އެމެރިކާގެ ރައީސް ޖޯ ބައިޑެން މިއަދު ދަތުރު ކުރަން ހަމަޖެހިފައި އޮތް ބުރިޖެއް، ދަތުރުގެ ކުޑައިރުކޮޅެއް ކުރިން ވެއްޓިއްޖެއެވެ.

އެމެރިކާގެ މީޑިއާތަކުން ރިޕޯޓް ކުރާ ގޮތުގައި އެމެރިކާގެ ޕެންސިލްވޭނިއާގައި އޮންނަ ޕީޓާސްބާގް ނަމަކަށް ކިޔާ ސިޓީގެ ބުރިޖު ވެއްޓުނީ ބައިޑެން ދަތުރު ކުރުމަށް ޝެޑިއުލް ކޮށްފައި އޮތް ގަޑި ޖެހެން ވަރަށް ގާތްވެފައި ވަނިކޮށެވެ.

ބުރިޖު ވެއްޓުނު ހާދިސާގައި ދިހަ މީހަކަށް އެކިވަރުގެ އަނިޔާތައް ވެފައި ވެއެވެ. އަނިޔާވި މީހުންގެ ތެރެއިން ތިން މީހަކަށް އަންނަނީ ހޮސްޕިޓަލްގައި ފަރުވާ ދެމުންނެވެ. އެއިން އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައެއް ނުވެއެވެ. މިހާދިސާގައި އެއްވެސް މީހަކު މަރުވެފައި ނުވާކަމަށް ރަސްމީ އިދާރާތަކުން ބުނެއެވެ.

ފުލުހުން ބުނާ ގޮތުގައި ބުރިޖު ވެއްޓުނީ ބޯކޮށް ސްނޯ ފޭބުމުގެ ސަބަބުން ބުރިޖަށް ބަރު ބޮޑުވެގެންނެވެ. ނަމަވެސް އެކަން އިތުރަށް ކަށަވަރު ކުރުމަށް ތަހްގީގު ކުރަމުން ގެންދާ ކަމަށް އޮފިޝަލުން ވިދާޅުވެއެވެ.

ބުރިޖު ވެއްޓުނީ ޕެންސިލްވޭނިއާގެ ގަޑިން ހުކުރު ދުވަހު ހެނދުނު 06:00 ކަންހާއިރުއެވެ. ބުރިޖު ވެއްޓުނު އިރު ބުރިޖު މަތިން ހަތަރު ވެހިކަލެއް ދަތުރު ކުރަމުން ދިޔައެވެ.

އެސަރަހައްދަށް ގޭސް ފޯރުކޮށްދިނުމަށް ހޮޅިއެއް މިބުރިޖު ދަށުން އަޅާފައި ވެއެވެ. ބުރިޖު ވެއްޓުމާއި ގުޅިގެން ގޭސް ލައިންގެ ހިދުމަތް ވަނީ މެދުކަނޑާލާފައެވެ. ގޭސް ފޯރުކޮށްދޭ ކުންފުނިން ބުނާ ގޮތުގައި ގޭސް އަލުން ފޯރުކޮށް ދިނުމަށް ކުރަން ޖެހޭ މަސައްކަތްތައް މިހާރު އަންނަނީ ކުރަމުންނެވެ.

ބައިޑެން މިއަދު ޕީޓާސްބާގް ސަރަހައްދަށް ވަޑައިގަންނަވާ ދަތުރަކީ އެމެރިކާގެ އިންފްރާސްޓަކްޗަރ މަޝްރޫއުތަކާއި ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ކުރައްވާ ދަތުރެކެވެ. ފަހަކަށް އައިސް އެމެރިކާ ސަރުކާރުން އިންފްރާސްޓަކްޗަރ މަޝްރޫއުތަކަށް ކުރާ ހޭދަތައް މަދުވުމުން އެގައުމުގެ އިމާރާތްތަކަށް ގެއްލުން ލިބޭ މިންވަރު އިތުރުވުމާއި، މަގުތަކާއި ބުރިޖުތައް ފަދަ ތަންތަން ނުހެދޭ ކަމުގެ ޝަކުވާ ވަނީ ބޮޑުވެފައެވެ. އެޝަކުވާތަކަށް ނިމުން ގެންނަން ބައިޑެން ވަނީ ބޮޑު ބަޖެޓެއް މިހާރު އެކުލަވާލައްވާފައެވެ.

ވައިޓްހައުސް އިން ބުނާ ގޮތުގައި ބުރިޖު ވެއްޓުނު ނަމަވެސް ބައިޑެންގެ ދަތުރު ކުރިން ވެސް ރޭވިފައި އޮތް ގޮތައް ކުރިއަށް ގެންދާނެއެވެ.