ރަޝިއާގެ ފޮރިން މިނިސްޓަރ ސާޖިއޭ ލަވްރޯވް އާއި އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންތަނީ ބްލިންކެން ޖީ-20 ބައްދަލުވުމުގެ ހަވާސާގައި މިއަދު ބައްދަލު ކުރައްވައިފިއެވެ.

އިންޑިއާގެ ނިއުދިއްލީގައި ކުރިއަށްދާ ޖީ-20 ބައްދަލުވުމުގެ ހަވާސާގައި ލަވްރޯވް އާއި ބްލިންކެން ބައްދަލު ކުރި ނަމަވެސް އެބައްދަލުވުމުުގައި ނަތީޖާއެއް ނެރެވޭވަރުގެ މަޝްވަރާއެއް ކުރިއަށް ނުދާކަމަށް އޮފިޝަލުންނާއި ހަވާލާދީ މީޑިއާތަކުން ބުނެއެވެ. "ދެ ގައުމުގެ އެންމެ އިސް ޑިޕްލޮމެޓުންގެ ބައްދަލުވުމަށް 10 މިނެޓް ވެސް ހޭދައެއް ނުވޭ." އެމެރިކާގެ ސްޓޭޓް ޑިޕާޓްމެންޓްގެ އޮފިޝަލަކު ވިދާޅުވިއެވެ.

އެބައްދަލުވުމުގައި ބްލިންކެން ވަނީ ޔޫކްރޭން އަމިއްލައަށް ރަޝިއާ އާއި ހަނގުރާމަކޮށް ދިފާއު ވެވޭނެ ފަދަ ހަތިޔާރު ޔޫކްރޭނަށް އެމެރިކާ އިން ފޯރުކޮށްދޭނެ ކަމަށް ލަވްރޯވް އަށް އަންގާފައި ކަމަށް ވެސް އަލްޖަޒީރާ އިން ބުނެއެވެ.

މިއީ ހަނގުރާމަ ފެށިފަހުން އެމެރިކާ އާއި ރަޝިއާގެ ހާރިޖީ ވަޒީރުން ބައްދަލުކުރި ފުރަތަމަ ފަހަރެވެ.

ބްލިންކެން އާއި ލަވްރޯވްގެ ބައްދަލުވުމުގެ ތަފްސީލްތަކެއް އަދި އެއްވެސް ގައުމަކުން ހާމައެއް ނުކުރެއެވެ.

ރަޝިއާ އާއި ޔޫކްރޭނުން ކުރަމުން އަންނަ ހަނގުރާމައަށް އެއްއަހަރު ދުވަސް ވެފައި ވާއިރު ދެގައުމުގެ ދެމެދުގައި ސުލްހަ ގާއިމު ކުރުމަށް ޗައިނާ އިން އިސްނެގުމުން ސުލްހައިގެ އުއްމީދު އާވި ނަމަވެސް ޗައިނާގެ ޕްލޭނަށް އަދި އެއްވެސް ގައުމަކުން މާބޮޑަކަށް ތާއީދެއް ނުކުރެއެވެ. ރަޝިއާ އިން ވެސް ބުނެފައި ވަނީ ޗައިނާގެ ހުށަހެޅުންތަކާއިމެދު އެގައުމުން ވިސްނާނެ ކަމަށެވެ.

މީޑިއާތަކުން ބުނާ ގޮތުގައި ރަޝިއާ އިން ވަނީ ރީތި ގޮތުގައި ޗައިނާގެ ހުށަހެޅުންތަކަށް ނޫނެކޭ ބުނެފައެވެ.

ޗައިނާގެ ހުށަހެޅުމެއް އޮއްވާ ޖޯ-20 ސަމިޓްގެ ތެރެއިން ލަވްރޯވް އާއި ބްލިންކެން ބައްދަލުވުން އެއީ ސުލްހައަށް މަގުފަހި ކުރުމަށް ލިބުނު އިތުރު ފުރުސަތެއް ކަމަށް ކުރިން ލަފާކުރެވުނު ނަމަވެސް ދެބޭފުޅުންގެ ބައްދަލުވުމަށް ހޭދަވި ވަގުތައް ބަލާއިރު އެއީ ބޭކާރު ބައްދަލުވުމެއްކަން ވަރަށް ސާފުކަމަށް ބައިނަލްއަޤުވާމީ މީޑިއާތަކުން ބުނެއެވެ.