ޗައިނާގެ ތާރީހުގައި ވެސް މިހާތަނަށް ހިނގި ޒާތީ މައުލޫމާތުތައް ލީކް ވުމުގެ އެންމެ ބޮޑު މައްސަލަ ފެންމަތިވެއްޖެއެވެ.

އެއް ބިލިއަނާ ގާތްކުރާ އަދަދަކަށް ޒާތީ މައުލޫމާތުތައް އޮންލައިންކޮށް ޗައިނާގައި ލީކުކޮށްލާފައިވާއިރު މި ޑާޓާތަކުގެ ތެރޭގައި ވަރަށް މުހިންމު ޑާޓާތައްވެސް ހިމެނޭކަމަށް އެގައުމުގެ ކަމާބެހޭ އިދާރާތަކުން ހާމަކުރެއެވެ.

ސައިބާ ސެކިއުރިޓީ ތަޖުރިބާކާރުންނާއި ހަވާލަދީ ސީއެންއެންއިން ރިޕޯޓުކުރާގޮތުގައި މިއީ އެގައުމުގެ ތާރީހުގައިވެސް މިފަދަ ހާދިސާއެއް ހިނގި ފުރަތަމަ ފަހަރު ކަމަށެވެ.

"މިއަދު މި އޮތް ގޮތަށް ބަލާއިރު، މިއީ މިހާތަނަށް އާންމުންގެ މައުލޫމާތު ލީކުވި އެންމެ ބޮޑު ލީކުވުން ކަމަށް އަޅުގަނޑު ދެކެން - ހަމަޔަގީނުން ވެސް ޗައިނާގައި މި ކަމުގެ އަސަރު ފުޅާވެފައިވާ މިންވަރަށް ބަލާއިރު، މިތަނުގައި ދިރިއުޅޭ އާބާދީގެ ގިނަ ބައެއްގެ ވާހަކަ މި ދައްކަނީ،" އޮސްޓްރޭލިއާގައި ދިރިއުޅުއްވާ މައިކްރޯސޮފްޓްގެ ރީޖަނަލް ޑިރެކްޓަރެއް ކަމަށްވާ ޓްރޯއީ ހަންޓް ވިދާޅުވި އެވެ.

ޑާޓާތައް ލީކުކޮށްލި ފަރާތުން ވަނީ ދިހަ ބިޓްކޮއިން އަށް 23 ޓެރަބައިޓް (ޓީބީ) އަށް ވުރެ ގިނަ ޑޭޓާ - ގާތްގަނޑަކަށް 200،000 ޑޮލަރު ދޭން ޝަރުތު ކޮށްފައެވެ.

ސީއެންއެން އިން ރިޕޯޓުކޮށްފައިވާ ގޮތުގައި އެ ޑޭޓާބޭސް އެއްކުރީ ޝަންހާއީގެ ފުލުހުން ކަމަށާއި އެ ޑޭޓާބޭސްގައި ޗައިނާގެ އެއް ބިލިއަން މީހުންގެ ނަމާއި އެޑްރެސް، މޯބައިލް ނަމްބަރު، އައިޑީ ކާޑު ނަމްބަރު، އުމުރު އަދި އުފަން ތަންތަނުގެ އިތުރުން މައްސަލަތަކާގުޅޭ ގޮތުން ފުލުހުންނަށް ރިޕޯޓް ކުރުމަށް ކުރި ފޯނު ކޯލުތަކުގެ އެތައް ބިލިއަން ރެކޯޑެއް ހިމެނެއެވެ.

ޗައިނާގައި 1.4 ބިލިއަން މީހުން ދިރިއުޅޭއިރު، މި ޑޭޓާލީ ލީކު ކުރުމުގެ ސަބަބުން އާބާދީގެ 70 އިންސައްތައަށްވުރެ ބޮޑު ބަޔަކަށް އޭގެ އަސަރު ކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށް ރިޕޯޓްތައް ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު