ޗައިނާގައި ކޮވިޑް-19ގެ ވޭދަނަތައް އިތުރުވާތީ ޓެސްލާގެ ޝަންހާއީ ފެކްޓްރީގައި މަސައްކަތްކުރާ މުވައްޒަފުން ތިން ހަފްތާގެ މުއްދަތަށް ފެކްޓްރީގައި ނިދުމަށް މަޖުބޫރު ކުރަމުންދާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ބްލޫމްބާގުން ބުނާ ގޮތުގައި ޓެސްލާ ކުންފުނިން މިހާރު ވަނީ ކުންފުނީގެ މުވައްޒަފުންނަށް ނިދުމަށް ކުނާތަކާއި ބާލީސްތައްވެސް ހަވާލުކޮށްފައެވެ. އަދި އެމީހުން ނިދުމަށް ހަމަޖައްސާފައި ވަނީ ފެކްޓަރީގެ ތަޅުންމަތީގައި ކަމަށް ރިޕޯޓްތައް ބުނެއެވެ.

ކޮވިޑް ފެތުރެން ފެށިފަހުން ފުރަބަންދުކޮށްފައި ވަނިކޮށް ޓެސްލާއަކީ ޝަންހާއީގައި ހިންގަމުންދާ މަދު ކުންފުނިތަކުގެ ތެރެއިން އެއް ކުންފުންޏެވެ. އެ ސިޓީގައި ހިންގަމުންދާ މަލްޓިނޭޝަނަލް ކުންފުނިތަކުން ޗައިނާ ސަރުކާރަށް ޕްރެޝަރު ކުރަމުން ދަނީ ސިޓީގައި އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދިނުމަށާއި ކުންފުނިތަކުގެ މުވައްޒަފުން އެތަންތަނުގައި ބައިތިއްބައިގެންވެސް ކުންފުނީގެ މަސައްކަތްތައް ކުރުވުމަށެވެ.

މަޝްހޫރު އިލެކްޓްރިކް ކާރު އުފައްދާ ކުންފުނިން އެ ކުންފުނީގެ މުވައްޒަފުންނަށް މިކަމާ ގުޅިގެން މެމޯއެއްވެސް ފޮނުވާފައިވާ ކަމަށާއި އެ މެމޯގައި ފެކްޓްރީގައި ދިރިއުޅެން މަޖުބޫރުވާނެ ބައެއް ޝަރުތުތައް ތަފްސީލުކޮށް ބުނެފައިވާ ކަމަށް ބްލޫމްބާގްއިން ބުނެއެވެ. އެގޮތުން މުވައްޒަފުންނަށް ދުވާލަކު ތިން އިރުގެ ކެއުން ލިބޭނެ ކަމަށާއި 63 ޑޮލަރާއި އެލަވަންސެއް ދޭނެ ކަމަށް ބުނެފައިވެއެވެ.

ޓެސްލާގެ ޝަންހާއީ ފެކްޓްރީން ދުވާލަކު 2،000 އެއްހާ ކާރު މީގެކުރިން އުފެއްދި ނަމަވެސް ޝެންހާއީ ފުރަބަންދުކޮށްފައި އޮތުމުގެ ސަބަބުން ކާރު އުފެއްދުން މަދުވެ ކުންފުންޏަށް ވަނީ ބޮޑު ގެއްލުމެއް ވެފައެވެ. އެކަމަކު މިހާރު ކުންފުނިން އެޅި ފިޔަވަޅާއެކު ކުންފުންޏަށް ލިބުނު ގެއްލުން ފޫބެއްދޭނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު