އިނގިރޭސިވިލާތުގައި ރެސްޕިރޭޓަރީ ސިންސިޓިއަލް ވައިރަސް (އާރުއެސްވީ) ގެ ވޭދަނަތައް އިތުރުވާން ފަށައިފިއެވެ.

މިއީ ކުޑަކުދިންނަށް ޖެހިއްޖެނަމަ ފުރާނައަށް ނުރައްކާވެދާނެ ވަރުގެ ވައިރަސްއެކެވެ. މި ވައިރަސް ކޮންމެ ހޫނު މޫސުމެއްގައި ފެތުރިގެން ދަނީ އާދައިގެ ބައްޔެއް ފަދައިންނެވެ.

ރަސްމީ ސަރވޭލަންސް ޑޭޓާއިން ދައްކާ ގޮތުގައި މިއަހަރު ތެރޭގައި މި ބަލި އިތުރުވާން ފެށީ މިދިޔަ މަހު އެވެ. އެގޮތުން އެ ޑޭޓާއިން މި ބަލީގައި އެންމެ ބޮޑަށް ގެއްލުން ލިބޭ ފަސް އަހަރުން ދަށުގެ ކުދިންގެ ތެރޭގައި ރޭޓްތައް މައްޗަށް ގޮސްފައިވާ ކަމަށް ދައްކައެވެ.

މިދިޔަ ހަފްތާގައި އެ އުމުރުފުރައިގެ ކުދިންގެ މެދުގައި ހެދި ޓެސްޓްތަކުގެ ތެރެއިން ގާތްގަނޑަކަށް 20 ޕަސެންޓް ޓެސްޓްތައް އާރުއެސްވީއަށް ފައްސިވެފައޮ ވެއެވެ. މިއީ މީގެ ދެ ހަފްތާއެއްހާ ދުވަސް ކުރިން ލިބުނު އަދަދަށް ވުރެ ގާތްގަނޑަކަށް ތިން ގުނަ އިތުރު އަދަދެއް ކަމަށް ދައްކައެވެ.

ޔުނިވާސިޓީ އޮފް ވާވިކްގެ މޮލިކިއުލަރ ބަޔޮލޮޖިސްޓެއް ކަމަށްވާ ޕްރޮފެސަރު އެންޑްރޫ އީސްޓަން މެއިލްއޮންލައިންއަށް ވިދާޅުވީ މި ބަލި ހަލުވިކަމާއެކު އިތުރުވުމުންދާ ދިއުމުން އެނގެނީ އަހަރުގެ މި ދުވަސްވަރު އާންމު ގޮތަކަށް ވުރެ ގިނަ މީހުންނަށް އާރުއެސްވީ ޖެހިފައިވާ ކަމަށެވެ.

ޔޫކޭއެޗްއެސްއޭގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އޮކްޓޯބަރު މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް މި ބައްޔަށް ޓެސްޓު ކުރި ގާތްގަނޑަކަށް 15،000 މީހުންގެ ތެރެއިން 5.7 ޕަސެންޓް މީހުން ފައްސިވެފައި ވެއެވެ. އެގޮތުން ޓެސްޓު ކުރި މީހުންގެ ތެރެއިން އާރުއެސްވީގެ ނިސްބަތް އެންމެ މަތިވެފައިވަނީ ފަސް އަހަރުން ދަށުގެ ކުދިންގެ ތެރޭގައެވެ. އެއީ ޓެސްޓްކުރި މީހުންގެ ތެރެއިން 18.5 ޕަސެންޓް މީހުންނެވެ.

ޑޭޓާތައް ދައްކާގޮތުން މި ބައްޔަށް ފައްސިވާ ރޭޓް މައްޗަށް އަރަން ފަށާފައި ވަނީ ސެޕްޓެމްބަރު މަހުގެ 28 ވަނަ ދުވަހުން ފެށިގެންނެވެ.

ޔޫކޭއެޗްއެސްއޭގެ ތަފާސް ހިސާބުތަކުން ވެސް ދައްކާ ގޮތުގައި އޮކްޓޯބަރު މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް އާރުއެސްވީ ޖެހިފައިވާ 39 މީހަކު ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދިންއިރު، އެކަކަށް ފަރުވާ ދީފައި ވަނީ އައިސީޔޫގައެވެ.

ގާތްގަނޑަކަށް ހުރިހާ ކުދިންނަށް ވެސް އުމުރުން ދެ އަހަރުވުމުން އާރުއެސްވީ ޖެހޭ ކަމަށް ވެއެވެ.

އުމުރުން ދުވަސްވީ ކުދިންނާއި ބޮޑެތި މީހުންގެ ގައިގައި އާރުއެސްވީ ޖެހުމުން ހުން އައުމާއި ކެއްސުން ކުރިމަތިވެއެވެ.

އިނގިރޭސިވިލާތުގައި ކުޑަކުދިންގެ ތެރެއިން އަހަރަކު 450،000 ކުއްޖަކަށް މި ބަލި ޖެހޭއިރު، އޭގެ ތެރެއިން 29،000 ކުއްޖަކު ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެން ފަރުވާ ދެއެވެ. އޭގެ ތެރެއިން 80 ކުދިން އެ ބަލީގައި މަރުވާ ކަމަށް ދައްކައެވެ.