ވިކިލީކްސްގެ ފައުންޑަރ ޖޫލިއާ އަސާންޖް އެމެރިކާ ސަރުކާރާއި ހަވާލު ކުރަން އިނގިރޭސިވިލާތުގެ ހައިކޯޓުން ކުރި ހުކުމް އޭނާގެ ފަރާތުން އިނގިރޭސިވިލާތުގެ ސުޕްރީމް ކޯޓަށް ހުށަހެޅުމުން އިސްތިއުނާފުގެ މައްސަލަ ބަލައި ނުގަންނަން އިނގިރޭސިވިލާތުގެ ސުޕްރީމް ކޯޓުން ނިންމައިފިއެވެ.

އިނގިރޭސިވިލާތުގެ ސުޕްރީމް ކޯޓުގެ ނިންމުން އަދި އާއްމެއް ނުކުރެއެވެ. އެހެންކަމުން ސުޕްރީމް ކޯޓުން މިގޮތައް ނިންމި ސަބަބެއް އަދި ސާފެއް ނުވެއެވެ.

އަސާންޖް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރި މައްސަލަ އެކޯޓުން ބަލައި ނުގަތުމުން އަސާންޖް އެމެރިކާ ސަރުކާރާއި ހަވާލު ކުރުން މިހާރު އޮތީ އިނގިރޭސިވިލާތުގެ ހޯމް ސެކްރެޓަރީ ޕްރިޓީ ޕަޓޭލްގެ އަތްމަތީގައެވެ. އޭނާ އަސާންޖް އެމެރިކާ އާއި ހަވާލު ކުރަން ނިންމުމުން ކޮންމެ ވަގުތަކު ވެސް އެމެރިކާ އާއި އަސާންޖް ހަވާލު ކުރުމަށް މިހާރު ގާނޫނީ ހުރަހެއް ނެތެވެ.

އަސާންޖާއި އޭނާގެ ވަކީލުން ބުނަމުން އަންނަނީ އަސާންޖް އެމެރިކާ އާއި ހަވާލު ކޮށްފިނަމަ އެމެރިކާ އިން އަސާންޖަށް މަރުގެ އަދަބު ދީފާނެ ކަމަށެވެ. އަސާންޖްގެ ނަފްސާނީ ހާލަތު ހުރި ގޮތުން ވެސް އަސާންޖް އެމެރިކާ އާއި ހަވާލު ކުރަން ނިންމުމަކީ އޭނާގެ ފުރާނަ އަށް ނުރައްކާ ވެދާނެ ކަމެއް ކަމަށް ވަކީލުން ބުނެއެވެ. އަސާންޖް އެމެރިކާ އާއި ހަވާލު ކުރުން ފުރަތަމަ ދަށު ކޯޓުން ހުއްޓުވީ ވެސް އަސާންޖްގެ ނަފްސާނީ ހާލަތައް ރިއާޔަތް ކުރުމަށް ފަހުއެވެ.

އަސާންޖް އަކީ އެމެރިކާގެ އެތައް ލައްކަ ހާރިޖީ ލިޔުންތަކެއް ލީކްކޮށްލައި، އެމެރިކާ އިން އެހެން ގައުމުތަކާއި ގުޅިގެން ހިންގި އެތައް ޖަރީމާއެއް ވިކިލީކްސް މެދުވެރިކޮށް ބޭޒާރު ކޮށްލި މީހެކެވެ. އަސާންޖް ހައްޔަރު ކުރަން ފުރަތަމަ މަސައްކަތް ކުރުމުން އޭނާ އިނގިރޭސިވިލާތުގައި ހުންނަ އިކްއެޑޯ އެމްބަސީ އަށް ވަދެ އެތަނުން ހިމާޔަތް ހޯދިއެވެ. ހަތް އަހަރު ދުވަސް ވަންދެން އިކްއެޑޯ އެމްބަސީގައި އަސާންޖް ހުއްޓެވެ. އިނގިރޭސިވިލާތުގެ ފުލުހުން 2019 ވަނަ އަހަރު އަސާންޖް ހައްޔަރު ކުރީ އޭނާ އަށް އިކްއެޑޯ އިން ދީފައި އޮތް ހިމާޔަތް އަނބުރާ ގެންދިއުމުންނެވެ.

އަސާންޖް މިހާރު ވެސް ހުރީ އިނގިރޭސިވިލާތުގެ ޖަލެއްގައެވެ. އެއީ އޭނާ ކޯޓަށް ހާޒިރުވާން ނެރުނު އަމުރަކާއި ހިލާފުވެ އިކްއެޑޯ އެމްބަސީން ހިމާޔަތް ހޯދި މައްސަލައިގައެވެ. ނަމަވެސް މިމަހުގެ 23 ވަނަ ދުވަހު އޭނާ ކައިވެނި ކުރުމަށް އެއް ދުވަހަށް ޖަލުން ނެރޭނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.

އަސާންޖްގެ މައްޗަށް އެމެރިކާ އިން ވަނީ 18 ދައުވާއެއް އުފުލާފައެވެ. އެދައުވާތަކުގެ ޝަރީޢަތް އެމެރިކާގައި ނުވަތަ އެމެރިކާގެ ބާރު ހިނގާ ޓެރިޓަރީއެއްގައި ހިންގަން އެމެރިކާ އިން ބޭނުން ވެއެވެ.

އަސާންޖް އެމެރިކާ ސަރުކާރާއި ހަވާލު ކުރުމާއި ގުޅޭ ގޮތުން އަދި އިނގިރޭސިވިލާތުގެ ސަރުކާރުން އެއްވެސް އެއްޗެއް ނުބުނެއެވެ.