ރަޝިއާއަށް މަސްތުވާތަކެތި އެތެރެ ކުރުމުގެ ކުށުގައި ޖަލު ހުކުމެއް އިއްވާފައި ހުރި އެމެރިކާގެ ބާސްކެޓް ކުޅުންތެރިޔާ ބްރިޓްނީ ގްރިނާ ދޫކޮށްލައިފިއެވެ. ގްރިނާ ރަޝިއާގެ ޖަލުން މިނިވަން ކުރީ އޭނާ ޖަލުގައި ހުންނަތާ ދިހަމަސް ދުވަސް ފަހުންނެވެ.

ރަޝިއާ އިން ގްރިނާ މިނިވަން ކުރިކަން އެމެރިކާގެ ރައީސް ޖޯ ބައިޑެން ވަނީ މިރޭ ކަށަވަރު ކޮށްދީފައެވެ. ބައިޑެން ވަނީ ފޯނުން ގްރިނާ އާއި ވާހަކަ ދައްކަވާފައެވެ. ބައިޑެން ކުރި ޓްވީޓެއްގައި ވިދާޅުވީ މިހާރު ގްރިނާ އިނީ އެމެރިކާ އަށް އައުމަށް ފްލައިޓްގައި ކަމަށެވެ.

އެމެރިކާގެ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ރަޝިއާ އިން ގްރިނާ ދޫކޮށްލީ އެމެރިކާ ސަރުކާރާއިއެކު ހެދި "ޑީލެއްގެ ދަށުންނެވެ." އެމެރިކާ އިން ވަނީ ރަޝިއާ އިން ގްރިނާ ދޫކޮށްލުމުން ބަދަލެއްގެ ގޮތުން އެމެރިކާގެ ޖަލުގައި ހުރި ރަޝިއާގެ ވިކްޓޯ ބޮޓް ދޫކޮށްލަން އެއްބަސްވެފައި ކަމަށް ރިޕޯޓްތައް ބުނެއެވެ. ވިކްޓޯ އަކީ ބައިނަލްއަޤުވާމީ އެކި ފަރާތްތަކަށް ބްލެކްމާކެޓްގައި ހަތިޔާރު ވިއްކާ ކަމަށް އެމެރިކާ އިން ބުނާ މީހެކެވެ. އެތުހުމަތުގައި ހައްޔަރުކޮށް އޭނާގެ މައްޗަށް އެމެރިކާ އިން ވަނީ 25 އަހަރުގެ ޖަލު ހުކުމެއް ވެސް އިއްވާފައެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ގްރިނާ އާއި ވިކްޓޯ ބަދަލުކޮށް، ރަޝިއާ އާއި އެމެރިކާގެ އޮފިޝަލުން މި ޑީލް ނިންމާނީ އަބޫދާބީގެ އެއާޕޯޓްގައެވެ. ގްރިނާ ރަޝިއާ އިން ފުރައިގެން ފުރަތަމަ ދަތުރު ކުރާނީ އަބޫދާބީއަށެވެ. ވިކްޓޯ އެމެރިކާ އިން ފުރައިގެން ދަތުރު ކުރާނީ ވެސް އަބޫދާބީއަށެވެ. އަބޫދާބީގެ އެއާޕޯޓްގައި ކުށްވެރިން ބަދަލު ކުރުމުގެ ކަންކަން ދެގައުމުގެ ސަރުކާރުގެ އޮފިޝަލުން ކުރިއަށް ގެންދާނެއެވެ.

ރަޝިއާ އިން ގްރިނާ ހައްޔަރު ކުރީ އޭނާ ބާސްކެޓް ކުޅެން ރަޝިއާ އަށް ދިޔައިރު ދަބަހުން މަސްތުވާތަކެތި ފެނިގެންނެވެ. އޭނާގެ މައްޗަށް ވަނީ ނުވަ އަހަރާއި ބައިގެ ޖަލު ހުކުމެއް އިއްވާފައެވެ.

އެމެރިކާ އާއި ރަޝިއާ އިން ވަނީ މީގެ ކުރިން ވެސް ކުއްވެރިން ބަދަލު ކުރުމުގެ މިފަދަ އެތައް ޑީލެއް ހަދާފައެވެ.