ރަޝިއާގެ ވައިގެ އުޅަނދުތައް ސްވިޑެންގެ ވައިގެ ސަރަހައްދަށް ވަނުން މަނާކޮށްފައި ވަނިކޮށް ދެ އަސްކަރީ ޖެޓު ވައިގެ ސަރަހައްދަށް ވަނުމާ ގުޅިގެން ސްވިޑެން އިން އެކަން ކުށްވެރިކޮށްފިއެވެ.

ސްވިޑެންގެ ޑިފެންސް މިނިސްޓަރު ޕީޓާ ހަލްކްވިސްޓް ވިދާޅުވީ ސްވިޑެންގެ ވައިގެ ސަރަހައްދު ރަޝިއާ އަށް ބަންދުކޮށްފައި ވަނިކޮށް އެ ގައުމުގެ ދެ ޖެޓެއް ވަނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި ރަޝިއާގެ އެ އަމަލު ކުށްވެރި ކުރައްވާ ކަމަށް ވެސް ސްވިޑެންގެ ޑިފެންސް މިނިސްޓަރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި ސްވިޑެންގެ އިހްތިސާސްގައި ހިމެނޭ ސަރަހައްދުތަކާއި މިނިވަންކަމަށް އެހެން ގައުމުތަކުން އިހްތިރާމް ކުރަން ޖެހެއެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި ސްވިޑެން އަށް ވަދެފައި ވަނީ ރަޝިއާގެ ހަނގުރާމަ މަތީ ދެ ޖެޓެވެ.

ރަޝިއާއިން ޔޫކްރޭނަށް ހަމަލާތަކެއް ދެމުން އަންނަ މައްސަލައިގައި ސްވިޑެން އިން އެގައުމުގެ ވައިގެ ސަރަހައްދު ރަޝިއާގެ މަތިންދާބޯޓުތަކަށް ބަންދު ކޮށްފައިވަނީ މިދިޔަ މަހުގެ 28 ވަނަ ދުވަހުއެވެ.

ރަޝިއާއިން ޔޫކްރޭނަށް ހަމަލާތަކެއް ދެމުން އަންނަ މައްސަލައިގައި ގިނަ ގައުމުތަކުން ވަނީ ރަޝިއާގެ އުޅަނދުތަކަށް އެގައުމުތަކުގެ ވައިގެ ސަރަހައްދު ބަންދު ކޮށްފައެވެ. އޭގެ ތެރޭގައި އީޔޫގެ 27 ގައުމަކާއި އަލްބޭނިއާ، ކެނެޑާ، ނޯވޭ، ސުވިޒަލޭންޑް، އިނގިރޭސިވިލާތް އަދި އެމެރިކާ ހިމެނެއެވެ.

ރަޝިއާއިން ޔޫކްރޭނަށް ދެމުން އަންނަ ހަމަލާތައް ގިނަ ގައުމުތަކުން ކުށްވެރި ކުރި ނަމަވެސް ރަޝިއާއިން އޮތީ ހަނގުރާމަ ހުއްޓާލާ ގޮތަކަށް ނޫނެވެ. އެގައުމުން އަންނަނީ ޔޫކްރޭންގެ ވެރިރަށާއި އިތުރު ސިޓީތައް ހިފުމަށް އަދިވެސް މަސައްކަތް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    ކުށްވެރިކުރަން ނުތިބެ ބަޑިޖަހާ ބޯޓުތައް ވައްޓާލާށޭ! މަތިންދާބޯޓެއް ވައްޓާލާނެ ގާބިލުކަން ވެސް ނެތީ ދޯ. ރަޝިޔާއިން މުޅި ޔޫރަޕު ހިފަންދެން ކުށްވެރިކޮށްލަކޮށްލާ ތިބޭނީ ދޯ. ތިއީ ކަލޭމެން ޔޫރަޕު މީހުންގެ ފެންވަރަކީ މިހާރު ދޯ. ލާދީނީ ވެގެން ގޮސް އެއްޖިންސުން ކާވެނިކުރަން އަމުރުކުރުން ނޫން ކަމެއް ކުރާކަށް ކަލޭމެންނަކަށް ނޭނގެ ދޯ.