ސްރީލަންކާގެ ސަރުކާރުގެ ހަރަދު ކުރުމަށްޓަކައި އެޅި އިތުރު ފިޔަވަޅެއްގެ ގޮތުން، އެގައުމުގައި ސަރުކާރު ވަޒީފާތަކަށް މީހުން ނެގުން ހުއްޓާލައިފިއެވެ.

ސްރީލަންކާގެ ދަރަނި ބޮޑުވި، ދަރަނި ދެއްކޭނެ ގޮތެއް ނެތި މިދިޔަ އަހަރު އެގައުމު ވަނީ އިގްތިސާދީ އަނދަވަޅެއްގެ ތެރެއަށް ވެއްޓިފައެވެ. އަދި އެގައުމުގެ ހަރަދުތައް ބޮޑުވެ، އާމްދަނީ މަދުވެފައިވުމުން، ދަރަނި ދެއްކޭނެ ގޮތެއް ހޯދެންދެން، އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) އިންވެސް ވަނީ އެގައުމުން ބޭނުންވި 2.9 ބިލިއަން ޑޮލަރުގެ ދަރަނި ދޭން ދެކޮޅު ހަދައިފައެވެ.

އެއާއެކު އައިއެމްއެފްއިން ވަނީ ސަރުކާރުގެ ހަރަދުތައް ކުޑަކުރުމަށް ސްރީލަންކާއަށް އަންގާފައެވެ. އަދި ޓެކްސްތައް ބޮޑުކުރުމަށާއި، ގެއްލުމުގައި ހިންގާ ދައުލަތުގެ ކުންފުނިތައް ވިއްކާލުމަށްވެސް އައިއެމްއެފް އިން ވަނީ ސްރީ ލަންކާއަށް ގޮވާލާފައެވެ. ސްރީ ލަންކާގައި 1.5 މިލިއަން މީީހުން ސަރުކާރުގެ ވަޒީފާތަކުގައި މަސައްކަތް ކުރެއެވެ.

އެގޮތުން ދައުލަތުގެ ހަރަދު ކުޑަކުރުމަށްޓަކައި، ސްރީލަންކާގެ ރައީސް ރަނިލް ވިކްރަމަސިންހަ ވަނީ ސަރުކާރުން ރިޓަޔާ ކުރާ އުމުރު 65 އިން 60 އަށް ކުޑަކޮށްފައެވެ. އެއާއެކު މިދިޔަ އަހަރުގެ ޑިސެމްބަރު މަހު 20000 ސަރުކާރު މުވައްޒަފުން ވަނީ ވަޒީފާއިން ރިޓަޔާ ކޮށްފައެވެ. އެގައުމުގެ ޕަބްލިކް އެޑްމިނިސްޓްރޭޝަން މިނިސްޓްރީން މައުލޫމާތު ދޭ ގޮތުގައި މިއީ ކުރިން އަހަރުތަކާއި އަޅާ ބަލާއިރު އަށް ގުނަ އިތުރު ވުމެކެވެ. އަދި މި މުވައްޒަފުންގެ ބަދަލުގައި އެހެން މުވައްޒަފުން ވަޒީފާއަށް ނުނަގާނެ ކަމަށްވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.

ދައުލަތުގެ އާމްދަނީ އިތުރު ކުރުމަށްޓަކައި ސްރީލަންކާއިން ނަގާ ޓެކްސްތައްވެސް ވަނީ ބޮޑުކޮށްފައެވެ. އެއާއެކު އެ ގައުމުގައި ކަރަންޓުގެ އަގުވެސް ވަނީ 65 އިންސައްތަ މައްޗަށް ގޮސްފައެވެ.

ލަންކާގައި އެތައް މަސްތަކެއް ވަންދެން ކުރިއަށް ދިޔަ މުޒާހަރާތަކަށްފަހު، މިދިޔަ އަހަރުގެ ޖުލައި މަހު އެގައުމުގެ އޭރުގެ ރައީސް ގޮތަބަޔާ ރާޖަޕަކްސަ މަގާމުން އިސްތިއުފާ ދެއްވުމަށްފަހު، ވެރިކަމާ ހަވާލުވި ރަނިލް ވިކްރަމަސިންހަ ވިދާޅުވީ، މިހާރު ތެލާއި، ކާނާއާއި، ގަސްކާނާ ލިބޭކަމަށް ވީނަމަވެސް، ކުރިމަތިވެފައިވާ އިގްތިސާދީ ކާރިސާއިން އަދި އަރައިނުގަނެވޭ ކަމަށެވެ.

"އަހަރެމެންގެ މައްސަލައް އަދި ހައްލެއް ނުވޭ. އަހަރުމެން ކުރިއަށް ދާން ބޭނުންނަމަ އެބަޖެހޭ އަހަރުމެންގެ ބޮލުގައި އޮތް ދަރަނީގެ ބުރަ ކުޑަކުރަން." އާ އަހަރުގެ ފުރަތަމަ ރަސްމީ ދުވަހު މަސައްކަތަށް ނުކުންނަވާ ރަނިލް ވިދާޅުވިއެވެ.

އެގައުމުން އެޅާފައިވާ އެހެން ފިޔަވަޅެއްގެ ގޮތުން ޒަރޫރީ ނޫން ކެޕިޓަލް ހަރަދުތައް ކުރުންވެސް ފިނޭންސް މިނިސްޓްރީން ވަނީ މަނާކޮށްފައެވެ.

ސްރީލަންކާގެ އިގްތިސާދު ބަނގުރޫޓްވުމުގެ ސަބަބުން ގައުމު އެންމެ ހާލުގައި ޖެހިފައިވަނީ މީގެ ހައެއްކަ މަސް ކުރިންނެވެ. އޭރު ތެޔޮ ހޯދުމަށްޓަކައި އެގައުމުގެ ރައްޔިތުން އެތައް ދުވަހަކު ދިގު ކިއޫތަކުގައި އިންތިޒާރު ކުރަމުންދިޔައިރު، ކޮންމެ ދުވަހަކު 13 ގަޑިއަރަށް ދިޔައީ މުޅި ގައުމުން ކަރަންޓުގެ ހިދުމަތް ކަނޑާލަމުންނެވެ. އަދި އޭރު ކާނާގެ އަގުތައް ވަނީ 100 އިންސައްތަ މައްޗަށް ގޮސްފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޖުރޭ

    ދެން ތި ކަމުގެ އުނދަގޫ ޖެހޭނީ ރާއްޖެޔަށް! ވަގުތު ނޫހުން ބަލާތި! އަދި ބަންގާޅީން މިތަނަށް އައިގޮތަށް ލަންކާ މީހުން އަޔަނުދޭން އިމިގުރޭށަނުން ފިޔަވަޅު އަޅަން ބާރު އަޅާތި އަވަހަށް،. އެހެން ނޫނީ....

  2. ހެސް

    ސޯލިހު އައް ފިލާވަޅެއް. މިހާރު އޭނާގެ ކަމަކީ އިންތިހާބައް މަގާމު ބެހުން ހެސްކިޔާހަ