ޕާކިސްތާނުގެ ހުޅަނގު ދެކުނު ގައި އޮންނަ ބާޒާރެއްގެ ތެރޭގައި ދިން ބޮމުގެ ހަމަލާއެއްގައި 5 މީހުން މަރުވެފައިވާ ކަމަށް އެގައުމުގެ އިދާރާތަކުން ބުނެފިއެވެ.

މި ހަމަލާ ދީފައިވަނީ ހުޅަނގުދެކުނު ޕްރޮވިންސްގެ ވެރިރަށް، ގުއެޓާ އާއި 600 ކިލޯމީޓަރު ދުރުގައި އޮންނަ ބަރްޚާން ގައި މިއަދުގެ ވަގުތެއްގައެވެ. ހަމަލާ ދިން އިރު ބާޒާރުގައި އެތައް ބަޔަކު ހަރަކާތްތެރިވަމުން ދިޔަ ކަމަށްވެއެވެ. މި ހަމަލާގައި އިތުރު 16 މީހުން ޒަހަމް ވެފައިވާ ކަމަށްވެސް އިދާރާތަކުން ވަނީ މައުލޫމާތު ދީފައެވެ.

މި ހަމަލާގެ ޒިންމާ އަދި އެއްވެސް ފަރާތަކުން އުފުލާފައެއް ނުވެއެވެ.

އެ ސަރަހައްދުގެ ފުލުހުންގެ ވެރިޔާ ސައްޖާދު އަފްޒަލް ވިދާޅުވީ ބޮން ހަރުކޮށްފައި ހުރީ ސައިކަލެއްގައި ކަމަށާއި، ބޮން ގޮއްވާލާފައިވަނީ ރިމޯޓެއް ބޭނުން ކޮށްގެން ކަމަށެވެ. ހަމަލާގައި މީހުން މަރުވުމުގެ އިތުރުން، އެ ސަރަހައްދުގައި ހުރި ވަރަށް ގިނަ ފިހާރަ ތަކަށްވެސް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް އަފްޒަލް ވިދާޅުވިއެވެ. އަފްޒަލް ވިދާޅުވީ މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ކުރި މީހުން ވަނީ ޒަހަމްވެފައިވާ މީހުން ހޮސްޕިޓަލަށް ގެންގޮސްފައި ކަމަށެވެ.

ޕާކިސްތާނުގެ މައި ސަރުކާރުން ބަލޮޗިސްތާނު ވަކިކޮށް، މިނިވަން ކުރުމަށް ގޮވާލަމުންދާ ވަކިވެގެންނަން މަސައްކަތް ކުރާ ކުދި ކުދި ޖަމާއަތްތަކާއި، އަދި 'ބަލޮޗިސްތާން ލިބަރޭޝަން އާމީ' އޭ ކިޔާ ހަނގުރާމަވެރިންގެ ސަބަބުން އެހިސާބަކީ އަބަދުވެސް ހަމަނުޖެހުން ބޮޑު ސަރަހައްދެވެ.

އެ ހަމަނުޖެހުންތައް ހައްލު ކުރެވިފައިވާ ކަމަށް އިދާރާތަކުން ބުނި ނަމަވެސް، އަދިވެސް އެ ހިސާބުގައި ހަމަލާތައް ދިނުން ދަނީ ކުރިއަށެވެ. ޕާކިސްތާނުގެ ޠާލިބާނު ހަނގުރާމަވެރިންނާއި، އަދި އައިއެސް ޖަމާއަތުންވެސް އެ ސަރަހައްދަށް ހަމަލާ ދެއެވެ.

ބަލޮޗިސްތާނުގެ ޗީފް މިނިސްޓަރު، އަބްދުލް ޤުދޫސް ބިޒެންޖޯ ވަނީ މިއީ ނިރުބަވެރި ހަމަލާއެއް ކަމަށް ވިދާޅުވެ، މި ހަމަލާ ކުށްވެރި ކުރައްވާފައެވެ. ސީދާ ވަކި ބަޔަކަށް އިޝާރާތް ކުރެއްވުމަކާއި ނުލައި، އޭނާ ވިދާޅުވީ ނިރުބަވެރިން އެމީހުންގެ އަމާޒުތަކަށް ވާސިލުވުމަށްޓަކައި، މިފަދަ ހަމަލާތަކުގެ ޒަރީއްޔާއިން މީހުންގެ ތެރޭގައި ޝައްކާއި ވަހުމު އުފައްދަން މަސައްކަތް ކުރަނީ ކަމަށާއި، ދައުލާތާއި ދެކޮޅަށް މަސައްކަތް ކުރަމުންދާ އެމީހުންނަށް ކާމިޔާބު ލިބުނަ ނުދޭނެ ކަމަށެވެ.

ޕާކިސްތާނުގައި ވަރަށް ގިނައިން ބޮމުގެ ހަމަލާތައް ދެއެވެ. އެގޮތުން މިދިޔަ ޖެނުއަރީ މަހުގެ ފަހުކޮޅު، ޕޭޝާވަރުގެ މިސްކިތެއްގައި ޖަމާއަތުގައި ނަމާދު ކުރަން ތިއްބާ، ޖާނުން ފިދާވެގެން ދިން ހަމަލާއެއްގައި 100 އެއްހާ މީހުން މަރުވެފައިވާ އިރު، އެތައް ސަތޭކަ މީހުން ޒަހަމްވެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު