އެމެރިކާއިން ޓައިވާނަށް 610 މިލިއަން ޑޮލަރުގެ ހަތިޔާރު ވިއްކަން އެއްބަސްވެއްޖެއެވެ.

އެމެރިކާއިން ޓައިވާނަށް ހަތިޔާރު ފޯރުކޮށްދޭން އިއްޔެ ނިންމާފައިވާ އިރު، އިއްޔެ އާއި މިއަދުވެސް ޗައިނާ އިން ދަނީ ޓައިވާނުގެ ކައިރީގައި އަސްކަރީ މަތިންދާބޯޓުތައް އުދުއްސަމުން ކަމަށް ޓައިވާނުން ބުނެފައި ވެއެވެ.

މި ހަތިޔާރުގެ ވިޔަފާރި އާއި އެކު، އެމެރިކާ އާއި ޗައިނާ އާއި ދޭތެރޭގައި މިހާރުވެސް ގޯސްވެފައިވާ ގުޅުންތައް އިތުރަށް ހީނަރު ވެގެންދާނެ ކަމަށް ލަފާކުރެވެއެވެ. ޗައިނާގެ ބައެއްގެ ގޮތުގައި އެގައުމުން ގަބޫލުކުރާ، ވަކި ވެރިކަމެއް ކުރާ ޓައިވާނަށް ހަތިޔާރު ވިއްކުމާއި، ފޯރުކޮށްދިނުމުގެ ހަރަކާތްތައް ހުއްޓާލުމަށް ޗައިނާއިން ވަނީ އެމެރިކާއަށް ތަކުރާރު ކޮށް ގޮވާލާފައެވެ.

އެމެރިކާގެ އަސްކަރީ މައި އިދާރާ، ޕެންޓަގަން އިން އިއްޔެ ބުނެފައިވަނީ އެމެރިކާގެ ސަރުކާރުން ވަނީ ޓައިވާނަށް ހަތިޔާރާއި އަސްކަރީ އާލާތްތައް ވިއްކަން އެއްބަސްވެފައިވެފައި ކަމަށެވެ. އޭގެ ތެރޭގައި އެތައް ސަތޭކަ މިސައިލުވެސް ހިމެނެއެވެ.

"މި ވިޔަފާރި އެއްބަސްވުމުން، ގަންނަ ފަރާތުގެ ވައިގެ ސަރަހައްދުގެ ދިފާއީ ގާބިލުކަމާއި، ސަރަހައްދީ ސަލާމަތާއި، އަދި އެމެރިކާއާއި އެކުގައި އަސްކަރީ ހަރަކާތްތައް ހިންގުމުގެ ގާބިލުކަންވެސް އިތުރުވެގެން ދާނެ." ޕެންޓަގަން އިން ބުނެފައި ވެއެވެ.

ޓައިވާނުގެ ޑިފެންސް މިނިސްޓްރީން ބުނެފައިވަނީ "ކޮމިއުނިސްޓް އަސްކަރިއްޔާއިން ދޭ އިންޒާރުތަކާއި، ދައްކާ ބިރުތަކާއި ކުރިމަތިލައި، ގައުމުގެ ވައިގެ ސަރަހައްދު ދިފާއު ކުރުމަށް" އެ މިސައިލުތަކުން އެހީތެރިވާނެ ކަމަށެވެ.

ޓައިވާނަށް ހަތިޔާރު ވިއްކާތީ، އެ ހަތިޔާރުތައް ވިއްކާ ދެ ކުންފުންޏާއި ދެކޮޅަށްވެސް ޗައިނާއިން ވަނީ ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައެވެ.

ޗައިނާގެ ހާރިޖީ ވުޒާރާއިން ބުނެފައިވަނީ މި ވިޔަފާރި އެއްބަސްވުމަށް ޗައިނާއިން ހަރުކަށި އިބާރާތުން ދެކޮޅު ހަދާ ކަމަށެވެ. އަދި އެމެރިކާއިން ޓައިވާނަށް ހަތިޔާރު ފޯރުކޮށްދިނުމާއި، ޓައިވާނާއި އެކު އަސްކަރީ ގުޅުންތައް ބޭއްވުން ހުއްޓާލަން ޖެހޭ ކަމަށްވެސް އެ ވުޒާރާއިން ބުނެފައި ވެއެވެ.

ކަން މިހެން އޮތް އިރު ޗައިނާއިން ދަނީ ދޭތެރެ ދޭތެރެއިން ޓައިވާނުގެ ދިފާއީ ވައިގެ ސަރަހައްދުގައި އަސްކަރީ މަތިންދާ ބޯޓުފަހަރު ދުއްވާ، އަސްކަރީ ތަމްރީނުތައް ހިންގަމުންނެވެ. އެގޮތުން އިއްޔެ އާއި މިއަދުވެސް ޗައިނާއިން ދަނީ ޓައިވާނުގެ ކައިރީގައި ބޯޓުފަހަރު އުދުއްސަމުން ކަމަށް ޓައިވާނުން ބުނެފައިވެއެވެ.

ޗައިނާއިން ބުނެފައިވަނީ ޗައިނާއިން އެ ސަރަހައްދުގައި ހިންގާ ހަރަކާތްތަކަށް ސައްހަ ސަބަބެއް އެބަ އޮތް ކަމަށެވެ. ޗައިނާއިން ބުނެފައިވަނީ ޗައިނާއިން ބޭނުންވަނީ ޗައިނާގެ ސަރަހައްދު ހިމާޔަތް ކުރަން ކަމަށާއި، އެމެރިކާއިން އަމިއްލަ ފައިދާއަށް ޓައިވާން "ހައްދަން" ކުރާ މަސައްކަތްތަކާއި ދެކޮޅަށް އެމެރިކާއަށް އިންޒާރު ދިނުމަށް ކަމަށެވެ.

މިފަހަރު ޗައިނާއިން އުދުއްސި ބޯޓުތައް ޓައިވާން ސްޓްރެއިޓް ގެ މީޑިއަން ރޮނގު ހުރަސްކޮށްފައެއް ނުވެއެވެ. އެ ރޮނގަކީ ދެ ފަރާތުގެ ސަރަހައްދު ވަކިކުރާ ނުރަސްމީ ރޮނގެކެވެ. ނަމަވެސް މިދިޔަ ހުކުރު ދުވަހު ޗައިނާގެ ބޯޓުތަކެއް ވަނީ މި ރޮނގު ހުރަސް ކޮށްފައެވެ،