އަފްޣާނިސްތާނުގެ ފިނިހޫނުމިން ވަރަށް ބޮޑަށް ދަށަށް ދިއުމުގެ ސަބަބުން، ފާއިތުވި ދެ ހަފްތާ ތެރޭގައި މަދުވެގެން 124 މީހުން މަރުވެފައިވާ ކަމަށް އެގައުމުގެ ޠާލިބާން ސަރުކާރުގެ އޮފިޝަލުން ބުނެފިއެވެ.

އަފްޣާނިސްތާނަށް ފާއިތުވި 10 އަހަރު ތެރޭގައި އައި އެންމެ ފިިނިގަދަ ފިނިމޫސުމުގައި 70000 އެއްހާ ގެރިބަކަރި މަރުވެފައިވާ ކަމަށްވެސް އެގައުމުގެ ޑިޒާސްޓަރ މެނޭޖުމެންޓު މިނިސްޓްރީގެ ތަރުޖަމާނު ވަނީ ވިދާޅުވެފައެވެ.

އަންހެނުން މަސައްކަތަށް ނުކުތުން ޠާލިބާނުން މަނާކުރުމާއި ގުޅިގެން، ވަރަށް ގިނަ އެހީދޭ ޖަމިއްޔާތަކުންވެސް ފާއިތުވި ހަފްތާތަކުގައި ވަނީ އެގައުމުގައި މަސައްކަތް ކުރުން ހުއްޓާލާފައެވެ.

ޠާލިބާނުގެ މިނިސްޓަރަކު ވިދާޅުވީ ހާލަތު ކޮންމެ ގޮތަކަށް އޮތް ކަމުގައިވިޔަސް ސަރުކާރުން ނިންމާފައިވާ ނިންމުން ބަދަލު ނުކުރާނެ ކަމަށެވެ.

ޑިޒާސްޓަރ މެނޭޖުމެންޓުގެ އެކްޓިން މިނިސްޓަރު މުއްލާ މުހައްމަދު އައްބާސް އަޚުންދު ވިދާޅުވެފައިވަނީ ބައެއް ސަރަހައްދުތަކަށް ބޯކޮށް ސްނޯ ފޭބުމުގެ ސަބަބުން، އެސަރަހައްދުތަކަށް ދާނެ މަގުތައްވެސް ބަންދުވެފައިވާ ކަމަށެވެ. އަދި މީހުން ސަލާމަތްކުރުމަށް އެސަރަހައްދުތަކަށް އަސްކަރީ ހެލިކަޕްޓަރުތައް ފޮނުވާފައިވާއިރު، ފަރުބަދަމަތީގެ ގިނަ ސަރަހައްދުތަކަށް ހެލިކަޕްޓަރުތަކަށް ނުޖެއްސޭ ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

ކުރިއަށް އޮތް 10 ދުވަހު މޫސުން ތަންކޮޅެއް ރަނގަޅުވެ، ފިނިކަން ތަންކޮޅެއް މަޑުވާނެ ކަމަށް މޫސުން ލަފާކުރާ ފަރާތްތަކުން މައުލޫމާތު ދޭކަމަށްވެސް އަޚުންދު ވަނީ ވިދާޅުވެފައެވެ. ނަމަވެސް މަރުވަމުންދާ މީހުންނާއި، އެމީހުން ދިރިއުޅުމަށް ގެންގުޅޭ ގެރިބަކަރި ފަދަ ޖަނަވާރުތައް މަރުވުންވެސް އިތުރުވަމުން ދާތީ މިނިސްޓަރު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

އޭނާ ވިދާޅުވީ ފިނީގެ ސަބަބުން މަރުވެފައިވާ ގިނަ މީހުންނަކީ ހުއިހައްޕާ މީހުން، ނުވަތަ ފަގީރު ސަރަހައްދުތަކުގައި ދިރިއުޅޭ މީހުން ކަމަށެވެ. އެމީހުންނަށް ސިއްހީ ހިދުމަތްތައްވެސް ރަނގަޅަށް ނުލިބޭ ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

"ފަރުބަދަމަތީގެ ސަރަހައްދުތަކުގައި އުޅޭ މީހުންނާއި މެދު އަހަރެމެން މި ތިބީ ވަރަށް ކަންބޮޑުވެފައި. ފަރުބަދަތަކުގެ ތެރެއިން ދަތުރުކުރާ ގިނަ މަގުތައް އޮތީ ސްނޯގެ ސަބަބުން ބަންދުވެފައި. އެތަންތަނުގައި ކާރުތައް ތާށިވެ، އޭގައި ތިބި ފަސިންޖަރުންވެސް ވަނީ ފިނީގެ ސަބަބުން މަރުވެފައި." އަޚުންދު ވިދާޅުވިއެވެ.

މިއީ އަފްޣާނިސްތާނަށް ފާއިތުވި 10 ވަރަކަށް އަހަރު ތެރޭގައި އައި އެންމެ ވަރުގަދަ ފިނި މޫސުމެވެ. އަދި ޠާލިބާނުގެ ނިންމުމުގެ ސަބަބުން މިއަހަރުގެ އެހީގެ ހިދުމަތްތައްވެސް އޮތީ ވަރަށް ބޮޑަށް މަޑުޖެހިލާފައެވެ.

ނަމަވެސް އަޚުންދު ވިދާޅުވީ އެ ނިންމުން ބަދަލު ނުކުރެވޭނެ ކަމަށާއި، ބައިނަލް އަޤުވާމީ މުޖުތަމައަށް ޖެހޭނީ އަފްޣާނިސްތާނުގެ އިސްލާމީ ސަގާފަތް ގަބޫލުކުރަން ކަމަށެވެ.

"މީހުން ސަލާމަތް ކުރުމުގެ މަސައްކަތްތަކުގައި ފިރިހެނުން ދަނީ އަހަރެމެންނާއެކު މަސައްކަތް ކުރަމުން، އެެހެންވީމަ އަންހެނުން އަހަރެމެންނާއެކު މަސައްކަތް ކުރުމުގެ އެއްވެސް ބޭނުމެއް ނެތް." އަޚުންދު އާއި ހަވާލާދީ ބީބީސީ އިން ބުނެފައިވެއެވެ.

އެހީދޭ ޖަމިއްޔާތަކުންނާއި، އދ އިންވެސް ދަނީ ޠާލިބާނުގެ ނިންމުން ބަދަލުކުރެވޭތޯ މަސައްކަތް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޜަޟީ

    މީ އިމްތިހާނެއް. އެކި އިންސާނުން އިމްތިހާނު ކުރައްވާނީ އެކި ގޮތްގޮތަށް. އަފްގާނު މީހުންނަށް ފިނިކަމާ ބަނޑުހައިކަން , ގަތަރު މީހުންނަށް މުދަލާ ފާއިސާ އާ އަރާމު