ތުރުކީގެ ދެކުނުގެ ސަރަހައްދާއި ސީރިއާގެ އުތުރަށް ބިންހެލުންތައް އައިތާ ދެ ދުވަސްވީއެވެ. މީހުން ސަލާމަތް ކުރުމުގައި އެތައް ޓީމްތަކުން ދަނީ ހަރަކާތްތެރިވަމުންނެވެ. މި ބައިމީހުން މަސައްކަތް ކުރަމުންދަނީވެސް ގަދަ ފިނީގައެވެ.

މި ބިންހެލުންތަކުގައި އެތައް ބައެއްގެ ފުރާނަ ގެއްލި އެތައް ބަޔަކު ހޮސްޕިޓަލްތަކުގައި ފަރުވާދެމުންނެވެ. އަދި މި ބިންހެލުމުގައި ބިމާ ހަމަވި އިމާރާތްތަކުގެ ދަށުގައި އެތައް ބަޔަކު އެބަތިއްބެވެ. މީހުން ސަލާމަތް ކުރުމުގައި ހަރަކާތްތެރިވަމުންދާ މީހުންގެ އަންނާނެ ވަގުތަކަށް އެތައް ބަޔަކު އަދިވެސް ތިބީ އިންތިޒާރުގައެވެ. ސަލާމަތް ވާނެ ކަމުގެ އުއްމީދާއިވެސް އެކުގައެވެ.

އެންމެ ފަހުގެ މައުލޫމާތުތަކަށް ބަލާއިރު، ތުރުކީގައި އިމާރާތްތަކުގެ ދަށުން 8،000 އަށް ވުރެ ގިނަ މީހުން ވަނީ ނަގާފައެވެ، ސަރުކާރުގެ ހިޔާތަކުގައި ނުވަތަ ހޮޓާތަކުގައި 380،000 އެއްހާ މީހުން ހިމާޔަތް ހޯދާފައި ވެއެވެ.

ތުރުކީގައި އިމާރާތްތަކުގެ ދަށުން އިތުރު ކުދިން ސަލާމަތްކޮށްފި!

ތުރުކީގައި އިމާރާތްތަކުގެ ދަށުވެފައު ތިބި ކުދިން ސަލާމަތް ކުރުމުގައި އެތައް ބަޔަކު ދަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން އެންމެ ފަހުން އައި ހަބަރަކީ ތުރުކީގެ ދެކުނުން އިތުރު ކުޑަކުދިން ތަކެއް ސަލާމަތްކުރި ކަމުގެ މައުލޫމާތެވެ. އެ މައުލޫމާތު އާއްމުކޮށްފައި ވަނީ ތުރުކީގެ ދައުލަތުގެ މީޑިއާއިންނެވެ.

އެގޮތުން އޭގެ ތެރޭގައި މަލަތިޔާ ޕްރޮވިންސްގެ އުމުރުން 12 އަހަރުގެ އަންހެން ކުއްޖަކު 40 ގަޑިއިރު ފަހުން ވަނީ އިމާރާތްތަކުގެ ދަށުން ސަލާމަތްކޮށްފައެވެ. އަދި ހަޓޭ ޕްރޮވިންސްގައި ވެއްޓިފައިވާ ފަސް ބުރީގެ އިމާރާތެއްގެ ދަށުން 10 އަހަރުގެ ސީރިއާ ކުއްޖަކު ވަނީ ސަލާމަތް ކޮށްފައެވެ. އެ ކުއްޖާ ސަލާމަތްކޮށްފައި ވަނީ 39 ގަޑިއިރު ވަންދެން އެ އިމާރާތުގެ ދަށުގައި އޮތް އެ ކުއްޖާ ސަލާމަތް ކޮށްފައި ވަނީ ރެސްކިއު ޓީމްތަކުންނެވެ.

އޭގެ އިތުރުން ބިންހެލުން އައިތާ 33 ގަޑިއިރު ފަހުން ހަޓޭގައި ހަތަރު އަހަރުގެ އިތުރު އަންހެން ކުއްޖަކު ސަލާމަތްކޮށްފައިވާ ކަމަށް ދައުލަތުގެ މީޑިއާއިން ވަނީ ބުނެފައެވެ. އަދި ހަޓޭގައި ހުރި އިމާރާތެއްގެ ދަށުން ހަ އަހަރުގެ ފިރިހެން ކުއްޖަކު ވެސް ވަނީ ނަގާފައެވެ.

އަނާޑޯލު އެޖެންސީން ބުނީ އެ ކުއްޖާގެ މަންމަ ސަލާމަތް ކުރުމުގެ މަސައްކަތް އެމަޖެންސީ ކްރޫއިން މިހާރު ކުރަމުން އަންނަ ކަމަށެވެ.

ތުރުކީ އާއި ސީރިއާގެ އޮފިޝަލުން ވިދާޅުވާ ގޮތުގައި ހޯމަ ދުވަހު އައި ބިންހެލުމުގައި ގާތްގަނޑަކަށް 8،000 މީހުން މަރުވެ، 40،000 އަށް ވުރެ ގިނަ މީހުން ވަނީ ޒަހަމްވެފައެވެ.

އަދި ބިންހެލުން އައިތާ 48 ގަޑިއިރަށް ވުރެ ގިނަ އިރު ވީއިރުވެސް މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ހުއްޓާ ނުލާ ކުރިއަށްގެންދާއިރު، ވެއްޓިފައިވާ ގެދޮރުގެ ދަށުން އެތައް ބަޔަކު ވަނީ ސަލާމަތްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޝައިޚް

    މި ބިންމަތީގައި ބޮޑާވެ ހިތުހުރިހާގޮތަކަށް އުޅެމުންދާ އިންސާނުން ލިބިގަންނަންވީ ދަރުސަކީ ﷲ ސުބުޙާނަހޫ ވަތަޢާލާ ވޮޑިގެންވާ ކަމާއި އެއީ ބާރުވެރި އިލާހު ކަމަށާއި ކޯފާވެވޮޑިގަތުން ދުރު އެހެނަސް އެދިވޮޑިގެންފި ހިނދެއްގައި ގަދަފަދަ ޢަޒާބުދެއްވާ ރަސްކަލާންގެކަމާއި އެއީ ސަދޫމް މަތިފުށް ދަށަށްޖެއްސެވި ރަސްކަލާންގެ ކަމާއި ސަމޫދު އަދި ޢާދުބާގަ ފިރުޢަަވްނާއި ހާމާނާއި ޤާރޫނު ނެތިކުރެއްވި ރަސްކަލާންގެ ކަމެވެ. ޕޮމްޕޭއަށް މެދުވެރިވި ވަބާއާއި ، ދާދިފަހުން މުޅި ދުނިޔެ ދޮވެލި ސުނާމީ އާއި ދުނިޔެ ފިތްކަނޑުވައިލި ކޮވިޑަކީ ވިސްނާމީހަކަށް ޢިބުރަތްތަކެއް ލިބޭނޭ ކަންކަމެވެ. މާތްﷲ އަޅަމެން މިފަދަ މުޞީބާތްތަކުން ސަލާމަތްކުރައްވާ އިބަ އިލާހަށް ކިޔަމަންތެރި ބަޔަކުކަމުގައި ލައްވާންދޭވެ.

    20
    1
    • Anonymous

      ޢާމީން، ޔާރައްބަލްް ޢާލަމީން.