އަވަށްޓެރި އިންޑިޔާގެ ދެކުނުގައި އޮންނަ ކެރެލާ ސްޓޭޓުގެ ޕޮލިސް ސްޓޭޝަނެއްގައި، ފުލުހުންގެ ބަންދުގައި ހުރި މީހަކަށް އަނިޔާކޮށް، މަރާލި މައްސަލައިގައި، ދެ ފުލުހެއްގެ މައްޗަށް މަރުގެ ހުކުމް ތަންފީޛު ކުރުމަށް ޙުކުމް ކޮށްފިއެވެ. މި ދެ މީހުން މަރައިގެން އަދަބު ދިނުމަށް ހުކުމްކޮށްފައިވަނީ، އެޤައުމުގެ ސެންޓްރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (ސީބިއައި) ގެ ކޯޓަކުންނެވެ.
މަރުގެ އަދަބު ދިނުމަށް ހުކުމްކޮށްފައިވާ ދެ ފުލުހުންނަކީ، ދެ ކޮންސްޓަބަލުންނެވެ. އެއީ، ކޭ ޖިތަކުމާރު އަދި އެސް ވީ ސްރީކުމާރު އެވެ.
މީޑިޔާ ރިޕޯޓުތައް ބުނާގޮތުގައި، އެމީހުން އަނިޔާކޮށް މަރާލާފައިވަނީ އުމުރުން 26 އަހަރުގެ ފިރިހެނެކެވެ. އުދާޔާކުމާރު ނަމަކަށް ކިޔާ މި މީހާ މަރާލާފައިވަނީ ކެރެލާގެ ތިރުވަނަންތަޕޫރަމް ނުވަތަ ޓްރިވެންޑްރަމްގެ ޕޮލިސް ސްޓޭޝަނެއްގައި، ކުށުގެ ތުހުމަތުގައި ބަންދުކޮށްފައި ހުއްޓައެވެ.
2005 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 27 ވަނަ ދުވަހު އުދާޔާކުމާރު މަރުވެފައިވާއިރު، އޭނާގެ އަތުގައި ހުރި ބައެއް ފައިސާ ހޯދަންވެސް، ދެ ފުލުހުން މަސައްކަތްކޮށްފައިވާކަން، ކުރި ތަހުގީގުތަކުން ވަނީ ހާމަވެފައެވެ. އަދި، އެމައްސަލައިގައިވެސް އެމީހުންނަށް ވަނީ އަދަބު ދޭން ނިންމާފައެވެ.
ނޫސްތަކުން އިތުރަށް ބުނެފައިވާ ގޮތުގައި، ޓްރިވެންޑްރަމްގެ ފޯޓް ޕޮލިސް ސްޓޭޝަނުގެ ކުޑަ ގޮޅީގައި ބަހައްޓައިގެން އުދާޔާކުމާރަށް ފުލުހުން ދީފައިވަނީ ތިންވަނަ ޑިގްރީގެ އަނިޔާތެކެވެ. މިފަދަ އަނިޔާތަކަކީ އެންމެ ނުރައްކާތެރި ކުށްވެރިންނަށް ދޭ އަނިޔާތައްކަމަށްވާއިރު، އޭނާ ހައްޔަރުކޮށްފައިވަނީވެސް، އެހާ ސީރިޔަސް މައްސަލައެއްގެ ތުހުމަތުގައެއްވެސް ނޫނެވެ.
މައްސަލައާ ގުޅިގެން، ގޮޅީގައި މަރުވި މީހާގެ ޕޯސްޓް މޯޓަމް ހެދިއިރު، އެމީހާގެ ހަށިގަނޑުގެ 22 ތަނަކަށް ސީރިޔަސް އަނިޔާތަކެއް ލިބިފައިވާކަން ވަނީ ހާމަވެފައެވެ. އަދި، އޭނާ ބަރަހަނާ ކޮށްގެން، ތަނެއްގައި އައްސައިގެންވެސް އަނިޔާކޮށްފައިވާކަން ވަނީ ހާމަވެފައެވެ.
މި މައްސަލައިގައި ދެ ފުލުހުންނަށް މަރުގެ އަދަބު ދީފައިވާއިރު، އޭރު ޓްރިވެންޑްރަމްގައި މަސައްކަތްކުރި ފުލުހުންގެ އެސިސްޓަންޓް ކޮމިޝަނަރަކާއި، ސާކަލް އިންސްޕެކްޓަރެއް އަދި ސަބް އިންސްޕެކްޓަރަކަށްވެސް، މި މައްސަލައިގައި ދައުވާ ކޮށްފައިވެއެވެ. އެމީހުންނަށް ދައުވާ ކޮށްފައިވަނީ، އަނިޔާ ކުރި ދެ ފުލުހުން ކުރި ކަންކަން ސިއްރުކޮށް، ހެކި ނައްތާލަން އުޅުމުގެ ކުށުގައެވެ.
ޖިތަކުމާރު އާއި ސްރީކުމާރަށް މަރުގެ އަދަބު ދިނުމުގެ އިތުރުން، ދެ ލައްކަ އިންޑިޔާ ރުޕީސް އިންވަނީ ޖޫރިމަނާވެސް ކޮށްފައެވެ.
ހަމަހަމަ ޑިމޮކްރަސީ
ރާއްޖޭގަ ނަމަ ޕްރޮމޯށަން ދޭނީ
ރާއްޖޭގައި މަރުގެއަދަބު ދީފާނެތީ އީޔޫ ލައްވާ އެކަން މަނާކޮށްފަ އަދި އެބަ އަނގައަރުވައޭދޯ....!!!
ރާއްޖޭގަ ނަމަ ޕްރޮމޯސަން ދީ ކުލަބަރިން ބަރުކޮއްލާނެ