ޑިމޮކްރަސީއާއި މިނިވަންކަމަށް ހުރި ނުރައްކަލެއް ކަމަށް ބުނެ، އިސްރާއީލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫގެ އާ ސަރުކާރާއި ދެކޮޅަށް އެގައުމުގެ އެތައް ހާސް ބަޔަކު، ވެރިރަށް ތެލް އަވީވްގެ މަގުތައް މައްޗަށް ނުކުމެ މުޒާހަރާ ކޮށްފިއެވެ.

އެގައުމުގައި މުޒާހަރާތައް ކޮށްފައި މިވަނީ އިސްރާއީލުގެ ތާރީހު ގައިވެސް އުފެދުނު އެންމެ ކަނާތު ފިޔައިގެ، އަދި އެންމެ ހަރުކަށި ޔަހޫދީ ސަރުކާރު ހުވާކުރިތާ ދުވަސްކޮޅެއް ފަހުންނެވެ. އެ ސަރުކާރުން ވަނީ ސަރުކާރު ހިންގުމަށް ބޮޑެތި ބަދަލުތަކެއް ގެނެސް، އިސްރާއީލުން ހިފާފައިވާ ފަލަސްތީނުގެ ހުޅަނގު އައްސޭރީގައި އިސްރާއީލު މީހުން ވަޒަންވެރި ކުރުވުމުގެ ގާނޫނާއި ހިލާފު މަސައްކަތްތައް ފުޅާކުރުމުން ފެށިގެން، އެގައުމުގެ ޖުޑިޝަރީގެ ބާރުވެރިކަން ބަލިކަށި ކޮށްލުމާ ހަމައަށް ސިޔާސަތުތައް ރާވާފައެވެ.

މުޒާހަރާގެ ބައިވެރިން ގެންގުޅުނު ބޯޑުތަކުގައި ވަނީ "ޑިމޮކްރަސީ އޮތީ ނުރައްކަލެއްގައި"، " ފޭސިޒަމް އާއި ނަސްލީ ތަފާތުކުރުމާއި ދެކޮޅަށް އެންމެން އެކީގައި،" ފަދަ ޝިއާރުތައް ލިޔެފައެވެ.

މި މުޒާހަރާގައި އިސްކޮށް ހަރަކާތްތެރި ވެފައިވަނީ އިސްރާއީލުގެ ގާނޫނު ހަދާ މަޖިލީސް، ކްނެސެޓްގެ ވާތު ފިޔައިގެ މެމްބަރުންނާއި، ފަލަސްތީނު ދަރިކޮޅުގެ މެމްބަރުންނެވެ.

ޖުޑިޝަރީ ބަލިކަށިކޮށްލުމަށް ސަރުކާރުން ކުރާނެ މަސައްކަތްތައް މިދިޔަ ބުދަ ދުވަހު ހާމަކުރި އާ ސަރުކާރުގެ ޖަސްޓިސް މިނިސްޓަރު ޔަރިވް ލެވިންއަށް މުޒާހަރާގެ ބައިވެރިން ވަނީ ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. އެގޮތުން ސުޕްރީމް ކޯޓުގެ ނިންމުންތައް މަޖިލީހަށް ބަދަލުކުރެވޭ ފަދަ ބަދަލުތަކެއްވެސް ސަރުކާރުގެ ޕްލޭންގައި ހިމެނެއެވެ.

ސަރުކާރުން ގައުމުގެ ޖުޑިޝަރީއާއި ދެކޮޅަށް ހަނގުރާމަ އިއުލާން ކޮށްފައިވާ ކަމަށް ފާޑުކިޔާ ފަރާތްތަކުން ދަނީ ތުހުމަތު ކުރަމުންނެވެ. އެފަރާތްތަކުން ބުނަމުންދަނީ ސަރުކާރުގެ މި ޕްލޭންގެ ސަބަބުން އިސްރާއީލުގެ ޖުޑިޝަރީ ސިސްޓަމް އެކޮޅު ކޮޅުންޖެހި، ހުރިހާ ބާރެއް ލިބޭނީ ވެރިކަން ކުރާ ކޯލިޝަނަށް ކަމަށެވެ.

"އޭނާގެ މައްޗަށް ކުރެވިފައިވާ ގާނޫނީ ޝަރީއަތުން ބަރީއަވުމަށް ބޭނުންވެގެން އުޅޭ އެންމެ މީހެއްގެ ބޭނުން ތަކަށްޓަކައި، އަހަރެމެން މިދަނީ ޑިމޮކްރަސީ ދޫކޮށް ޑިކްޓޭޓަރޝިޕަކަށް،" 2021 ވަނަ އަހަރު ކޮރަޕްޝަންގެ ތުހުމަތުތަކެއް ކުރެވި، ދައުވާތަކެއް ކުރެވިފައިވާ ބެންޖަމިން ނަތަންޔާހޫއަށް އިޝާރާތް ކޮށް މުޒާހަރާގެ ބައިވެރިއަކު ބުނެފައިވެއެެވެ.

މި މުޒާހަރާގައި 10000 އެއްހާ މީހުން ބައިވެރިވި ކަމަށް މުޒާހަރާ އިންތިޒާމު ކުރި ފަރާތްތަކުން ވަނީ ބުނެފައެވެ. އަދި ސަރުކާރުން މިފަދަ މަސައްކަތްތައް ކުރިއަށް ގެންދާނަމަ އިތުރު މުޒާހަރާތަކެއްވެސް ކުރާނެ ކަމަށް އެ ފަރާތްތަކުން ވަނީ ބުނެފައެވެ.

މިދޔަ އަހަރު ޓެކްސް އަށް މަކަރު ހެދިކަމަށް އެއްބަސްވި ސިޔާސީ ލީޑަރަކާއި، އަދި ފަލަސްތީނުގެ އެތައް ބަޔަކު ޝަހީދުކޮށްލި މީހަކަށް ތައުރީފުކޮށް އެމީހާގެ ފޮޓޯ އޭނާގެ ގޭގައި ބަހައްޓައިގެން އުޅުނު އިތަމާރް ބެން ގްވީރް ފަދަ ހަރުކަށި ފިކުރުގެ އެތައް ބަޔަކު ނަތަންޔާހޫގެ ސަރުކާރުގައި ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހުސެން

    ކްރައިމްމިނިސްޓަރ ޓެރަރިސްޓް ނަތަންޔާހޫ ގަދަފަދަ އަޒާބެއް މީނާގެ މައްޗަށް ފޮނުއްވައި ދިރިތިބީންނަށް އިބުރަތެއް ކަމުގައި ދައްކަވާށި