ޖަރުމަންވިލާތުގެ ވައިގެ ސަރަހައްދު ރަޝިއާއަށް ބަންދު ކުރާނެ ކަމުގެ އިންޒާރު ޖަރުމަންވިލާތުން ދީފިއެވެ.

ރަޝިއާ އިން ޔޫކްރޭނަށް ދެމުންދާ ހަމަލާތަކާއި ގުޅިގެން ޔޫރަޕްގެ ވަރަށް ގިނަ ގައުމުތަކުން މިހާރު ވަނީ އެގައުމުތަކުގެ ވައިގެ ސަރަހައްދުތަކަށް ރަޝިއާގެ ފްލައިޓްތަކަށް ބަންދުކޮށްފައެވެ.

ޖަރުމަންވިލާތުން ބުނީ ރަޝިއާ އިން ޔޫކްރޭނާއި ދެކޮޅަށް އަސްކަރީ ބާރުގެ ބޭނުން ކުރަމުން ގެންދާނަމަ ރަޝިއާގެ ފްލައިޓްތަކަށް ޖަރުމަންވިލާތުގެ ވައިގެ ސަރަހައްދު ބަންދު ކުރުން އެއީ ކުރަން ޖެހިދާނެ ކަމެއް ކަމަށެވެ.

"މިހާރު ވެސް ޖަރުމަންވިލާތުގެ ވައިގެ ސަރަހައްދު ރަޝިއާގެ ފްލައިޓްތަކަށް ބަންދު ކުރުމަށް ވާން ޖެހޭ ހުރިހާ ތައްޔާރީތަކެއް ވަނީ ވެނިމިފައި." ޖަރުމަންވިލާތުގެ ފެޑްރަލް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ޑިޖިޓަލް އިންފްރާސްޓަކްޗާ އިން ނެރުނު ބަޔާނެއްގައި ބުނެފައި ވެއެވެ.

ޖަރުމަންވިލާތުގެ ލުފްތަންސާ އިން މިހާރު ވެސް ވަނީ ރަޝިއާ އަށް ދަތުރު ކުރުން ވަގުތީ ގޮތުން ހުއްޓާލާފައެވެ.

ޔޫރަޕްގެ ގައުމުތައް ކަމަށްވާ ލެތުވިއާ، ލެތުއޭނިއާ، ސްލޮވޭނިއާ، އެސްޓޯނިއާ އަދި އިނގިރޭސިވިލާތުން ވެސް ވަނީ ރަޝިއާގެ ފްލައިޓްތަކަށް އެގައުމުތަކުގެ ވައިގެ ސަރަހައްދު ބަންދުކޮށްފައެވެ. ރައްދުގައި ރަޝިއާ އިން ވަނީ އެގައުމުތަކުގެ ފްލައިޓްތައް ރަޝިއާ އަށް އުދުހުން މަނާކޮށްފައެވެ.

ރަޝިއާ އިން ޔޫކްރޭނާއި ދެކޮޅަށް ފެށި ހަނގުރާމަ އާއި ގުޅިގެން ހުޅަނގުގެ ގައުމުތަކުން އަންނަނީ ރަޝިއާ އާއި ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް ވަރުގަދަ ކުރަމުންނެވެ. އެންމެ ފަހުން ރޭ އެޅި ދަތިކުރުމުގެ ފިޔަވަޅަކީ ރަޝިއާގެ ބައެއް ބޭންތަކަށް ސްވިފްޓް މެސެޖިން ސިސްޓަމްގެ ބޭނުން ނުކުރެވޭ ގޮތް ހެދުމެވެ.

ހުޅަނގުގެ ގައުމުތަކުން ބުނާ ގޮތުގައި ރަޝިއާ އިން ހަނގުރާމަ ކުރިއަށް ގެންދާނަމަ އެގައުމު ދުނިޔެ އިން ބާކީކޮށް އެކަހެރި ކޮށްލާނެއެވެ.