ސްރީލަންކާގައި މާދަމާ ހަވީރުގެ ނިޔަލަށް ކާފިއު އިއުލާނުކޮށްފިއެެވެ.

ލަންކާގެ އިގްތިސޯދީ ހާލަތު ގޯސްވެ، އެ ގައުމުގައި އެތައް ހާސް ބަޔަކު ވަނީ މަގުމައްޗަށް ނުކުމެ މުޒާހަރާ ކުރަން ފަށައިފައެވެ. މުޒާހަރާގެ ބައިވެރިން ގޮވަމުން ދަނީ އެ ގައުމުގެ ރައީސް ގޮތަބާޔާ ރާޖަޕަކްސަ އާއި ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ އިސްތިއުފާ ދެއްވުމަށެވެ.

އެގައުމުގެ ރައީސް އިސްތިއުފާ ދެއްވާނެ ކަމަށް ކުރިން ވިދާޅުވިއެވެ. ނަމަވެސް އެމަނިކުފާނު ވަނީ އިސްތިއުފާ ނުދީ ފިއްލަވައިގެން ރާއްޖެ ވަޑައިގެންފައެވެ. އަދި ރާއްޖޭގައި އެއް ދުވަސް ހޭދަކުރެއްވުމަށް ފަހު އެމަނިކުފަނު މިއަދު ހެނދުނުގެ ވަގުތެއްގައި ވަނީ ސިންގަޕޫރަށް ފުރާވަޑައިގެންފައެވެ.

އެކަމާއި ގުޅިގެންވެސް އެތައް ބަޔަކު އިއްޔެވެސް މަގުތަކަށް ނުކުމެފައިވާއިރު، ސިފައިންނާއި ފުލުހުން ބާރުގެ ބޭނުން ކޮށް، މުޒާހަރާ ކޮންޓްރޯލް ކުރުމަށް މަސައްކަތް ކޮށްފައި ވެއެވެ. އަދި މި މުޒާހަރާތަކުގައި އެތައް ބަޔަކަށް އަނިޔާވެސް ވިއެވެ. އަދި ފަރުވާދެމުން ދިޔަ އެކަކު މަރުވެެސް ވެފައި ވެއެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، މިއަދު މެންދުރު 12:00 ޖެހިއިރުން ފެށިގެން ކޮލަމްބޯގައި ވަނީ ކާފިއު އިއުލާނު ކޮށްފައެވެ.

ސަރުކާރުގެ އިންފޮމޭޝަން ޑިޕާޓްމެންޓުން ބުނެފައި ވަނީ، މާދަމާ ހަވީރު 15:00ގެ ނިޔަލަށް ކާފިއު އޮންނާނެ ކަަމަށެވެ.

ކޮލަމްބޯގައި ކާފިއު ހިންގުމަށް އަންގާފައިވާ އިރުޝާދު ނެރެފައިވަނީ ވަގުތީ ރައީސް އަދި މިހާރުގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ އެވެ.