އިނގިރޭސިވިލާތުގެ ތަހުތުގައި ތާރީހީގޮތުން އެންމެ ގިނައަހަރަށް ވެރިކަން ކުރެއްވި ރާނީ އެލިޒަބަތްގެ ސިއްހީ ހާލުކޮޅު ދެރަވުމާއި ގުޅިގެން ބީބީސީ ޓީވީގެ އާންމު ޕްރޮގްރާމްތައް މެދުކަނޑާލައިފިއެވެ.

ރާނީގެ ހާލުކޮޅު ދެރަވުމާއި ގުޅިގެން އާއިލާގެ ބޭފުޅުން އެކަމަނާގެ ގާތަށް ވަޑައިގަތުމުގެ މަސައްކަތް ކުރަމުން އަންނައިރު، ޑޮކްޓަރުން އަންނަނީ ސްކޮޓްލެންޑުގެ ގަނޑުވަރެއް ކަމަށްވާ ބެލްމޯރަލް ގައި އެކަމަނާއަށް ފަރުވާ ދެއްވަމުންނެވެ.

ދުނިޔޭގެ ބޮޑެތި މީޑިއާތަކުން ރާނީގެ ހަބަރުތައް ގެނެސްދެމުން އަންނައިރު، ބީބީސީ ޓީވީން ވެސް ވަނީ ހަމައެކަނި އެކަމަނާގެ ހަބަރުތައް ގެނެސްދިނުމަށް އެނޫހުގެ ޕްރޮގްރާމްތައް މެދުކަނޑާލާފައެވެ.

ބޮޑެތި މީޑިއާތަކުން ރާނީ އާއި ބެހޭ ރިޕޯޓްތަކާއި ހަބަރުތައް ގެނެސްދެމުން އަންނައިރު، ބައެއް މީޑިއާތަކުން އަންނަނީ އެކަމަނާގެ ސިއްހީ ހަލުކޮޅާއި ބެހޭ ފަހުގެ މައުލޫމާތު ހިއްސާ ކުރުމަށް ބްލޮގް ވެސް ފަށާފައެވެ.

1926 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 21 ވަނަ ދުވަހު އުފަންވެފައިވާ ރާނީ އަކީ އެގައުމުގައި ބާއްވާ ބޮޑެތި މުހިންމު ބައްދަލުވުންތަކަށް ވެސް ސިއްހީ ހާލުކޮޅު ބަލިއިރު ވެސް އޮންލައިންކޮށް ބައިވެރިވެވަޑައިގެންފައިވާ ބޭކަނބަލެކެވެ.

ނަމަވެސް ކުއްލި ގޮތަކަށް އެކަމަނާ އާލާސްކަންފުޅާއި ކުރިމަތިލާން ޖެހުމުން ވަނީ ރޭ ބާއްވަން ހަމަޖެހިފައި އޮތް މުހިއްމު އޮންލައިން ބައްދަލުވުމެއް ފަހު ވަގުތު ވަނީ ކެންސަލް ކުރައްވާފައެވެ. އަދި މިއަހަރު ކުރީކޮޅު ކޮވިޑަށް ފައްސިވުމާއި ގުޅިގެން ވެސް ބައެއް މުހިންމު ބައްދަލުވުންތަކުގައި ވެސް އެކަމަނާ ފެނިފައެއް ނުވެއެވެ.