އެމެރިކާގެ ރައީސް ޖޯ ބައިޑެން ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

މީޑިއާ ރިޕޯޓްތަކުން ބުނާ ގޮތުގައި ބައިޑެން ކޮވިޑަށް ފައްސިވިނަމަވެސް ބަލީގެ އަލާމަތްތައް ފެންނަނީ ވަރަށް ކުޑަކޮށެވެ. އަދި ބައިޑެން މިވަގުތު ހުންނެވީ އައިސޮލޭޝަނުގައި ކަމަށްވާއިރު އޭނާގެ މަސައްކަތްތައް ކުރިއަށް ގެންދަވާނީ ވައިޓްހައުސްގައި އައިސޮލޭޝަންގައި ހުންނަވައިގެން ކަމަށްވެސް ރިޕޯޓްތަކުން ވަނީ ބުނެފައެވެ.

މިއަދު ހެނދުނުގެ ވަގުތެއްގައި ބައިޑެން ކޮވިޑަށް ފައްސިވެފައިވާއިރު، އޭނާ އަކީ ކޮވިޑުން ރައްކާތެރިވުމަށް ޖަހާ ވެކްސިންގެ ދެ ޑޮޒު ވެސް ފުރިހަމަ ކޮށްފައިވާ ބޭފުޅެކެވެ.

ވައިޓް ހައުސް އިން ބުނެފައިވަނީ ބައިޑެންގެ ހާލަތާއި ބެހޭ ގޮތުން މީޑިއާތަކަށް ގަވައިދުން މައުލުމާތު ހިއްސާ ކުރާނެ ކަމަށެވެ.