ގްރީސްގެ ޖަންގައްޔެއްގައި ރޯވެ އަނދަމުންދާ އަލިފާންގަނޑެއްގެ ސަބަބުން، 20 މީހުން މަރުވެއްޖެއެވެ. އަލިފާނުގެ ސަބަބުން 20 މީހުން މަރުވެފައިވާއިރު، އިތުރު 70 މީހަކަށް އެކި ވަރުގެ އަނިޔާތައް ލިބި، 10 ފަތުރުވެރިންވަނީ ގެއްލިފައެވެ.

އެސަރަޙައްދުގައި ހަރަކާތްތެރިވަމުންދާ ބައިނަލްއަޤުވާމީ މީޑިޔާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި އަލިފާން ރޯވެފައިވަނީ ގްރީސްގެ ގްރޭޓަރ އެތަންސް ސަރަޙައްދުގައި އޮންނަ އަޓިކާގެ ހުޅަނގާއި އިރުމަތީ ސަރަޙައްދުގައި އޮންނަ ޖަންގައްޔެއްގައެވެ.

ނޫސްތަކުން އިތުރަށް ބުނާގޮތުގައި ޖަންގަލީގައި ރޯވި އަލިފާނުގެ އަސަރު، އެސަރަޙައްދުގައި ހުންނަ އާއްމުންގެ ގެތަކަށާއި އެނޫންވެސް އިމާރާތްތަކަށް ކޮށްފައިވެއެވެ. އަދި، ބައެއް ތަންތަނުގައި ހުޅު ހިފާފައިވާއިރު، އަރަމުންދާ ބޯ ދުމުގެ ސަބަބުން، އެސަރަޙައްދުތަކުން އެއްވެސް އެއްޗެއްވެސް ނޭނގެއެވެ.

ގްރީސްގެ ޖަންގަލީގައި ރޯވެފައި- ފޮޓޯ: ރޮއިޓަރސް

މީގެއިތުރުންވެސް، މައުލޫމާތު ލިބިފައިވާ ގޮތުގައި ބައެއް މީހުން މަރުވެ، ބައެއް މީހުންނަށް އެކިވަރުގެ އަނިޔާތައް ލިބިފައިވަނީ ރައްކާތެރި ހިސާބުތަކަށް ބަދަލުވުމުގެ މަސައްކަތުގެ ތެރެއިންނެވެ. އަދި، 10 ފަތުރުވެރިން ގެއްލިފައިވަނީ، އަލިފާނުން ސަލާމަތްވުމަށް، އެސަރަޙައްދުގައި އޮތް ބޯޓެއްގައި އެހެން ތަނަކަށް ދިއުމުގެ މަސައްކަތް ކުރަމުން ދަނިކޮށެވެ.

މި އަލިފާންގަނޑު ނިއްވުމުގެ މަސައްކަތުގައި ގިނަ އަދަދެއްގެ ފަޔަރ ފައިޓަރުންނާއި އަލިފާން ނިއްވާ އުޅަނދުތައްދަނީ ބޭނުންކުރަމުންނެވެ. ހަމައެހެންމެ، މަތިން އަލިފާން ނިވާ މަތިންދާބޯޓުތަކާއި ހެލިކޮޕްޓަރުތައްވެސް، މި މަސައްކަތުގައި ދަނީ ބޭނުންކުރަމުންނެވެ. އެހެންނަމަވެސް، ގްރީސް އިންވަނީ، މިކަމުގެ އިތުރު އެހީތެރިކަމަށް، ވިލާތު އިއްތިޙާދު (އީޔޫ) ގައި އެދިފައެވެ.

އެސަރަޙައްދުގައި ހުރި ގެތަކާއި، އެސަރަޙައްދުގައި އޮންނަ އަސްކަރީ ރިސޯޓަކުން އަދި ކުޑަކުދިންގެ ސަމަރ ކޭމްޕަކުން މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފައިވާއިރު، ރައްކާތެރި ހިސާބުތަކަށް ގެންދެވުނީ ކިތައް މީހުންކަމެއް، ގްރީސްގެ ރަސްމީ ފަރާތްތަކަށް ނޭނގެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ގްރީސްގެ މި ޖަންގަލީގައި އަލިފާން ރޯވާން ފަށާފައިވަނީ މި ހަފްތާގެ ހޯމަ ދުވަހުއެވެ. އެހެންނަމަވެސް، އެއީ ކިހިނެއް ދިމާވި ކަމެއްކަމެއް ބުނަން ނޭނގޭކަމަށް ކަމާ ބެހޭ ފަރާތްތަކުން ހާމަކޮށްފައިވެއެވެ.