އިސްރާއީލުން ރޭ ދަންވަރުގެ ވަގުތެއްގައި ފަލަސްތީނުގެ ޣައްޒާއަށް ވައިގެ ހަމަލާތަކެއް ދީފިއެވެ.

އިސްރާއީލުން މި ހަމަލާތައް ދީފައި މިވަނީ އިއްޔެ ޣައްޒާއިން އިސްރާއީލަށް ފޮނުވާލި ރޮކެޓެއް، އިސްރާއީލުގެ މިސައިލުން ދިފާއުވާ ނިޒާމުން ވައްޓާލާފައިވާ ކަމަށް އިސްރާއީލުގެ އަސްކަރިއްޔާއިން ބުނިތާ ގަޑިއިރުތަކެއް ފަހުންނެވެ.

މިސައިލު ހަމަލާތައް ދިނުމުގެ ބައިގަޑި އިރެއްހާ އިރު ކުރިން އިސްރާއީލުގެ އަސްކަރިއްޔާއިން ވަނީ ޣައްޒާއަށް ވައިގެ ހަމަލާތަކެއް ދޭން އުޅޭ ކަން ކަށަވަރުކޮށްދީ ބަޔާނެއް ނެރެފައެވެ.

މަންޒަރު ދުށް މީހުންނާއި ހަވާލާދީ މީޑިއާ ތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި، ފުރަތަމަ ހަމަލާތައް އަމާޒުވީ ހަމާސް ޖަމާއަތުގެ ހަތިޔާރު އެޅި ގޮތްޕެއް ކަމަށްވާ އިއްޒެދީން އަލް ޤައްސާމް ބްރިގޭޑްސް ގެ ތަމްރީނު މަރުކަޒަކަށެވެ. މި މަރުކަޒު ހުރީ ޣައްޒާގެ މެދުތެރޭގައި އޮންނަ އަލް މަޣާޒީ ރެފިއުޖީ ކޭމްޕުގައެވެ. ފުރަތަމަ ބުރުގައި މަދުވެގެން 7 މިސައިލް ހަމަލާ ފޮނުވާލާފައި ވެއެވެ.

ދެވަނަ ބުރުގެ ހަމަލާތައް އަމާޒުވީ ޣައްޒާގެ ހުޅަނގު ދެކުނުގައި ހުރި ހަމަ އެ ޖަމާއަތުގެ ތަމްރީނު މަރުކަޒަކަށެވެ.

މަންޒަރު ދުށް ބައެއް ފަރާތްތަކުން މައުލޫމާތު ދޭ ގޮތުގައި ފުރަތަމަ ބުރުގެ ހަމަލާތަކަށް ފަހު ޣައްޒާއިން އިސްރާއީލަށް ދެ ރޮކެޓް ފޮނުވާލި ތަން ވަނީ ފެނިފައެވެ. އަދި ބައެއް ފަރާތްތަކުން ބުނެފައިވަނީ އޭގެ ފަހުން އިތުރު ރޮކެޓް ތަކެއްވެސް އެކި ހިސާބުތަކުން ފޮނުވާލާފައިވާ ކަމަށެވެ.

2.3 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ޣައްޒާ، 2007 ވަނަ އަހަރުއްސުރެ އޮންނަނީ އިސްރާއީލުން ބަންދުކޮށްފައެވެ.

ފަލަސްތީނުގެ މިނިވަންކަމަށް ހަނގުރާމަ ކުރާ ޖަމާއަތެއް ކަމަށްވާ 'ދަ ޕޮޕިއުލާ ފްރަންޓް ފޮރ ދަ ލިބަރޭޝަން އޮފް ފަލަސްތީން' އިން ބުނެފައިވަނީ ޣައްޒާ ގައި ޒައިނިސްޓުން ހިންގަމުންދާ އަނިޔާވެރިކަމުގެ ރައްދެއްގެ ގޮތުގައި އެ ޖަމާއަތުން ރޮކެޓްތަކެއް ފޮނުވާލާފައިވާނެ ކަމަށެވެ.

މި ހަމަލާތަކުގައި އެއްވެސް މީހަކު މަރުވެފައިވާ ކަމުގެ ރިޕޯޓެއް އަދި ލިބިފައެއް ނުވެއެވެ.

އިސްރާއީލާއި ފަލަސްތީނުގެ މެދުގައި ހަމަލާތައް ބަދަލުކުރެވިފައި މިދިޔަ ހަފްތާ އިސްރާއީލުގެ ސިފައިން ފަލަސްތީނުގެ ހުޅނަގު އައްސޭރިން ފަލަސްތީނުގެ 10 މީހުން ޝަހީދު ކޮށްލުމަށްފަހު މަސްރަހު ވަރަށް ބޮޑަ ހޫނުވެފައި ވަނިކޮށެވެ. އޭގެ އެއް ދުވަސް ފަހުންވެސް އިސްރާއީލާއި ޣައްޒާއާއި މެދު ވަނީ ވައިގެ ހަމަލާތަކެއް ބަދަލުކުރެވިފައެވެ. އަދި ފަލަސްތީނުގެ މީހަކު ވަނީ ބަޑިން ހަމަލާދީ އިސްރާއީލުގެ ހަތް މީހަކު މަރާލާފައެވެ.