އިސްރާއީލުގެ އަނިޔާވެރި އަސްކަރިއްޔާގެ ސިފައިންގެ މީހެއްގެ ކަންކަށިމަތީގައި ޖެހުމުން މީގެ އަށް މަސް ކުރިން އިސްރާއީލުގެ ޖަލަކަށްލީ ފަލަސްތީނުގެ ހިއްވަރުގަދަ އަހަދު ތަމީމީ މިނިވަންކޮށްފިއެވެ.

އުމުރުން އެންމެ 17 އަހަރުގެ ތަމީމީއަކީ، ފަލަސްޠީނުގެ ރައްޔިތުން ދެކޭ ގޮތުގައި، އިސްރާއީލާއި ދެކޮޅަށް ތެދުވުމުގެ ރަމްޒެކެވެ. ނަމަވެސް އިސްރާއީލުގެ ސިފަައިން ދެކޭގޮތުގައި އޭނާ އުޅެނީ ހަމަޖެހުން ނަގާލާށެވެ.

ޖަލުން މިނިވަންވެ އެނބުރި ގެއަށްދިޔަ މަގުމަތީގައި އޭނާ ވަނީ، އިސްރާއީލުން ފަލަސްތީނުގެ ބިމަށް ވެރިވެގަނެގެން އުޅޭހައި ދުވަހަކު އިސްރާއީލާއި ދެކޮޅަށް ތެދުވާނެކަމަށް ބުނެފައެވެ. ތަމީމީގެ މައްސަލައާ ގުޅިގެން އިސްރާއީލުގެ ތައުލީމާ ބެހޭ ވަޒީރު ވިދާޅުވީ، ތަމީމީގެ މުޅި ހަޔާތް ނިންމާލަންޖެހޭނީ ޖަލުގައި ކަމަށް މީގެ ކުރިން ބުނެފައެވެ.

މީގެ އަށް މަސް ކުރިން އިސްރާއީލު ސިފައިންގެ މީހެއްގެ ކަންކަށިމަތީގައި ތަމީމީ ޖެހި މަންޒަރު ފެންނަ ވީޑިއޯއެއް މީސް މީޑިއާގައި ވަނީ އާންމުވެފައެވެ. މި ވީޑިއޯ ކުރީ ތަމީމީގެ މަންމަ ނަރީމާންއެވެ. މީސް މީޑިއާ މެދުވެރިކޮށް ހަމަނުޖެހުން އުފައްދަން މަސައްކަތްކުރި ކަމުގެ ކުށުގެ ދައުވާ ނަރީމާންގެ މައްޗަށްވެސް ކޮށްފައިވާއިރު، ތަމީމީގެ މަންމަވެސް ވަނީ 8 މަސްދުވަސް ޖަލުގައި ހޭދަކޮށްފައެވެ.

ތަމީމީ އާއުކު މަންމަ ނަރީމާން ދޫކޮށްލި ނަމަވެސް، ތަމީމީގެ ދޮށީ ބޭބެ، އުމުރުން 21 އަހަރުގެ ވާއިދު، މިއަހަރުގެ މެއި މަހުން ފެށިގެން ހުރީ އިސްރާއީލުގެ ޖަލެއްގައެވެ.

އިސްރާއީލުގެ ޖަލުތަކުގައި ފަލަސްޠީނުގެ 5,900 ރައްޔިތުން މިހާރުވެސް ތިބީ އިރު އެއިގެ ތެރެއިން 60 މީހުންނަކީ އަންހެނުންނެވެ.

ފަލަސްތީންގެ ރައްޔިތުން މިދިޔަ، މާޗް 30 ވަނަ ދުވަހުން ފެށިގެން މިހާރު ކުރަމުންދާ މުޒާހަރާތައް ހުއްޓުވުމަށް އިސްރާއީލުގެ ސިފައިން ހަތިޔާރު ބޭނުންކުރުމުން ފަލަސްތީނުގެ 180 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުވެފައެވެ. އަދި 13,000އަށް ވުރެ ގިނަ މީހުން ޒަޚަމްވެފައެވެ.