ސްރީލަންކާގެ ނުވަރަލިޔާގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި 7 މީހަކު މަރުވެއްޖެއެވެ.

މިއަދު ހަވީރު މި އެކްސިޑެންޓް ހިނގާފައިވަނީ ނުވަރަލިޔާގައި އޮންނަ ނުރައްކާތެރި މަގަކުން ދުއްވާފައި ދިޔަ ވޭނަކާއި ބަހެއް ގެ އިތުރުން ކުރޮޅިއެއް ޖެހިގެން ވޭނު މަގުން ވެއްޓިގެންނެވެ. ކަމާ ބެހޭ ފަރާތްތަކުން ބުނާ ގޮތުގައި އެމަގަކީ އެއީ ވަރަށް ފަރިތަ ދުއްވުންތެރިން ދުއްވަމުން އަންނަ މަގެކެވެ. ނަމަވެސް ނުފަރިތަ ފަރާތްތަކުން ވެސް ވަރަށް ގިނައިން އެމަގުގައި ދުއްވާ ކަމަށް ވަނީ ބުނެފައެވެ.

މިހާދިސާގައި 7 މީހަކު މަރުވެފައިވާއިރު، 30 މީހަކަށް އެކި ވަރުގެ ޒަހަމްތަކެއް ލިބިގެން ފަރުވާ ދެމުން އަންނަ ކަމަށް އޮފިޝަލުންނާއި ހަވާލާދީ ރިޕޯޓްތަކުން ވަނީ ބުނެފައެވެ. މަރުވެފައިވާ 7 މީހުންގެ ތެރޭގައި ހިމެނެނޭ ވޭނުގައި ތިބި ހަ މީހުންގެ އިތުރުން ކުރޮޅީގައި ހުރި މީހެކެވެ.

ރިޕޯޓްތަކުން ބުނާ ގޮތުގައި އެކްސިޑެންޓްވި އުޅަދެއްގައި ކޮލޮމްބޯ ސްކޫލެއްގެ ދަރިވަރުން ތިބި ނަމަވެސް މަރުވި މީހުންގެ ތެރޭގައި ދަރިވަރުން ހިމެނޭ ކަމެއް އެނގިފައެއް ނުވެއެވެ.

ނުވަރަލިޔާގައި މިފަދަ ނުރައްކާތެރި އެކްސިޑެންޓެއް ހިނގާފައިވާއިރު، އެސަރަހައްދަކީ ގިނަ އަދަދެއްގެ ދިވެހިން ވެސް ދިރިއުޅެމުން އަންނަ ސަރަހައްދެއްކަން ފާހަގަ ކޮށްލެވެއެވެ.