ބާރުގަދަ ބިންހެލުންތަކާއެކު ތުރުކީ އާއި ސީރިއާ އޮތީ ބިރުވެރިކަމެއްގެ ތެރޭގައެވެ. ވޭނާ ކެކުޅުމުގައި އެތައް ބަޔަކު ދިިރިއުޅެމުންދާއިރު، އެ މީހުންގެ ހާލަތު އެންމެ ގާތުން ކިޔާދޭން ތިބޭ ބަޔަކީ ނޫސްވެރިންތާއެވެ. މިގޮތުން މިއީ ތުުރުކީއަށް ނިސްބަތްވާ ނޫސްވެރިއަކަށް ލިބެމުންދާ މެސެޖްތަކެވެ.

އިސްތަންބުލްގައި ބޭސްވެގެން އުޅޭ ތުރުކީގެ ނޫސްވެރިއެއް ކަމަށްވާ އިބްރާހިމް ހަސްކޮލޮގްލޫ އަށް ލިބެމުން ދަނީ އެފަދަ މެސެޖްތަކެެވެ.

ބީބީސީގެ ނޫސްވެރިންނާއި ވާހަކަދައްކަމުން އޭނާ ބުނާގޮތުގައި، މީހުން އަދިވެސް ތިބީ ވެއްޓުނު އިމާރާތްތަކުގެ ދަށުގައެވެ. އަި އެމީހުންނަށް އެހީތެރިކަން ބޭނުންވާ ކަމަށް އޭނާ ބުނެފައި ވެއެވެ.

އޭނާއަކީ ބިންހެލުމުގެ އަސަރު އެންމެ ބޮޑަށް ކުރި މަލަތިޔާއަށް ނިސްބަތްވާ ނޫސްވެރިއެކެވެ. އޭނާ ބުނީ އިއްޔެގެ ބިންހެލުމުގައި އެންމެ ބޮޑަށް އަސަރުކުރި އޭނާގެ ހިސާބަށް ވީހާވެސް އަވަހަކަށް ދާން ބޭނުންވާ ކަމަށާއި، ބޭނުންވަނީ އެ މީހުންނަށް ބޭނުންވަ އެހީތެރިކަން ފޯރުކޮށްދިނުން ކަމަށެވެ.

"އަޅުގަނޑާއި އާއި އެހެނިހެން ނޫސްވެރިންނަށް ވީޑިއޯތަކާއި ވޮއިސް ނޯޓްތަކާއި އެމީހުންގެ ލައިވް ލޮކޭޝަންތައް އެ އިމާރާތްތަކުގެ ދަށުން ދަނީ ފޮނުވަމުން". އޭނާ ބީބީސީ ނިއުސް ޗެނަލަށް ދިން އިންޓަވިއުއެއްގައި ބުނެފައި ވެއެވެ.

އޭނާ ބުނީ، އެ މީހުން ތިބިތަން ކިޔާދިނުމުގެ މަސައްކަތް ކުރި ނަމަވެސް، "އަޅުގަނޑުމެންނަށް ކުރެވޭނެ ކަމެއް" ނެތް ކަމަށެވެ.

އަދި ތުރުކީން އެކި ގައުމުތަކުގެ އެހީތެރިކަން ވަރަށް ބޮޑަށް ބޭނުންވާ ކަމަށް އޭނާ ބުނެފައި ވެއެވެ.

އަދި ރިޕޯޓްތައް ބުނާގޮތުން މީހުން އެހީއަށް އެދި ގޮވާލި އަޑު ދަނީ އިވެމުންނެވެ. މި އަޑުތައް އިއްވަމުން ދަނީ ސާޗް އެންޑް ރެސްކިއު ޓީމްތަކުގެ ސަމާލުކަން ހޯދުމަށެވެ. އެއީ އެ މީހުންނާއި ހަމައަށް ވާސިލްވާން ބޭނުންވާ އެންމެ ރަނގަޅު އާލާތްތައް ޓީމްތަކުގައި ނެތުމުންނެވެ.

އިއްޔެ ފަތިހު 04:17 އިން ފެށިގެން ތުރުކީގެ އެކި ކަންކޮޅުތަކުގައި މީހުން އެ ތިބީ ބިރުވެރިކަމެއްގައެވެ. އެހެންކަމުން އެ ގައުމުގެ ރައްޔިތުންނަށް ހަމަ ނިދި ނުލިބޭ ގޮތް ވަނީ ވެފައެވެ. އެ ގައުމުގެ އެންމެންގެ ފަރާތުންވެސް ފެނިގެން ދަނީ ނުތަނަވަސް ކަމެވެ. ދެން ވާނީ ކިހިނެއްބާއޭ ހިތައް އަރާ ވާހަކަދައްކަމުންދާ މީހުންނާއި ހިތާމައިން ފޯވެ ރޯ މީހުން މަދެއް ނޫނެވެ.

ތުރުކީ އާއި ސީރިއާގެ ހާލަތާއި މެދު ހަމްދަރުދީވެ ކަރުނަ އަޅާ މީހުންވެސް މަދެއް ނޫނެވެ.

މިއީ 1939 ވަނަ އަހަރުގެ ފަހުން އެ ގައުމަށް އައި އެންމެ ބޮޑު ބިންހެލުމެވެ. މި ބިންހެލުމުގެ ސަބަބުން 10 ސިޓީއެއްގެ 13 މިލިއަނަށް ވުރެ ގިނަ މީހުންނަށް ވަނީ އަސަރުކޮށްފައެވެ.

މި ކާރިސާގެ މިންވަރަކީ ގައުމަށް ފެނުނު އެންމެ ނުބައި ހުވަފެނުން ބޭރުގެ މިންވަރެކެވެ. ޓީވީ ސްކްރީނާއި ފޯނުގައި ހިފަހައްޓައިގެން އެންމެ ފަހުގެ ޚަބަރުތައް ހިފަހައްޓައި، ކޮންމެވެސް ވަރެއްގެ އެހީއެއް ދެވޭނެ ގޮތެއް ދެނެގަތުމުގެ މަސައްކަތް ކުރަމުން ދިޔައެވެ.

ތުރުކީ އާއި ސީރިއާގެ ފަހުގެ އަދާހަމަތައް!

އިއްޔެ ފަތިހު ތުރުކީއަށް އައި 7.8 މެގެނެޓިއުޑް ބާރުމިނުގެ ބިންހެލުމަށްފަހު އެ ގައުމުގެ ހާލަތު އޮތީ ގޯހުން ގޯހަށް ގޮސްފައެވެ. އަދި ސީރިއާގެ ހާލަތުވެސް ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ.

އޭގެ 12 ގަޑިއިރު ފަހުން އަނެއްކާވެސް ތުރުކީއަށް 7.5 މެގްނެޓިއުޑް ބާރުމިނުގެ ބިންހެލުމެއް އައިއިރު ދެ ގައުމުގެ ހާލަތު އިތުރަށް ގޯސްވެގެން ވަނީ ގޮސްފައެވެ.

އަދި އޭގެ ފަހުން ދެ ގައުމުގެ އެކި ސަރަހައްދުތަކަށް ބިންހެލުންތައް އައިސްފައި ވެއެވެ.

މި ބިންހެލުންތަކާއި ގުޅިގެން ދެ ގައުމުގެ އިންފްރާސްޓަރްކްޗަރ އަށްވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ވެފައެވެ.

އޭގެ ތެރޭގައި މުހިންމު ބައެއް އިމާރާތްތައް ހިމެނެއެވެ.

އެގޮތުން ބީބީސީން ހިއްސާކޮށްފައިވާ މައުލޫމާތަށް ބަލާއިރު 6،300 އަށް ވުރެ ގިނަ މީހުން ވަނީ މި ބިންހެލުމުގައި މަރުވެފައެވެ.

އަދިި މިހާރުވެސް އިމަޖެންސީގައި މަސައްކަތް ކުރާ މީހުން ދަނީ ބޯކޮށް ވާރޭވެހި ސްނޯގެ ތެރޭގައިވެސް އެތައް ހާސް އިމާރާތެއް ވެއްޓި، އެ އިމާރާތްތަކުގއ ދަށުގައި ތާށިވެފައި ތިބި މީހުން ސަލާމަތް ކުރުމުގއ މަސައްކަތްތައް ކުރަމުންނެވެ.

ތުރުކީއަށް ކުރިމަތިވެފައިވާ މި ހާލަތުގެ ސަބަބުން ތިން މަސް ދުވަހުގެ ކުއްލި ނުރައްކަލުގެ ހާލަތު ވަނީ އިއުލާނު ކޮށްފައެވެ. އެގޮތުން ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ކުއްލި ހާލަތު އިއުލާނު ކޮށްފައި ވަނީ ބިންހެލުމުގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވާ 10 ޕްރޮވިންސްގައެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިވްއެޗްއޯ) އިން ހިއްސާ ކޮށްފައިވާ މައުލޫމާތަށް ބަލާއިރު ތުރުކީ އާއި ސީރިއާގެ އެކި ކަންކޮޅުތަކުގައި 23 މިލިއަން މީހުންނަށް މި ކާރިސާގެ އަސަރު ކޮށްފާނެ ކަމަށް ބެލެވެއެވެ.

ތުރުކީ އާއި ސީރިއާއަށް ކުރިމަތިވެފައިވާ މި ހާލަތާއި ގުޅިގެން ދުނިޔޭގެ އެކި ގައުމުތަކުން، ހާއްސަކޮށް އިޓަލީ، އެމެރިކާ، އިސްރާއީލް އަދި ޓައިވާން ފަދަ ގައުމުތަކުން ދަނީ ސްޕެޝަލިސްޓް ޓީމްތަކާއި ސްނިފަރ ކުއްތާތަކާއި އިކުއިޕްމަންޓްތައް ހިމެނޭގޮތަށް މީހުން ސަލާމަތްކުރުމުގެ މަސައްކަތަށް އެހީތެރިކަން ފޮނުވަމުންނެވެ.

ތުރުކީ އޮތީ ދުނިޔޭގައި ބިންހެލުމުގެ އެންމެ ހަރަކާތްތެރި އެއް ސަރަހައްދުގައެވެ.

އެގޮތުން އެ ގައުމަށް ފާއިތުވެދިޔަ އަހަރުތަކުގައި ނުރައްކާތެރި އެތައް ބިންހެލުމެއް އައިސްފައި ވެއެވެ. އެގޮތުން 1999 ވަނަ އަހަރު އެ ގައުމުގެ ހުޅަނގު އުތުރަށް އައި ނުރައްކާތެރި ބިންހެލުމުގައި 17،000 އަށް ވުރެ ގިނަ މީހުން މަރުވިއެވެ. އެ ގައުމަށް މިހާތަނަށް އައި އެންމެ ބޮޑު ބިންހެލުމުގެ ކާރިސާއަކީ 1939 ވަނަ އަހަރު ތުރުކީގެ އިރުމަތީ އެރްޒިންކަން ޕްރޮވިންސަށް އައި ބިންހެލުމެވެ. މި ބިންހެލުމުގައި 33،000 މީހުން މަރުވި އެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ބޮސް

    ޔާﷲ ޢަޅަމެންގެ މުސްލިމުއަހުންނާއި އުޚުތުންނަށް ކުރިމަތިވާ މިފަދަ ކާރިސާތަކުން އިބަﷲގެ އޯގާވަންތަ ކަމުން އަޅަމެންނަށް ސަލާމަތާއި ރައްކާތެރިކަން މިންވަރު ކުރައްވާށި. ޢާމީން

    29
    • ޒޯއީ

      އާމީން

      11