ޕާކިސްތާނުގެ ޕެޝާވަރުގެ މިސްކިތެއްގައި މިދިޔަ ހޯމަ ދުވަހު ޖާނުން ފިދާވެގެން ބޮމުގެ ހަމަލާ ދިން މީހާ، އެ ސަރަހައްދަށް ވަނީ ފުލުހުންގެ ޔުނިފޯމެއް ލައިގެން ހުރެކަމަށް ފުލުހުން ބުނެފިއެވެ.

ބޮން ގޮއްވާލާފައި ވަނީ ޕެޝާވަރުގެ ސަލާމަތީ ފިޔަވަޅުތައް އެންމެ ވަރުގަދަ ސަރަހައްދުގައި ހުރި މިސްކިތެއްގައެވެ. ސަލާމަތީ ފިޔަވަޅުތައް ވަރަށް ވަރުގަދަ ސަރަހައްދަކަށް ފުލުހުންގެ ސަފުތަކުން ފުރޭނިގެން ހަނގުރާމަވެރިޔާ ވަތް ގޮތެއް ބަލަން ފުލުހުން ދަނީ ހާއްސަ ތަހްގީގެއް ކުރަމުންނެވެ.

ބޮން ގޮއްވާލި މީހާ އެ ސަރަހައްދަށް ވަދެފައިވަނީ އެ ސަރަހައްދުގެ މައި ގޭޓުން ކަމަށްވެއެވެ.

ފުލުހުންގެ ޗީފް، މުއައްޒަމް ޖާހު އަންސާރީ ވިދާޅުވެފައިވަނީ އެމީހާގެ އެންމެ ފަހުގެ ހަރަކާތްތައް ފެނިގެންދާ ސީސީޓީވީ ފުޓޭޖު ފުލުހުންނަށް ލިބިފައިވާ ކަމަށާއި، މި ހަމަލާގައި ބޮޑު ނެޓްވޯކެއްގެ ބައިވެރިވުން އޮތް ކަމަށެވެ.

ބޮން ގޮއްވާލި ކަމަށް ޝައްކު ކުރެވޭ މީހާގެ ވަކިވެފައިވާ ބޯ ފެނިފައިވާ ކަމަށްވެސް ފުލުހުންނާއި ހަވާލާދީ ބައެއް ނޫސްތަކުން ކުރިން ވަނީ ރިޕޯޓް ކޮށްފައެވެ. އަންސާރީ ވަނީ އެ ބޮލަކީ ހަމަލާދިން މީހާގެ ބޯ ކަން ޔަގީން ކޮށްދެއްވާފައެވެ.

އަންސާރީ ވިދާޅުވީ ބޮން ގޮއްވާލި މީހާ އަކީވެސް ފުލުހުންގެ މީހެއް ކަމަށް ހީކޮށް އޮފިސަރުން އޭނާ ޗެކް ނުކޮށް ދޫކޮށްލާފައިވާ ކަމަށެވެ. "އަހަރެން ގަބޫލުކުރަން މިއީ ސަލާމަތީ ގޮތުން ދެވިފައިވާ ދުލެއް. އަހަރެންގެ އޮފިސަރުންނަށް މި ކަން ނުހުއްޓުވުނީ. މިއީ އަހަރެންގެ ކުށް." އަންސާރީ ވިދާޅުވިއެވެ.

އަންސާރީ ވިދާޅުވީ ހަމަލާދިނުމުގެ ކުރިން އެމީހާ ސައިކަލުގައި ކުރި ދަތުރު ސީސީޓީވީ ފުޓޭޖު ބޭނުންކޮށްގެން ފުލުހުން ޓްރެކް ކޮށްފައިވާ ކަމަށެވެ. އެމީހާ ސައިކަލު ޕާކު ކުރި އިރު ހުރީ ފުލުހުންގެ ޔުނިފޯމެއްގައި، އަދި ހެލްމެޓަކާއި މާސްކެއްވެސް އަޅައިގެން ކަމަށް އަންސާރީ ވިދާޅުވިއެވެ. އެ ސަރަހައްދަށް ވަނުމަށް ފަހު އެމީހާ ވަނީ ފުލުހެއްގެ ގާތުން މިސްކިތް ހުރީ ކޮން ތަނެއްގައިތޯ ސުވާލު ކޮށްފައެވެ.

ހައިބަރު ޕަޚްތުންކުވާ ޕްރޮވިންސްގެ ފުލުހުންގެ ވެރިޔާ، އަންސާރީ ވިދާޅުވީ މި ހަމަލާގައި 10-12 ކިލޯގެ ޓީއެންޓީ ގޮވާތަކެތި ބޭނުން ކޮށްފައިވާ ކަމަށެވެ.

އެމީހާ މަސައްކަތް ކުރީ އެކަނި ކަމަކަށް ފުލުހުން ގަބޫލެއް ނުކުރެއެވެ. ފުލުހުން ބުނާގޮތުގައި އޭނާގެ ފަހަތުގައި ބޮޑު ނެޓްވޯކެއް އޮންނާނެއެވެ.

ޕާކިސްތާނުގެ ޠާލިބާނުގެ ކުޑަ ފެކްޝަނަކުން މި ހަމަލާގެ ޒިންމާ ނެގިފަހުން، ޠާލިބާނުން ބުނެފައިވަނީ މިއީ އެ ޖަމާއަތުން ދިން ހަމަލާއެއް ނޫން ކަމަށެވެ.

މިސްކިތުގައި ބޮން ގޮއްވާލިއިރު 400 އެއްހާ މީހުން ނަމާދު ކުރަން ތިއްބެވެ. ހަމަލާގައި 100 އަށްވުރެ ގިނަ މީހުން މަރުވި ކަމަށް ކުރިން ރިޕޯޓް ކުރި ނަމަވެސް ފަހުން ފުލުހުން ވިދާޅުވީ މަރުވެފައި ވަނީ 80 މީހުން ކަމަށެވެ. 100 މީހުން މަރުވި ކަމަށް ކުރިން ބުނެވިފައި ވަނީ ހަމަލާގައި ހަށިގަނޑުތައް ކުދިކުދިވެފައި ހުރުމުން މަރުވި މީހުންގެ އަދަދު ކަށަވަރު ކުރުމުގައި އެރި އޮޅުމެއްގެ ސަބަބުންނެވެ. މަރުވި ގިނަ މީހުންނަކީ ފުލުހުންނެވެ. ހަމަލާ ދިން މިސްކިތަކީ ގިނަ އަދަދެއްގެ ފުލުހުން ނަމާދު ކުރަން އަރާ މިސްކިތެކެވެ. އެހެންވެ ބެލެވޭ ގޮތުގައި މިއީ ގިނަ އަދަދެއްގެ ފުލުހުން މަރާލުމުގެ ބޭނުމުގައި ދިން ހަމަލާ އެކެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ތައްޙާނު.

    ޓެރަރިސްޓުންގެ ސަބަބުން ކުށެއްނެތް އެތަކެއް މުސްލިމުން ޝަހީދުވެގެންދިއައީ.