށް އައުމާއިއެކު ބޭރުގެ އެހީތައް ވަނީ ކެނޑިފައެވެ. އެހެންކަމުން 20 އަހަރު ވަންދެން ބޭރުގެ އެހީއަށް ބަރޯސާ ވެފައި އޮތް އަފްޣާނިސްތާންގެ ރައްޔިތުންނަށް ކާބޯތަކެތި ލިބުމުގައި ވެސް ދަތިތަކެއް ކުރިމަތިވެފައެވެ.