އިނގިރޭސިވިލާތުން ރަޝިޔާއަށް އަގުބޮޑެތި މުދާ އެކްސްޕޯޓް ކުރުން ހުއްޓާލައިފިއެވެ.

ރަޝިޔާއަށް މަތީ ފަންތީގެ މުދާ އެކްސްޕޯޓްކުރުން މަނާކުރާނެކަމަށް އިނގިރޭސިވިލާތުގެ ސަރުކާރުން ބުނެފައިވާއިރު، ރަޝިއާއިން އިނގިރޭސިވިލާތައް އެތެރެކުރާ މުހިންމު ބާވަތްތަކުން އިމްޕޯޓް ޓެރިފްވެސް ވަނީ ބޮޑުކޮށްފައެވެ.

އަގުބޮޑަތި އުޅަނދުތަކާއި، އަގުބޮޑު ފެޝަން ސާމާނު އެކްސްޕޯޓް ކުރުން މަނާ ކުރުމުން އެކަމުގެ އަސަރު ރަޝިއާއަށް ކުރާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

އިނގިރޭސިވިލާތުން ވަނީ ރަޝިއާއިން އެތެރެކުރާ ވޮޑްކާގެ އިމްޕޯޓް ޓެރިފް މިހާރު ހުރި ރޭޓުތަކަށް 35 އިންސައްތަ ބޮޑު ކޮށްފައެވެ. އެގޮތުން ރަޝިއާގެ ވޮޑްކާގެ ވިޔަފާރިއަށް މިކަމުގެ އަސަރު ކުރާނެ ކަމަށް ކަމާބެހޭ ފަރާތްތަކުން ލަފާކޮށްފައިވެއެވެ.

އެކްސްޕޯޓް ކުރުން މަނާކުރުން ތަންފީޒްކުރުން އަންނަ ހަފްތާއަށް އަވަސް ކުރާނެއެވެ.
ރަޝިއާއިން ޔޫކްރެއިންއަށް ހަމަލާތައް ދޭން ފެށުމާއި ގުޅިގެން ގިނަ ގައުމުތަކުން ވަނީ ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައެވެ. މި ފިޔަވަޅުތަކުގެ އެންމެ ބޮޑު އަސަރެއް ކުރާނީ ރަޝިއާގެ އިގްތިސާދަށް ކަމަށް ބެލެވެއެވެ. އެއީ ޖީ7 ގެ ގައުމުތަކުން އެއްގަލަކަށް އަރައި އިގްތިސާދީ ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައިވާތީއެވެ.
ރަޝިއާގެ މި ހަމަލާތަކާއި ގުޅިގެން ހުޅަނގުގެ ގިނަ ގައުމުތަކުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ރަޝިއާއަށް މައްސަލަތަކެއް ކުރިމަތިވެފައިވާ ކަމަށް ރަޝިއާގެ ރައީސް ވްލަޑމިއަރ ޕޫޓިން ވަނީ އިއުތިރާފް ވެފައެވެ.
ހުޅަނގުގެ ގައުމުތަކުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ރަޝިއާއަށް މައްސަލަތައް ކުރިމަތިވެފައިވާ ކަމަށް ޕޫޓިން އިއުތިރާފް ވެފައިވާއިރު، "އެ މައްސަލަތައް ހައްލު ކުރާނަން" ކަމަށް ޕޫޓިން ވިދާޅުވެފައިވެެއެވެ.