ދުނިޔޭގެ އެންމެ ބޮޑެތި އިގުތިޞާދުތަކުގެ މާލީ އޮފިޝަލުންގެ ބައްދަލުވުމުގައި، ޔުކްރޭނުގައި ކުރަމުންދާ ހަނގުރާމައާއި ގުޅިގެން ރަޝިއާ ކުށްވެރިކޮށް، ބަޔާނެއް ނެރުމަށް ކުރި މަސައްކަތް ނާކާމިޔާބު ވެއްޖެއެވެ.

ދުނިޔޭގެ އެންމެ ބޮޑެތި އިގުތިޞާދުތައް ކަމުގައި ބުނެވޭ ޖީ 20 ގައުމުތަކުގެ ބައްދަލުވުމުގައި، ހަނގުރާމަ ކުށްވެރިކުރަން އެއްބަސްވުމަކަށް ނާދެވުނީ ރަޝިއާ އާއި ޗައިނާއިން އެކަމާއި ދެކޮޅު ހެދުމުންނެވެ.

މިފަހަރު އިންޑިއާ އިން ރިޔާސަތު ބަލަހައްޓާ މި ބައްދަލުވުން އޮތީ އެގައުމުގެ ބެންގަލޫރުގައެވެ. ބައްދަލުވުމުގައި ހަނގުރާމައިގެ މައްސަލަ އުފުލަން އިންޑިއާއިންވެސް ފުރަތަމަ ފަސްޖެހުނު ނަމަވެސް، ހުޅަނގުގެ ގައުމުތަކުން ތަކުރާރުކޮށް ބުނެފައިވަނީ ހަނގުރާމަ ކުށްވެރިކުރުން ނޫން ނިންމުމަކަށް އެމީހުން ތާއީދު ނުކުރާނެ ކަމަށެވެ.

ނަމަވެސް ޖީ 20 ގައުމުތަކުގެ މެދުގައި މިކަމާއި މެދު އެއްބަސްވުމަކަށް ނާދެވުމުން، އެންމެ ފަހުން އިންޑިއާއިން ވަނީ ދެ ދުވަހުގެ އެ ބައްދަލުވުމުގެ ހުލާސާއާއި އެކުގައި، މި ހިޔާލު ތަފާތު ވުންތަކުގެ ވާހަކަވެސް ހިމަނާފައެވެ.

"ގިނަ ގައުމުތަކުން ވަނީ ޔުކްރޭނުގައި ހިނގަމުންދާ ހަނގުރާމަ ހަރުކަށި އިބާރާތުން ކުށްވެރިކޮށް، ހަނގުރާމައިގެ ސަބަބުން އިންސާނިއްޔަތަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވަމުންދާ ކަމާއި، ދުނިޔޭގެ އިގުތިޞާދުގައި މިހާރުވެސް ހުރި ދަތިތައް އިތުރުވެގެންދާ ކަން ފާހަގަ ކޮށްފައި." ބަޔާނުގައި ވެއެވެ.

"ނަމަވެސް މިކަމާއި ގުޅިގެން އެހެން ހިޔާލުތަކާއި، އަދި ދަތިކުރުމުގެ ފިޔަވަޅުތަކާއި ހާލަތާއި ގުޅޭ ގޮތުން ތަފާތު ނަޒަރިއްޔާތުވެސް ހުރި." ރަޝިއާ އަށް އަދަބު ދިނުމުގެ ގޮތުން، އެގައުމުގެ އާމްދަނީ އަށް ގެއްލުން ދިނުމަށްޓަކައި އެމެރިކާއިންނާއި، ޔޫރަޕުގެ ގައުމުތަކުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ރިއާޔަތް ކުރަމުން ބަޔާނުގައި ބުނެފައިވެއެވެ.

އެންމެ ފަހުން، މިދިޔަ ނޮވެމްބަރު މަހުގައި އިންޑޮނޭޝިއާގެ ބާލީގައި އޮތް ޖީ 20 ބައްދަލުވުންވެސް ނިމުނީ ހަމަ މިފަދަ ގޮތަކަށް އެއްބަސްވުމަކަށް ނާދެވިއެވެ.

ޗައިނާއިން މި އެއްބަސްވުމުގައި ބައިވެރިވާން ދެކޮޅު ހެދުމަކީ ހިތާމަހުރި ކަމެއް ކަމުގައި ޖަރުމަނުގެ މާލީ ވަޒީރު ކްރިސްޓިއަން ލިންޑްނަރ ވަނީ ވިދާޅުވެފައެވެ.

އެމެރިކާގެ ޓްރެޝަރީ ސެކްޓްރީ ޖެނެޓް ޔެލެން ވިދާޅުވެފައިވަނީ ކޮންމެ ބަޔާނެއްގައިވެސް ރަޝިއާ ކުށްވެރި ކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށެވެ.

ބައްދަލުވުމުގެ ދެ އޮފިޝަލުންނާއި ހަވާލާދީ ރޮއިޓާސް އިން ބުނެފައިވަނީ، ޖީ 20 ބައްދަލުވުންތަކުގައި ސިޔާސީ ކަންތައްތައް މަޝްވަރާކުރަން ޗައިނާ އާއި ރަޝިއާއިން ބޭނުން ނުވާ ކަމަށެވެ.

ރަޝިއާއިން ބުނެފައިވަނީ ހަނގުރާމައާއި މެދު އެމެރިކާއިންނާއި، ޔޫރަޕިއަން ޔޫނިއަން ދެކޭ ގޮތާއި މެދު އެހެން މީހުންވެސް އެއްބަސްކުރުވުމަށް، އެފަރާތްތަކުން "ބްލެކްމެއިލް" ކޮށް މަޖުބޫރުކުރުވަނީ ކަމަށެވެ. ރަޝިއާގެ ހާރިޖީ ވުޒާރާއިން ވަނީ، ދުނިޔޭގައި ތަފާތު ހިޔާލުތައް ގެންގުޅޭނެކަން ވީހާވެސް އަވަހަށް ގަބޫލުކޮށް، އެމެރިކާއިން ގެންގުޅޭ ގެއްލުންދެނިވި ސިޔާސަތު ދޫކޮށްލުމަށް ގޮވާލާފައެވެ.

އަދި ސަލާމަތީ ކަންތައްތަކުގެ ތެރެއަށް ނުވަދެ، ޖީ 20 ސަމިޓް އޮންނަން ޖެހޭނީ އިގުތިޞާދީ ފޯރަމެއްގެ ގޮތުގައި ކަމަށްވެސް އެ ވުޒާރާއިން ބުނެފައިވެއެވެ.

އިންޑިއާ އާއި ޗައިނާއިން މީގެ ކުރިންވެސް މަސައްކަތް ކޮށްފައިވަނީ ރަޝިއާ ހަނގުރާމަ ކުށްވެރިނުކޮށް، އެއްވެސް އަތަކަށް ނުޖެހި އޮތުމަށެވެ. އެގޮތުން ޔުކްރޭނުން ރަޝިއާ ސިފައިން ބާލަން ގޮވާލައި، އދ. ގެ އާންމު މަޖިލީހުގައި މިދިޔަ ބުރާސްފަތި ދުވަހު ނެގި ވޯޓުގައިވެސް އިންޑިއާ އާއި ޗައިނާއިން ބައިވެރިވެފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޖުހާ.

    ،،،އެގޮތުން ޔުކްރޭނުން ރަޝިއާ ސިފައިން ބާލަން ގޮވާލައި، އދ. ގެ އާންމު މަޖިލީހުގައި މިދިޔަ ބުރާސްފަތި ދުވަހު ނެގި ވޯޓުގައިވެސް އިންޑިއާ އާއި ޗައިނާއިން ބައިވެރިވެފައެއް ނުވެއެވެ،،،
    ނަމަވެސް ދުނިޔޭގެ ސުޕަޕަވަރު ދިވެހިރާއްޖޭގެ ވަޅޯ ސޯލިހު ފޮނުވާފަހުރި ހާރިޖީ ވަޒީރު ވޯޓުދިނީ ރަސިއާއާއި ދެކޮޅަށް.