ޖަޕާނުގެ އަލިފާނުގެ ފަރުބަދައެއް ގޮވައިފިއެވެ.

ޖަޕާނުގެ މޫސުމާއި ބެހޭ އިދާރާއިން ބުނީ، ޖަޕާނުގެ ކުޔުޝޫ ރަށުގައި ހުންނަ ސަކުރަޖިމާ ފަރުބަދަ ގޮވާފައިވަނީ މިއަދުގެ ވަގުތެއްގައި ކަމަށެވެ.

ފަރުބަދަ ގޮވުމާއި ގުޅިގެން އެގައުމުގެ ކަމާއި ބެހޭ އިދާރާތަކުން ވަނީ އިމަޖެންސީ އިއުލާނުކޮށް އެސަރަހައްދުގައި ދިރިއުޅެމުން އަންނަ ފަރާތްތަކުން ރައްކާތެރި ސަރަހައްދުތަކަށް ދިއުމަށް އިލްތިމާސް ކޮށްފައެވެ.

އެގައުމުގެ މޫސުމާއި ބެހޭ އިދާރާއިން ބުނީ، އަލިފާން ފަރުބަދަ ގޮވުމާއި ގުޅިގެން އަލިފާން ކަނިތަކާއި ގާތައް 2.5 ކިލޯމީޓަރު (1.5 މޭލު) ދުރަށް ވިއްސައިގެން ގޮސްފައިވާ ކަމަށެވެ.

ސަކުރަޖިމާއަކީ އެގައުމުގެ ނިއުކްލިޔާ ޕަވާ ޕްލާންޓް ސެންޑައި އާއި 31 ކިލޯމީޓަރު ދުރުގައި އޮންނަ ތަނެއް ކަމުން އެތަނަށް ފަރުބަދަ ގޮވުމުގެ އަސަރެއް ކޮށްފައި ނުވާ ކަމަށް ރިޕޯޓްތަކުން ވަނީ ބުނެފައެވެ.

އަލިފާން ފަރުބަދަ ގޮވުމާއި ގުޅިގެން މިހާތަނަށް އެއްވެސް މީހަކަށް އަނިޔާއެއްވި ކަމުގެ ރިޕޯޓެއް އެގައުމުން ކޮށްފައެއް ނުވެއެވެ.

ސަކުރަޖިމާއަކީ ޖަޕާނުގައި ތިބި އަލިފާން ފަރުބަދަ ތަކުގެ ތެރެއިން އެންމެ ގިނައިން ގޮވާފައިވާ އެއް ފަރުބަދައެވެ. އެގޮތުން ބަލާއިރު، 2019 ވަނަ އަހަރުގެ ވެސް އެ ފަރުބަދަ ގޮވައި 5.5 ކިލޯމީޓަރަށް އަލިފާނުގެ އަސަރު ވަނީ ކޮށްފައެވެ.

މީސްމީޑިއާގައި އާންމުވެފައިވާ ވީޑިއޯތަކާއި ފޮޓޯތަކުން ފެނިގެން ދަނީ އަލިފާން ފަރުބަދަ ގޮވުމާއި އެކީ މުޅި ސަރަހައްދަށް ދުމުގެ އަސަރު ކޮށްފައިވާ މަންޒަރެވެ.