ރަޝިއާއިން ޔުކްރޭނުގެ ދޮންބަސް ސަރަހައްދުގައި ހުންނަ، ޔުކްރޭނުގެ ސިފައިން ތިބޭ ބެރެކްސް އަކަށް ދިން ހަމަލާއެއްގައި، ޔުކްރޭނުގެ އެތައް ސަތޭކަ ސިފައިންނެއް މަރާލާފައިވާ ކަމަށް ބުނި ވާހަކަ ޔުކްރޭނުން ދޮގުކޮށްފިއެވެ.

ރަޝިއާގެ ޑިފެންސް މިނިސްޓްރީން ބުނެފައިވަނީ ދޮންބަސްގެ ކްރަމަތޯސްކް ގައި ހުރި، ޔުކްރޭން ސިފައިންގެ ވަގުތީ ދެ މަރުކަޒަކަށް މިސައިލް ހަމަލާތަކެއް ދީފައިވާނެ ކަމަށާއި، އެ މަރުކަޒުތަކުގައި 1300 އެއްހާ ސިފައިން ތިބޭ ކަމަށެވެ. އަދި "ބަދަލު ހިފުމުގެ" ގޮތުން ދިން މި ހަމަލާތަކުގައި 600 އަށް ވުރެ ގިނަ ޔުކްރޭނު ސިފައިން މަރާލާފައިވާ ކަމަށްވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.

މިނިސްޓްރީގެ ތަރުޖަމާނު އިގޯރް ކޮންޝެންކޮވް ވިދާޅުވެފައިވަނީ މި ހަމަލާއަކީ މިދިޔަ ހަފްތާ ޔުކްރޭނުން މަކީވްކާ އަށް ދިން ހަމަލާގެ ބަދަލުގައި ދިން ހަމަލާތަކެއް ކަމަށެވެ. އާ އަހަރުގެ ފުރަތަމަ ދުވަހު ޔުކްރޭނުން މަކީވްކާގައި ރަޝިއާ ސިފައިން ތިބޭ އިމާރާތަކަށް ދިން މިސައިލު ހަމަލާތަކެއްގައި 400 ރަޝިއާ ސިފައިން މަރާލާފައިވާ ކަމަށް ބުނި ނަމަވެސް. ރަޝިއާއިން ބުނެފައިވަނީ އެ ހަމަލާތަކުގައި މަރުވީ 89 ސިފައިން ކަމަށެވެ.

ނަމަވެސް ރަޝިއާއިން ކްރަމަތޯސްކް އަށް ދިން ހަމަލާތަކުގައި ޔުކްރޭނު ސިފައިންގެ އެއްވެސް މީހަކު މަރުވެފައި ނުވާ ކަމަށް ޔުކްރޭނުގެ އޮފިޝަލުން ވަނީ ބުނެފައެވެ،

އިރުމަތީގައި ހަރަކާތްތެރިވާ ޔުކްރޭނު ސިފައިންގެ ތަރުޖަމާނު ސާހީ ޝެރެވަތީ ވިދާޅުވެފައިވަނީ ރަޝިއާގެ ހަމަލާތަކުގައި ހަމަ އެކަނި ގެއްލުން ވެފައިވަނީ އާންމުންގެ ވަސީލަތްތަކާއި ތަންތަނަށް ކަމަށެވެ.

"ޔުކްރޭނުގެ ސިފައިންނަކަށް އެއްވެސް ގެއްލުމެއް ނުލިބޭ." އޭނާ ވިދާޅުވިއެވެ. އޭނާ އިތުރަށް ވިދާޅުވީ މި ވާހަކަތަކަކީ ރަޝިއާގެ "ޕްރޮޕެގެންޑާގެ" ބައެއް ކަމުގައެވެ.

ކްރަމަތޯސްކް ގެ މޭޔަރު ވިދާޅުވީ ރަޝިއާގެ ހަމަލާތަކުގައި 2 ސުކޫލު އިމާރާތަށާއި، އާންމުން ދިރިއުޅޭ 8 އެޕާޓްމެންޓް އިމާރާތަށް ގެއްލުން ވެފައިވާ ކަމަށެވެ.

މި މަހުގެ 7 ވަނަ ދުވަހު އެ ގައުމުން ފާހަގަކުރާ ކްރިސްމަސްއާއި ދިމާކޮށް ރަޝިއާއިން 36 ގަޑިއަރަށް ހަމަލާތައް ބަދަލުކުރުން ހުއްޓާލުމަށް ހުށައެޅި ހުށައެޅުން ޔުކްރޭނުން ގަބޫލުކޮށްފައެއް ނުވެއެވެ. ޔުކްރޭނުން މި ހުށައެޅުމަށް އެއްބަސްވެފައި ނުވިނަމަވެސް މި 36 ގަޑި އިރު ތެރޭގައި ހަމަލާ ނުދޭނެ ކަމަށް ރަޝިއާއިން ބުނެފައިވެއެވެ. ނަމަވެސް ޔުކްރޭނުން ބުނެފައިވަނީ ރަޝިއާގެ ހަމަލާތަށް އެގައުމަށް އަމާޒުވެފައި ވާ ކަމަށެވެ. މި 36 ގަޑިއިރު އާދީއްތަ ދުވަހުގެ މެންދަމަށް ވަނީ ހަމަވެފައެވެ.

ޔުކްރޭނުންވެސް ވަނީ ރަޝިއާއަށް ހަމަލާތައް އަމާޒުކޮށްފައެވެ. އެގޮތުން ރަޝިއާއިން ހިފާފައިވާ ލުހާންސްކްގައި ހުންނަ މެޑިކަލް ޔުނިވާސިޓީގެ މީހުން ތިބޭ އިމާރާތަކަށް ހަމަލާދީ، އެތަނުގައި ތިބި 14 ރަޝިއާ ސިފައިން މަރާލާފައިވާ ކަމަށް އެގައުމުން ވަނީ ބުނެފައެވެ.

އަދި ރަޝިއާއިން ދިން ހަމަލާތަކުގައި ޚަރްކީވް އިން އެކަކު މަރުވެފައިވާ ކަމަށާއި، ބަޚްމޫތަށް ދިން ހަމަލާތަކުގައިވެސް އެކަކު މަރުވެފައިވާ ކަމަށް ޔުކްރޭނުން ވަނީ ބުނެފައެވެ. 36 ގަޑިއިރު ހަމަވުމާއެކު ރަޝިއާއިންވެސް ދަނީ ހުއްޓުމެއްނެތި ޔުކްރޭނުގެ އެކި ސަރަހައްދުތަކަށް ހަމަލާތައް ދެމުންނެވެ

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ތެދު

    ޔުކުރައިނ ހިމުންވެއެޖެ

  2. ހުވަދޫ އަލިބެއްޔާ

    ކަމެއް ނުވިއެއްނު..