ސްރީ ލަންކާގެ ކޮލަމްބޯގެ ގޯލް ފޭސްގައި މުޒާހަރާ ކުރާ މީހުންނާއި، މުޒާހަރާގެ ޚަބަރުތައް ގެނެސްދިނުމަށް އެސަރަހައްދުގައި ތިބި ނޫސްވެރިންނަށް ސިފައިން ހަމަލާދީ މުޒާހަރާ ރޫޅާލައިފިއެވެ.

ސިފައިންގެ ހަމަލާގައި ޒަހަމްވި ނޫސްވެރިންގެ ތެރޭގައި ބީބީސީގެ ނޫސްވެރިއެއްވެސް ހިމެނެއެވެ. އަދި ބައެއް ނޫސްވެރިން ވަރަށް އަނިޔާވެރިކޮށް ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަންޒަރު ވެސް ފެނިފައިވެއެވެ.

ލަންކާގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާގޮތުގައި ދަންވަރު 1:30 ހާއިރުން ފެށިގެން ސިފައިން ވަނީ މުޒާހަރާ ކުރަމުން އަންނަ ސަރަހައްދަށް ވަދެގަނެފައެވެ. ސިފައިން މުޒާހަރާގެ ބައިވެރިންނަށް އަނިޔާކޮށް، ޓެންޓްތައް ރޫޅާލައި، ނޫސްވެރިންނަށް ހަމަލާތައް ދެމުންދާ ކަމަށް ރިޕޯޓްކޮށް، ސިފައިންގެ ބައެއް ވީޑިއޯތައް ވަނީ އާއްމު ކޮށްފައެވެ.

ސިފައިން ގޯލް ފޭސްގައި ތިބި އާއްމުންނާއި ނޫސްވެރިންނަށް ހަމަލާ ދެމުންދާ ކަމަށް ނޫސްވެރިން ރިޕޯޓްކުރި ފަހުން ޓްވިޓާގައި ބައެއް ނޫސްވެރިންގެ ޚަބަރެއް ނުވެއެވެ. ބެލެވޭ ގޮތުގައި ސިފައިންގެ ބެލުމުގެ ދަށަށް ނޫސްވެރިން ގެންދިއުމުން ޚަބަރުތައް ގެނެސްދިނުމަށް ވަނީ ހުރަސް އެޅިފައެވެ.

ސްރީލަންކާގެ ވެރިރަށް ކޮލަމްބޯގެ ގޯލް ފޭސް އަކީ ރައީސްގެ ރަސްމީ ގަނޑުވަރާއި ރައީސްގެ އޮފީސް ހިންގާ އިމާރާތުގެ ކައިރީގައި އޮންނަ ހުސް ބިމެކެވެ. އެސަރަހައްދުގައި ސްރީލަންކާ ސަރުކާރާއި ދެކޮޅަށް މެދުކެނޑުމެއްނެތި އާއްމު ރައްޔިތުން މުޒާހަރާ ކުރަމުން އަންނަތާ މިހާރު 100 ދުވަސް ވެއްޖެއެވެ.

މުޒާހަރާ ކުރާ މީހުންނާއި ދެކޮޅަށް ސިފައިން އާދަޔާއި ހިލާފަށް ބާރުގެ ބޭނުންކޮށް އެތައް ބަޔަކަށް އަނިޔާކޮށް އެތައް ބަޔަކު ހައްޔަރުކޮށް މުޒާހަރާ ރޫޅާލާފައި މިވަނީ ސްރީލަންކާގެ ރައީސް ކަމުގެ ހުވާ ރަނިލް ވިކްރަމަސިންހަ ކުރެއްވިތާ 24 ގަޑިއިރު ވެސް ނުވަނީހެވެ.

މިހާރު ގޯލްފޭސް ސަރަހައްދުގައި ތިބީ ވަރަށް މަދުއަދަދެއްގެ މީހުންނެވެ. ނަމަވެސް އަދިވެސް ބައެއް ޓެންޓްތައް އެބަހުއްޓެވެ.

ރަނިލް ވަނީ މުޒާހަރާ ކުރުމުގެ ހައްގު އޮންނަމަވެސް ތަންތަނުގައި ހުޅުޖަހައި ހަމަނުޖެހުން ހިންގުން އެއީ ހައްގެއް ނޫން ކަމަށާއި އެމީހުންގެ މައްޗަށް ގާނޫނު ތަންފީޒު ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. އަދި ރަނިލް ރޭ ވަނީ ހަމަޖެހުން ގާއިމު ކުރުމަށް ސަލާމަތީ ބާރުތަކުގެ މައްޗަށް އަމުރެއް ވެސް ނެރުއްވާފައެވެ.

މުޒާހަރާ ރޫޅާލުމަށް ސިފައިން ހިންގި އަމަލުތަކާއި ގުޅޭ ގޮތުން މުޒާހަރާ ކުރާ ފަރާތްތަކުގެ ރަސްމީ ބަހެއް އަދި ނުލިބެއެވެ. އެހެންކަމުން މުޒާހަރާ އަލުން ފަށާނެކަމެއް ނުވަތަ ނޫންކަމެއް އަދި ސާފެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޒާ

    އެވެސް ފެއިލިއަރެއް

  2. އެޑްވައިޒަރ

    ހަމަ ރަގަޅަށް ތިހެދީ.. އެއްވެސް ބަޔަކަށް ޤާނޫނަށްވުރެ މައްޗަކު ނުހުރެވޭނެ.. އަދި ނުޖެހޭ ދެމީހަކު އެއްވެލާފަ ބުނާއިރަށް އެބުނާ ކަމެއްކުރާކަށްވެސް.. ތިހުރިހާ އެންމެނަށް ޙުކުމްވެސް ކުރަންވީ ވީހާ އަވަހަކަށް 25 އަހަރަށް ޖަލަށް..

  3. ލާމު

    ރަނގަޅަށް ތިޔަ ހެދީ. ތަންތާ ހުޅުޖަހައި ރީކުރުމާއި ތަންތަން ހަލާކު ކުރުމާއި ހިސާރުކުރުމަކީ ހައްގެއް ނޫން.

  4. ނަދަނާބޭ

    ބަރާބަރު ދެން ކަމެއް ހައްލުވާނީވެސް ވެރިންނަށް ފުރުސަތެއް ލިބިގެންތާ ދެން މުޅިއަހަރު 24 ގަޑި އިރު މުޒާހިރާ
    ނޫސްވެރިން ވެއްޖެއްޔާ ކޮންމެތާކަށް ވެސް ވަދެވެންޖެހެހޭތަަ.