ސްރީލަންކާގެ ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ކަރުނަ ގޭސް ކެނިސްޓާތަކެއް ވަގަށް ނެގި ކަމުގެ ތުހުމަތުގައި އެ ގައުމުން މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.

ފުލުހުން ބުނި ގޮތުގައި މި ގޭސް ކެނިސްޓާތައް ވަގަށް ނެގީ މި ތަކެއްޗާއެކު ފުލުހުންގެ އޮފިސަރުންތަކެއް ކުރޮޅިއެއްގައި ދަތުރު ކުރަމުން ދަނިކޮށެވެ. އެމީހުން ދަތުރު ކުރަމުން ދިޔައީ ބަޓަރަމުއްލާގައި ސަރުކާރާ ދެކޮޅަށް ކުރިއަށް ދިޔަ މުޒާހަރާއެއް ރޫޅާލުމަށްޓަކައި ކަމަށް ފުލުހުން ބުންޏެވެ.

މި ކުރޮޅީގައި 50 ކަރުނަ ގޭސް ކެނިސްޓާ ވަނީ ގެންގޮސްފައެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރާ ބައިވެރިން ވަނީ ކުރޮޅީގައި ތިބި ފުލުހުންގެ ތިން އޮފިސަރުންނަށް ހަމަލާދީ އެމީހުންގެ އަތުން ކަރުނަ ގޭސް ކެނިސްޓާތައް އަތުލައިފައެވެ.

މި މައްސަލައިގެ ތަހުގީގު ފުލުހުން މިހާރު ފަށާފައިވާ އިރު، މައްސަލައިގެ ތުހުމަތުގައި އުމުރުން 31 އަހަރުގެ ފިރިހެނަކު ވަނީ ހައްޔަރުކޮށްފައެވެ. އޭނާއަކީ ލަންކާ އަށް އުފަން މީހެއް ކަމަށްވެއެވެ.

ފުލުހުން ބުނި ގޮތުގައި މި ކަރުނަ ގޭސް ކެނިސްޓާތައް އެމީހާގެ ގެއިން ވަނީ ފެނިފައެވެ.