ފައިސާގެ ދަތިކަން ކުރިމަތިވުމުން، އަނބިމީހާ އާއި ކުޑަ ދެ ފިރިހެން ދަރިން މަރާލުމަށްފަހު، 38 އަހަރުގެ މީހަކު އަމިއްލަ އަށް މަރުވާން މަސައްކަތް ކޮށްފިއެވެ.

މި ހާދިސާ ހިނގާފައިވަނީ އިންޑިއާގެ ވެރިރަށް ނިއު ދިއްލީގެ ދެކުނުގެ އޮންނަ މޯހަން ގާޑަން ސަރަހައްދުގައި މިއަދު ހެނދުނުގެ ވަގުތެއްގައި ކަމަށް ފުލުހުން ވަނީ މައުލޫމާތު ދެއްވާފައެވެ.

ފުލުހުން ބުނެފައިވަނީ ރާޖޭޝް ކިޔާ މީހަކު ވަނީ އޭނާގެ 35 އަހަރުގެ އަނބމީހާ އާއި، ދެ ފިރިހެން ދަރިން މަރާލާފައި ކަމަށެވެ. އޭގެ ތެރެއިން ބޮޑު ކުއްޖާގެ އުމުރަކީ ފަސް އަހަރު ކަމަށާއި، ދެވަނަ ކުއްޖާގެ އުމުރަކީ 4 މަސް ކަމަށް ފުލުހުން ބުނެފައި ވެއެވެ.

އަނބިމީހާ އާއި ދަރިން މަރާލުމަށްފަހު، ރާޖޭޝް ވަނީ އަމިއްލަ އަށް މަރުވުމަށްޓަކައި، އޭނާގެ އަތުގެ ކުޑަ ހުޅު، ތޫނު އެއްޗަކުން ފުން ކޮށް ޒަހަމް ކޮށްލާފައެވެ. ނަމަވެސް އެ ހަމަލާގެ ސަބަބުން ރާޖޭޝް މަރުވެފައެއް ނުވެއެވެ. ފުލުހުން ވަނީ އެތަނަށް ގޮސް އޭނާ ހޮސްޕިޓަލަށް ގެންގޮސްފައެވެ. މިހާރު ރާޖޭޝް އަށް ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

ރާޖޭޝް ވަނީ އޭނާ އަށް ދިމާވެގެން އުޅޭ މާލީ ދަތި ތަކުގެ ވާހަކަ ކިޔައިދީ، މިއަދުގެ ފަތިހުގެ ވަގުތެއްގައި، އޭނާގެ ރަހުމަތްތެރިންނަށް މެސެޖުތަކެއް ފޮނުވާފައެވެ. އެއަށްފަހު ރާޖޭޝްގެ ރަހުމަތްތެރިން ވަނީ އޭނާގެ ބޭބެގެ ސަމާލުކަމަށް އެކަން ގެނެސްފައެވެ. އަދި މިއަދު ހެނދުނު 6 ޖަހާކަން ހާއިރު، ރާޖޭޝްގެ ބޭބެ ވަނީ ފުލުހުންނަށް އެކަން އަންގާފައި ކަމަށް ފުލުހުންގެ ޑެޕިއުޓީ ކޮމިޝަނަރު، އެމް ހަރްޝަވަރްދަން ވިދާޅުވިއެވެ.

މި ހާދިސާ ހިނގި އިރު، ރާޖޭޝްގެ މައިންބަފައިން ތިބީ ޖެހިގެން ހުރި ކޮޓަރީގައި ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ. އެ ދެމީހުންނަކީވެސް 75 އަހަރުން މަތީގެ ދެމީހުންނެވެ. ފުލުހުން މިހާރު ދަނީ އެމީހުންނާއި ވެސް ވާހަކަ ދައްކަމުންނެވެ.

ރާޖޭޝްއަކީ މިހާރު ކުޑަ ފިހާރައެއް ހިންގާ މީހެކެވެ. ނަމަވެސް ކުރިން އޭނާ އަކީ މުދަލުގެ ފެންވަރު ބެލުމަށްފަހު ދޭ "އައިއެސްއޯ" ސެޓްފިކެޓް ވިޔަފާރިތަކަށް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރާ ކުންފުންޏެއް ހިނގި މީހެކެވެ.

ފުލުހުން ބުނެފައިވަނީ ރާޖޭޝްގެ މައްޗަށް ގަސްދުގައި މީހުން މެރިކަމުގެ ދައުވާ ކުރެވޭނެ ކަމަށެވެ.

ދުނިޔޭގެ އެކި ހިސާބުތަކުގައި، ހާއްސަކޮށް ތަރައްގީ ވަމުންދާ އޭޝިއާގެ ގައުމުތަކުގައި، މާލީ ދަތިތަކާއި، އާއިލީ ހަމަނުޖެހުންތަކުގެ ސަބަބުން އަމިއްލަ އަށް މަރުވާ މީހުން ގިނައެވެ.

ކިޔުންތެރިންގެ ހިޔާލު