އިނގިރޭސިވިލާތުގައި ކޮވިޑް-19 އޮމިކްރޮން ވޭރިއަންޓް ޖެހިފައިވާ މީހުންގެ ތެރެއިން ތިންބައިކުޅަ ދެބައި މީހުންނަށް ކުރިން ވަނީ ކޮވިޑް-19 ޖެހިފައި ކަމަށް ދިރާސާ އަކުން ދައްކައިފިއެވެ.

އެތައް ހާސް ވޮލެންޓިއަރުންނެއް ބައިވެރިކޮށްގެން ކޮވިޑަށް ޓެސްޓް ކޮށްގެން ކޮށްފައިވާ ދިރާސާ އިން ދައްކާ ގޮތުގައި ގިނަ ބަޔަކު ކުރިން ކޮވިޑަށް ފައްސިވުމަށް ފަހު އަލުން އޮމިކްރޮން އަށް ފައްސިވި ނަމަވެސް މިކަމާއި ގުޅޭ އިތުރު ދިރާސާތަކެއް ކުރަން ޖެހޭ ކަމަށް އޮފިޝަލުން ބުނެއެވެ.

ތަޖުރިބާކާރުން ބުނާ ގޮތުގައި އޮމިކްރޮން އަށް ފައްސިވި ގިނަ މީހުން ކުރިން ކޮވިޑަށް ފައްސިވި ސަބަބު ދެނެގަންނަން އިތުރު ކަންކަން ބަލަން ޖެހެއެވެ. ކޮވިޑަށް އާއްމު ގޮތެއްގައި ފައްސިވަނީ ގިނަ މީހުންނާއި ބައްދަލުވާ މީހުން ކަމަށް ވާތީ އޮމިކްރޮން އަށް ފައްސިވި މީހުންގެ ތެރޭގައި ގިނައިން ކުރިން ކޮވިޑް ޖެހުނު މީހުން ހިމެނުނީ ކަމަށް ވެދާނެ ކަމަށް ދިރާސާ ކުރި ޓީމުން ބުނެއެވެ.

ކޮވިޑް-19 އިން ދިފާއު ވުމަށް ޖަހާ ބޫސްޓާ ޑޯޒް ނުވަތަ ތިން ވަނަ ވެކްސިން ޖަހާތާ ދިހަ ހަފްތާ ފަހުން ލިބޭ ރައްކާތެރިކަން ކުޑަވާން ފަށާ ކަމަށް އިނގިރޭސިވިލާތުން އިއްޔެ ވަނީ ބުނެފައެވެ.

ކޮވިޑް-19 އިން ދިފާއުވުމަށް ޖަހާ ފައިޒާ ބޫސްޓާ ޑޯޒްގެ ސަބަބުން ބޫސްޓާ ޑޯޒް ޖެހުމާއި އެކު ކޮވިޑް ނުޖެހުމުގެ %90 ފުރުސަތު އޮންނާނެ ކަމަށް އިނގިރޭސިވިލާތުގައި ކުރި ދިރާސާ އަކުން ދައްކާފައި ވެއެވެ. ނަމަވެސް ވެކްސިން ޖަހާތާ 10 ހަފްތާ އާއި 14 ހަފްތާ އާއި ދެމެދު ކޮވިޑުން ރައްކާތެރި ކޮށްދިނުމުގެ ނިސްބަތް %73 އަށް ދަށަށްދާ ކަމަށް ދިރާސާ އިން ދައްކައެވެ.

ދިރާސާގެ ނަތީޖާ ދައްކާ ގޮތުގައި މޮޑާނާ ވެކްސިންގެ ބޫސްޓާ ޑޯޒް ޖަހާފައިވާ މީހުންނަށް ހޮސްޕިޓަލްގައި ފަރުވާ ދޭން ނުޖެހުމުގެ %90 އާއި %95 އާއި ދެމެދުގެ ފުރުސަތެއް އޮވެއެވެ. ނަމަވެސް އެއިންސައްތައިގައި ހުންނަނީ ވެކްސިންގެ ބޫސްޓާ ޑޯޒް ޖެހި ފަހުން ނުވަ ހަފްތާގެ މުއްދަތަކަށެވެ.

ކޮވިޑް-19 އާއި ދެކޮޅަށް ބޭނުން ކުރާ ހުރިހާ ވެކްސިނަކުން ވެސް ފުރިހަމަ ރައްކާތެރިކަން ލިބެނީ ވެކްސިން ޖަހާ މުއްދަތުން ފެށިގެން ހަމަސް ވަންދެނެވެ. ވެކްސިން ފުރިހަމަ ކުރާތާ ހަމަސް ފަހުން ކޮވިޑުން ލިބޭ ރައްކާތެރިކަން %60 އަށް ވެއްޓެއެވެ. ނަމަވެސް ބޫސްޓާ ޑޯޒް ޖަހާތާ 14 ދުވަސް ތެރޭގައި ކޮވިޑުން ރައްކާތެރިވުމުގެ ފުރުސަތު %95 އަށް އަލުން އަރައެވެ. މިދިރާސާ ކޮށްފައި ވަނީ އިނގިރޭސިވިލާތުގެ ހެލްތު ސެކްރެޓަރީ އެޖެންސީ އިންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޥެކްސިން

    ޢަދި ކޮބާ ވެކްސިން ޖެހީމާ އެންޓިބޮޑީ އުފެދެން ނަގާ 14 ދުަވަސް އެހެންވީމާ ބޫސްޓާއިން 2 ހަފުތާ މަދުކުރޭ. ޢޭރުން އެވަނީ 8 ހަފްތާ. 2 މަހަށް ބޫސްޓަ އަހަރަކު 6 ބޫސްޓާ