ނުރައްކާތެރި އެބޭލޯ ވައިރަހާ ގުޅިފައިވާ މާބާގް ވައިރަސް ޖެހިގެން ގާނާއިން ދެ މީހަކު މަރުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ. އޮފިޝަލުން ބުނެފައިވާގޮތުން މި ބަލި ފެތުރިދާނެ ކަމަށް މިހާރު ވަނީ ތައްޔާރުވާން ފަށައިފައެވެ.

މި ބަލި ޖެހިގެން މަރުވި ދެ މީހުންނަކީ އެ ގައުމުގެ ދެކުނު އަޝަންތީ ސަރަހައްދަށް ނިސްބަތްވާ ދެ މީހުން ނަމަވެސް، ދެ މީހުންނަކީ އެކަކު އަނެކަކަށް ދަންނަ ބައެއް ނޫނެވެ. އެހެންކަމުން މިބަލި އިތުރަށް ފެތުރެމުންދާކަން ދޭހަވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ރިޕޯޓްތައް ބުނާގޮތުވައި، އެ ބައްޔަށް ހެދި ފުރަތަމަ ޓެސްޓުތައް ފައްސިވެފައިވާއިރު، ސުންކުތައް އަލުން ތަހުލީލު ކުރުމުގެ މަސައްކަތް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ދަނީ ކުރަމުންނެވެ.

އެކަން ކަށަވަރުވެއްޖެ ނަމަ، ވެގެން ދާނީ ހުޅަނގު އެފްރިކާއިން މާބާގް ފެނުނު ދެވަނަ ފަހަރަށެވެ. އެގޮތުން މިދިޔަ އަހަރު ތެރޭގައި ގިނީގައިވެސް މި ބަލި ކުޑަކޮށް ފެތުރުނެވެ.

ޑަބްލިޔުއެޗްއޯއިން ދަނީ ގާނާގެ ސިއްހީ އޮފިޝަލުންނަށް އެހީތެރިވެދީ، އެ ބަލީގައި މަރުވި ދެ މީހުންނާއި އެއްތަންވި މީހުން ހޯދުމަށް ޓީމެއް ފޮނުވުމުގެ މަސައްކަތް ކުރަމުންނެވެ.

މާބަރގް ޖެހިގެން މަރުވަނީ ބަލި ޖެހޭ އެންމެންގެ ތިންބައިކުޅަ އެއްބައި މީހުންނާއި 90 އިންސައްތައާ ދެމެދުގެ އަދަދަކަށެވެ.

މި ބަލިޖެހިފައިވާ މީހުން އާންމުކޮށް ހަށިގަނޑުން ލޭއައުން ފަދަ ކަންކަން ދިމާވެއެވެ. އެގޮތުން ނޭފަތާއި ދަތްދޮޅިއާއި ލޮލާއި ޖިންސީ ގުނަވަނުންވެސް ލޭ އަންނަ ގޮތް ދިމާވެއެވެ.